ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މެދުކަނޑާލާފައިވާ ނާސްތާ ޕްރޮގްރާމް އެދެވޭ ބަދަލުތަކާއިއެކު އަންނަ ޖެނުއަރީ މަހު އަލުން ފަށަން މަސައްކަތް ކުރަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިގޮތުން ގެނައުމަށް ހަމަޖެހިފައިވާ ބަދަލުތަކުގައި އެންމެ ބޮޑު ސަމާލުކަމެއް ދިނުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ދަރިވަރުންނަށް ދެވޭ ކާނާ އެއީ މިންހެޔޮ ކާނާއަށް ހެދުމުގެ އިތުރުން ކާނާގެ ސާފުތާހިރުކަން ކަށަވަރު ކުރުމެވެ. އަދި މިހާރު ބޭނުންކުރާ މެނޫއަށް ވެސް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާ ކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ކުރިއަށް ގެންދެވުނު ނާސްތާ ޕްރޮގްރާމްގެ ސަބަބުން ސްކޫލް މާހައުލުގައި ހެޔޮ ބަދަލުތަކެއް ފެނިގެން ގޮސްފައިވާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. މިގޮތުން ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލުތަކެއް އަންނަން ފަށާފައިވާ ކަމަށާއި، ދަރިވަރުން ފިލާވަޅަށް ދޭ ސަމާލުކަން އިތުރުވުމުގެ އިތުރުން، ދަރިވަރުން ގަނޑިއަށް ސްކޫލަށް އައުމުގައި ދޭ ސަމާލުކަން ވެސް ނާސްތާ ޕްރޮގްރާމްގެ ސަބަބުން އިތުރުވެފައިވާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެއިތުރުން ނާސްތާ ޕްރޮގްރާމްގެ ސަބަބުން ރަށްރަށަށް ސީދާގޮތުންނާއި ނުސީދާގޮތުން ވެސް ފައިދާތަކެއް ވަމުން އަންނަ ކަމުގައި މިންސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
ނާސްތާ ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ދިވެހި ސަރުކާރުން ރަސްމީކޮށް ނާސްތާ ޕްރޮގްރާމް ފައްޓަވާފައިވަނީ 13 ޖަނަވަރީ 2019 ގައެވެ. ނަމަވެސް މި ޕްރޮގްރާމް ފުރަތަމަ ތަޢާރަފް ކޮށްފައިވަނީ މާލެއާއި ރާއްޖެތެރޭގެ ބައެއް ސްކޫލްތައް ހިމެނޭހެން 25 ސްކޫލަކަށެވެ. ނަމަވެސް އެ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށުމާއިއެކު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމް މެދުކަނޑާލާފައިވަނީ ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކުރުމާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!