ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ އިޤުތިޞާދީ ސަރަޙައްދަކަށް ވެގެންދާނީ ހއ. އަތޮޅާއި، އާއި ހދ. އަތޮޅު ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް އަޙްމަދު) ވިދާޅުވެއްޖެއެވެ.
ދޮންބިލެއް އަޙްމަދު މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ މަޖިލިސްގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގައެވެ.
އެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޡިމް ހުށަހަޅުއްވާފައިވާ، ''ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު''އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމުން ދޮންބިލެތް އަޙްމަދު ވިދާޅުވީ ހއ. އަދި ހދ. އަތޮޅަކީ މި ސަރުކާރުން ތަރައްޤީގެ އެންމެ ބޮޑު އަމާޒެއް ހިފާފައި އޮތް ސަރަހައްދު ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެ ބިލުގެ ބަހުސްގައި ނޮޅިވަރަން ދާއިރާގެ މެންބަރުގެ މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ދެއްކެވި ވާހަކައަށް އިޝާރާތް ކުރަށްވާ އޭނާ ވިދާޅުވީ، ހދ. ގައި ތަރައްޤީގެ މަސައްކަތް އެއްވެސް ސަރުކާރަކުން ކޮށްފައިނެތްކަން އެއީ މެންބަރު މޮސްޓާ ފާޅުކުރެއްވި ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
''ވަރަށްބޮޑު ޙަޤީޤަތެއް ޢިއްޒަތްތެރި ރައީސް، ހދ. ގައި ތަރައްޤީގެ މަސައްކަތް އެއްވެސް ސަރުކާރަކުން ކޮށްފައިނެތްކަން. ވަރަށް ބޮޑު ޙަޤީޤަތެއް، އިއްޒަތްތެރި ރައީސް ޙަޤީޤަތުގައި ވެސް ހދ. ގައި ހަމަ ރިސޯޓެއް ނެތް، އެންމެ ރިސޯޓެއް އޮތީ. އެހެންނަމަވެސް، އަޅުގަނޑަކީ މި ސަރުކާރުގެ މެންބަރަކަށް ވާތީ، އެމް.ޑީ.ޕީގެ މެންބަރަކަށް ވާތީ، މި ސަރުކާރުގެ ޕްލޭނާއި ވިސްނުން، އަދި އެޖެންޑާ-19ގެ ވިސްނުން ވަރަށް ރަނގަޅަށް އެނގޭ މީހަކަށް ވާތީ، މި ދަންނަވަނީ ކުރިއަށް އޮތް ތަނުގައި މި ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ އިޤުތިޞާދީ ސަރަޙައްދަކަށް ވެގެންދާނީ ހދ. އާއި ހއ.އާ''
ދޮންބިލެތް އަޙްމަދު ވިދާޅުވިއެވެ.
މި ސަރުކާރުން ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރަން 43 މިލިއަން ޑޮލަރު ޚަރަދުކުރަން ނިންމާފައިވާކަން ފާހަގަ ކުރަށްވައި، އޭނާ ވިދާޅުވީ އެ އެއާޕޯޓު ތަރައްޤީވެގެން އަންނައިރު އެ އެއާޕޯޓު ހިންގަން ބޭނުންކަމަށް ވާނަމަ، ފަތުރުވެރިކަމުގެ 25،000 އެނދު އެ ސަރަޙައްދައް އަންނަން ޖެހޭ ކަމަށެވެ.
''ދާދި މިދާކަށްދުވަހު ސަރުކާރުން ވަނީ ހއ. ހދ.ގައި 7 ރިސޯޓެއް އިޢުލާންކޮށްފައި އޭގެތެރޭގައި އަޅުގަނޑު ފާހަގަކުރަން ވަރަށް ރީތި ރަށެއް އެބައޮތް. އެއީ ހދ. ވައިކަރަމުރައިދޫ. އެއީ ކުރީގެ އެލިޔާގެ އަތުގައި އޮތް ރަށެއް. މިއަދު ވަނީ ސަރުކާރުން ނަންގަވާފަ. އެ ރަށް ވަނީ މިއަދު ބިޑަށް ދޫކޮށްފަ. އެއީ ވަރަށް ރަނގަޅު ރަށެއް. ވަރަށް ގިނަ ކޮޓަރި އެޅޭ ގޮތަކަށް އޮތާ ވަރަށް ބޮޑު ރަށެއް ހދ. ވައިކަރަމުރައިދޫއަކީ، އަދި އޭގެއިތުރަށް ހޮނޑައިދޫ އެބައޮތް، އެއީ ވެސް ވަރަށް ބޮޑު ރަށެއް. އެހެންވީމާ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހއ. ހދ.ގައި ރިސޯޓުތައް އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކޮށް އަދި އެއަރޕޯޓަކީ ބައިނަލްއަގުވާމީ އެއަރޕޯޓެއްގެ ބޯޑުގެ ބަދަލުގައި ޙަޤީޤަތުގައި ބައިނަލްއަގުވާމީ އެއަރޕޯޓަކަށް ވުން،''
އެހެންކަމުން އޭނާ ގަބޫލުކުރަށްވާ ގޮތުގައި މި ސަރުކާރު ވެގެންދާނީ ހއ. ، ހދ. ގެ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢު ހިންގި
ސަރުކާރަށް ކަމަށް ވެސް ދޮންބިލެތް އަޙްމަދު ހަލީމް ދެއްކެވި ވާހަކާގައި ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!