ރާއްޖޭގެ ތިމާވެށީގެެ ހިމާޔަތުގައި ވަކާލާތުކޮށް މަސައްކަތް ކުރާ ''ސޭވް މޯލްޑިވްސް'' ހަރަކާތުގެ ފަރާތުން، ''19 ވަނަ މެންގްރޫވް އާރޓް ކޮންޓެސްޓް'' ގައި ހދ. ނޭކުރެންދޫ ސްކޫލުން ހޯދި ކާމިޔާބީ ފާހަގަކޮށް، ބަޔާނެއް ނެރެފިއެވެ.

ބައިނަލް އަޤަވާމީ މި ކުރެހުމުގެ މުބާރާތުން ނޭކުރެންދޫ 3 ދަރިވަރަކު ފަޚުރުވެރި ވަނަތައް ހާސިލް ކޮށްފައިވާއިރު، މި މުބާރާތުގައި އެ ސްކޫލުން ބައިވެރިވެފައި ވަނީ ''ސޭވް މޯލްޑިވްސް'' ހަރަކާތުގެ އެހީތެރިކަމުގެ ތެރެއިންނެވެ.

Ad
rt

މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް) ގެ ފަރާތުން އިންތިޒާމުކޮށްގެން މުޅިދުނިޔެއަށް ހުޅުވާލައިގެން މިއަހަރު ސެޕްޓެމްބަރު މަހު ބޭއްވި ބައިނަލްއަޤްވާމީ 19 ވަނަ މެންގްރޫވް އާރޓް ކޮންޓެސްޓްގައި ނޭކުރެންދޫ ސްކޫލް ހޯދި ކާމިޔާބީ ފާހަގަކޮށް ''ސޭވް މޯލްޑިވްސް''' ހަރަކާތުން ބުނީ މިއީ މެޕްގެ ފަރާތުން ދުނިޔޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން މެންގްރޫވްސް (ކަނޑޫފާ, ކުޅި, ޗަކަ ބިންތައް ނުވަތަ ކުޅިފާތައް) އާއި ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި އެތަންތަނުގެ މުހިއްމުކަން އަންގައިދިނުމުގެ މަޤްސަދުގައި ހިންގި ކުރެހުމުގެ މުބާރާތެއް ކަމަށެވެ.

ކުރެހުންތައް އޮންލައިންކޮށް ހުށަހަޅާ ގޮތައް ބޭއްވުނު މި މުބާރާތުގެ ޝިއާރަކީ “މެންގްރޫވްސް ހުންނަ މުޖުތަމައުތަކަށާއި އަދި ދުނިޔެއަށް އެތަންތަން މުހިއްމުވަނީ ކީއްވެގެންބާ؟”ކަމަށާއި، އަދި މިއީ ދިވެހިރާއްޖޭން މި މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރުކަމަށް ވެސް އެ ހަރަކާތުން ބުންޏެވެ.

1 ވަނަ ހޯދި ވިޝާލްގެ ކުރެހުން

މި މުބާރާތް އިންތިޒާމްކުރި މެޕް ޖަމުޢިއްޔާއަކީ ދުނިޔޭގައި ކުޅި، ފާ އަދި ޗަސް ބިންތައް ހިމާޔަތްކުރުމަށާއި އެތަންތަން އިޔާދަކުރުމަށާއި އެތަންތަނުގެ ދިރުންތަކުގެ މުހިއްމުކަން ފާހަގަކުރުމަށް 25 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ޖަމުޢިއްޔާއެކެވެ.

''ރާއްޖޭގެ 11 ރަށެއްގައިވާ ކުޅި ފާތައް އާދަޔާޙިލާފަށް މަރުވަމުންދާ މިދަނޑިވަޅަކީ އެތަންތަނުގެ ފައިދާތައް އާންމުންނަށް އެންގުމާއި، އެތަންތަނުގެ ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށް ބާރުއެޅުމަށް ލިބިގެންދާ މުހިއްމު ފުރުސަތެކެވެ. މި ރަށްތަކުގެ ތެރޭގައި ހދ.ނޭކުރެންދޫ ކަނޑޫފާވެސް ހިމެނެއެވެ. 2018 ވަނަ އަހަރު ހިމާޔަތްކުރެވިފައިވާ ނޭކުރެންދޫ ކަނޑޫފާ 2019 ޑިސެމްބަރު މަހުން ފެށިގެން އާދަޔާ ޚިލާފަށް މަރުވާކަން ފާހަގަކުރެވި، އެކަން އިތުރަށް ދިރާސާކުރުމަށާއި އެ މައްސަލައަށް ސަމާލުކަން އިތުރުކުރުމުގެ މަޤްސަދުގައި ނޭކުރެންދޫ ކައުންސިލުން އިސްނަގައިގެން މަސައްކަތް ފަށާފައިވަނީ ސޭވް މޯލްޑިވްސް ކެމްޕޭން, މެޕް އަދި އައިޔޫސީއެން އެމްއެސްޖީ އާއި ގުޅިގެންނެވެ. ދިވެހިރާއްޖެއަކީ 70 އަށް ވުރެން ގިނަ ކުޅި ފާތައް އޮންނަ “މެންގްރޫވް ޤައުމެއް” ކަމަށްވާއިރު ދިވެހިރާއްޖޭގައި ހުރި މިފަދަ ކުޅި ފާތައް ދުނިޔޭގެ ފެންވަރުގައި ދައްކާލުމަށާއި އެ ވަސީލަތްތަކުގެ މުހިންމުކަން އާންމުކުރުމަށް ކުރެހުންތެރިކަމުގެ ފަންނު މެދުވެރިކޮށް މިލިބުނު ފުރުސަތުގެ ބޭނުން ނޭކުރެންދޫ ސްކޫލްގެ ފަރާތުން އެންމެ ފުރިހަމަ ގޮތުގައި ވަނީ ހިފާފައެވެ.''

''ސޭވް މޯލްޑިވްސް'' ހަރަކާތުން ބުންޏެވެ.

މި އަހަރު އަލަށް މި މުބާރާތުގައި ދިވެހިރާއްޖޭން ބައިވެރިވެފައިވާއިރު މި މުބާރާތުގައި ރަސްމީ ހައިސިއްޔަތުން ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ ހަމައެކަނި ހދ.ނޭކުރެންދޫ ސްކޫލުކަން ފާހަގަކޮށް، އެ ހަރަކާތުން ބުނީ 06 އަހަރާއި 16 އަހަރުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު މި މުބާރާތައް ނޭކުރެންދޫ ސްކޫލްގެ 71 ދަރިވަރަކު ކުރެހުން ހުށަހެޅި ކަމަށެވެ.

34 ގައުމެއްގެ ދަރިވަރުންނާއި ވާދަކޮށްގެން މި މުބާރާތުގެ 1, 2 އަދި 3 ވަނައަށް ހޮވުނު ކުރެހުންތަކުގެ ތެރޭގައި ނޭކުރެންދޫ ސްކޫލްގެ 03 ދަރިވަރެއްގެ ކުރެހުން ހިމެނުނުކަން ފާހަގަކޮށް މި މުބާރާތުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް އެ ހަރަކާތުން ވަނީ މަރުހަބާއާއި ޝުކުރު ދަންނަވާފައެވެ. އަދި ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

2 ވަނަ ހޯދި ޒުހާގެ ކުރެހުން

މި މުބާރާތާއި މެދު ދަރިވަރުންގެ ޝައުޤުވެރިކަން އިތުރު ކުރުމަށް ނޭކުރެންދޫ ކައުންސިލް, މެޕް އަދި ސޭވް މޯލްޑިވްސް ކެމްޕޭން ގުޅިގެން “ކަނޑޫފާ ކްލާސްގެ” ނަމުގައި މެންގްރޫވްސް އަދި އެ ނިޒާމުތަކުގެ މުހިއްމުކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ. ދަރިވަރުން, މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށް ބޭއްވުނު މި ކިލާސްތައް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ.

''މި މުބާރާތަށް ހުށަހެޅި ކުރެހުންތައް ޖަޖްކުރެވި, ވަނަތައް ލިބުނު ދަރިވަރުންގެ ކުރެހުންތައް ހިމަނައިގެން 2021 ވަނަ އަހަރަށް ކަލަންޑަރެއް މެޕްގެ ފަރާތުން އެކުލަވާލަން ވަނީ ރާވާފައެވެ. އަދި ވަނަތަކަށް ހޮވުނު ކުރެހުންތައް ހިމަނައިގެން އޮންލައިންކޮށް އާރޓް އެގްޒިބިޝަނެއް ބޭއްވުމަށް މެޕްއިން ދަނީ ތައްޔާރުވަމުންނެވެ. މި މުބާރާތުގައި ބައިވެރިވި ސްކޫލްތަކަށް މި ކަލަންޑަރުގެ ކޮޕީ މެޕްއިން ހަދިޔާކުރާނެއެވެ. އަދި މި މުބާރާތުގެ ވަނަތަކަށް ހޮވުނު ދަރިވަރުންނަށް މެޕްގެ ފަރާތުން ސެޓްފިކެޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނޭކުރެންދޫގެ ކަނޑޫފާ އާދަޔާ ޙިލާފަށް މަރުވަމުންދާ ދިޔުން އިތުރަށް ދިރާސާކޮށް އެތަން ކުރީގައި އޮތް ހާލަތަށް އިޔާދަކުރުމަށް ނޭކުރެންދޫ ކައުންސިލުން އިސްނަންގަވައިގެން ސޭވް މޯލްޑިވްސް ކެމްޕޭން އަދި މެޕް އާއި ގުޅިގެން ކުރިޔަށް ގެންދާ #SaveNeykurendhooKandoofaa ކެމްޕޭނުގައި ދަރިވަރުންގެ ކުރެހުންތައް ބޭނުންކުރެވޭނެއެވެ.''

''ސޭވް މޯލްޑިވްސް'' ހަރަކާތުން ބުންޏެވެ.

''ސޭވް މޯލްޑިވްސް'' ހަރަކާތުން ބުނީ އެ ހަރަކާތުން ދެކޭ ގޮތުގައި މިފަދަ ޤުދުރަތީ ވެށިތަކަކީ އެކަށީގެންވާ ފެންވަރެއްގައި ބެލެހެއްޓި، އިޔާދަކުރަނިވި ގޮތެއްގައި ޕްލޭންތައް އެކުލަވާލާ ވިލަރެސް ކުރެވި، ހިމާޔަތްކުރެވެން ޖެހޭ ޤުދުރަތީ ވަސީލަތްތަކެއް ކަމަށެވެ. އަދި އެތަންތަން ހިމާޔަތްކުރުމަކީ ރަށާއި ރަށުގެ ރައްޔިތުންގެ ރައްކާތެރިކަމާއި ވިލުންވެރިކަމަށް ކޮންމެހެން ބޭނުންތެރި، އަދި ޚާއްސަގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރާއި ކާރިސީ ހިރާސް ކުޑަކުރުމަށް ކުރަންޖެހިފައިވާ ކަމެއްކަމަށް އެ ކެމްޕެއިނުން ބުންޏެވެ.

އެހެންކަމުން މި ކުޅިފާތައް މަރުވަމުންދާ ދިޔުން ހައްލުކުރުމުގައި ސްކޫލް މަދަރުސާތަކުން ފައިދާކުރަނިވި ދައުރެއް އަދާކުރެވޭނެކަން ފާހަގަކޮށް، އޭގެ އިތުރުން ރަށުގެ ކުދި ބޮޑު އެންމެހާ ފަރުދުންނާއި ޖަމުޢިއްޔާ ޖަމާޢަތްތައް, ހޭލުންތެރިވެ މި މަސައްކަތުގައި އަމަލީ ހިއްސާއެއް އޮތުމަކީ ކުރަންޖެހޭ ކަމެއްކަމުގައި އެ ހަރަކާތުން ދެކޭކަމަށް، އެ ހަރަކާތުން ބުންޏެވެ.

3 ވަނަ ހޯދި ލައިޝާގެ ކުރެހުން

''މެޕް''އިން މިފަހަރު ބޭއްވި މުބާރާތުގެ މުޅިދުނިޔޭން 1 ވަނާގައި ހިމެނުނު 4 ދަރިވަރުންތެރޭ ހިމެނި، އެ މުބާރާތުގެ ފަޚުރުވެރި 1 ވަނަ ހާސިލްކޮށްފައިވާ ނޭކުރެންދޫ ސްކޫލްގެ ދަރިވަރަކީ އެ ސްކޫލްގެ ގްރޭޑް 5 ގެ ދަރިވަރު، ޢުމުރުން 11 އަހަރުގެ މުޙައްމަދު ވިޝާލް ވަޖީހެވެ.

އެ މުބާރާތުން މުޅި ދުނިޔޭން ފަޚުރުވެރި 2 ވަނަ ހޯދި ދަރިވަރަކީ ނޭކުރެންދޫ ސްކޫލްގެ ގްރޭޑް 6 ގެ ދަރިވަރު، ޢުމުރުން 12 އަހަރުގެ ހާޖަރަތު ޒުހާއެވެ. އަދި ފަޚުރުވެރި 3 ވަނަ ހޯދި ދަރިވަރަކީ އެ ސްކޫލްގެ ގްރޭޑް 5 ގެ ދަރިވަރު، ޢުމުރުން 11 އަހަރުގެ މަރިޔަމް ލައިޝާ ޢަލީ ޝިހާމެވެ.

ބައިނަލް އަޤްވާމީ ކުރެމުހުމުގެ މުބާރާތަކުން ރަށުގެ ކަނޑޫފަލާއި ގުޅުވައިގެން ކުރެހި ކުރެހުންތަކުން މުޅިރާއްޖެ ފަޚުރުވެރިވާނެ ވަނަތަކެއް ނޭކުރެންދޫ ސްކޫލްގެ ދަރިވަރުން ހޯދާފައިވާއިރު، ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާ، ނޭކުރެންދޫ ކަނޑޫފަލުން ދިހަ ހާހަށްވުރެ ގިނަ ކަނޑޫ ގަސްތައް މަރުވެއްޖެކަން ހާމަކޮށް އެރަށުގެ ކައުންސިލުން އެ ރަށުގެ ކަނޑޫފާ ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ މިއަހަރުގެ ޖޫން މަހު ތެރޭގައިއެވެ. މިއަހަރުގެ މާޗް މަހުން ފެށިގެން ހަލުވިމިނެއްގައި އެރަށުގެ ކަނޑޫފަލުން ކަނޑޫ ގަސްތައް މަރުވަމުން ދާކަމަށް އެ ކައުންސިލުން ހާމަ ކުރިއެވެ. އެޔާއިއެކު ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ސޭވް މޯލްޑިވްސްއިން ވަނީ އެކަމުގައި ބައިވެރިވެ މަސައްކަތް ފަށާފައިއެވެ.

މިގޮތުން ސޭވް މޯލްޑިވްސް އިސްވެއޮވެ، އެރަށުގެ ކައުންސިލާއި ގުޅިގެން ވަނީ ޖުލައި މަސްތެރޭގައި ނޭކުރެންދޫ ކަނޑޫފާ ސަލާމަތްކުރުމަށް ދިރާސާއެއް ވެސް ފަށައިފައެވެ. ކޮމަންވެލްތުގެ ހިއުމަން އިކޮލޮޖީ ކައުންސިލުން ފަންޑުކޮށްގެން ފެށި އެ ދިރާސާއަކީ އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ)އާއި، މެގްރޫވް ދިރާސާ ކުރާ ބައިނަލްއަގުވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)އާއި ގުޅިގެން ސޭވް މޯލްޑިވްސްގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ ދިރާސާއެކެވެ.