2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ތިބި ބައެއް ކުޑަކުދިންނާއިމެދު އެތަނުގެ ބައެއް މުއައްޒަފުންގެ ފަރާތުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަށް ދީފައިވާ މައްސަލައިގެ ތުހުމަތުގައި 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް ނިންމައިފިއެވެ.

އެކަން ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން މިމައްސަލަ ބެލުމަށްފަހު ޢާއްމުކުރެއްވި ބަޔާނެއްގައެވެ.

Ad
rt

އެބަޔާނުގައި ބުނެފައި ވަނީ އެ ކޮމިޝަން ކުރިއަށް ގެންދިޔަ ތަހުގީގުގައި 2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނާއި މެދެ އެތަނުގެ ބައެއް މުވައްޒަފުންގެ ފަރާތުން އެކިއެކި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ދީފައިިވާ މައްސަލައެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ކުޑަކުދިންގެ ހިޔާގައި އޭރު މަސައްކަތް ކުރަމުންދިޔަ ބައެއް މުވައްޒިފުން އެ ތަނުގައި ތިބި ކުދިންނާމެދު އަނިޔާވެރިވި މައްސަލައެއް 2018 ގައި ފުލުހަށް ހުށައެޅި ނަމަވެސް، މިހާތަނަށްވެސް އެ މައްސަލާގައި އެއްވެސް މީހެއްގެ މައްޗަށް ފިޔަވަޅު އަޅާފައިނުވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

އެހެންކަމުން މިމައްސަލަ އަވަސްކުރުމަށް ކަމާއިބެހޭ މުއައްސަސާތައް ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްކޮށް، މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނާއި ޕީޖީ އާއި ފުލުހުން ގުޅިގެން އެކުލަވާލީ ޓީމުން، މިހާތަނަށް 24 މީހަކާއި، ސުވާލުކޮށް 24 ބަޔާނެއް ނަގާފައިވާކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި 5 ކުދިންނާއި ސުވާލު ކޮށް، މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު ފަރާތްތަކެއް މިހާރު ދެނެގަނެވިފައިވާކަމަށް ވެސް އެ ކޮމިޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ކޮމިޝަނުން ބުނީ، މި މައްސަލަ ތަހުގީގު ފުރިހަމަކޮށް 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް މިހާރު ޕީޖީއަށް ފޮނުވާފައިވާ ކަމަށާއި، އަދި ޕީޖީން މައްސަލަ ބަލައިގަނެ ދައުވާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިމައްސަލަ ތަހުގީގުކޮށް ފިޔަވަޅުއެޅުމުގައި ޒިންމާވާ މުއައްސަސާތަކުގެ އެއްވެސް އިހުމާލެއްވޭތޯ ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ބަޔާނުގައި އިތުރަށް ވަނީ ބުނެފައެވެ.