ހއ. ހޯރަފުށީގައި، ޕަވަރ ޕާޗެސިންގ އެގްރީމެންޓްގެ ދަށުން ސޯލާ ކަރަންޓު އުފައްދާ ނިޒާމެއް އަމިއްލަ ޚަރަދުގައި ގާއިމްކޮށް، އޮޕަރޭޓްކޮށް އެނިޒާމުން އުފައްދާ ކަރަންޓު ހޯރަފުށީގެ ގްރިޑަށް ފީޑްކޮށް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް، އެރަށު ކައުންސިލުން ފުރުޞަޠު ހުޅުވާލައިފިއެވެ.
އެކަމަށް އެ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނީ އެ ކައުންސިލުން ދައްކާ، ހޯރަފުށީގެ މޫދުގެ ސަރަހައްދެއްގައި ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓް އުފައްދާ ނިޒާމެއް ޤާއިމް ކުރުމަށްޓަކައި ސޯލާ ގްރިޑް ކަނެކްޓެޑް ނިޒާމެއް "ޑިޒައިން، ބިލްޑް، އޯން، އޮޕަރޭޓް އެންޑް ޓްރާންސްފަރ" އުސޫލުން ފައިނޭންސްކޮށް ސިސްޓަމުން އުފައްދާ ކަރަންޓު ގްރިޑަށް ފީޑްކޮށް ވިއްކުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ.
މިކަމަށް ބީލަން ހުށަހެޅުމަށް ހޯރަފުށީ ކައުންސިލުން ހުޅުވާލާފައި ވާއިރު، މި މަޝްރޫޢުއާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަން 26 ނޮވެމްބަރ 2020 ވާ ބުރާސްފަތި ދުވަހު 11:00 ގައި އޮންލައިން ބޭއްވުމަށް އެ ކައުންސިލުންވަނީ ނިންމާފައެވެ. މި ބައްދަލު ވުމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 25 ނޮވެމްބަރު 2020 ވާ ބުދަ ދުވަހުގެ މެންދުރު 14:00ގެ ކުރިން އެ ކައުންސިލުގެ އީމެއިލް އެޑްރެސްއަށް މެއިލްކުރައްވައިގެން ރެޖިސްޓަރީ ވުމަށް އެ ކައުންސިލުން އެދިލައްވައެވެ. ހޯރަފުށީ ކައުންސިލުގެ މެއިލް އެޑްރެސްއަކީ info@hoarafushicouncil.gov.mv އެވެ.
މިކަމަށް ބިޑް ހުޅުވުން އޮންނާނީ 15 ޑިސެމްބަރު 2020 (އަންގާރަ) ދުވަހުގެ 11:00 ގައިކަމަށާއި އަދި މި މަސައްކަތް ކުރުމަށް ބިޑް ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަނިކަމުގައި އެ އިޢުލާނުގައި ބުނެފައިވެއެވެ.
ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓު އުފެއްދޭނެ މިންވަރު ދެނެގަތުމަށް މިހާރު ރަށުގައި ކަރަންޓު އުފެއްދުމަށް ޤާއިމުކޮށްފައިވާ ނިޒާމު ދިރާސާކޮށް ހެދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމަށާއި އަދި ހޯރަފުއްޓަށް ކަރަންޓް ފޯރުކޮށްދެމުންދާ ނިޒާމަށް ސޯލާ ޕެނަލް ހަރުކުރުމުގެ ސަބަބުން ދިމާވެދާނެ ކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ވެސް ބީލަން ހުށަހަޅާފަރާތުގެ ޒިންމާއެއް ކަމުގައި އެ އިޢުލާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ހުށަހަޅާ ބީލަންތަކަށް މާކުސް ދިނުމުގައި، އެ މާކްސްތައް ބަހާލެވިފައިވާ ގޮތުގެ ތަފްސީލު ވެސް ވަނީ އެ އިޢުލާނުގައި ހިމަނާފައެވެ. މިގޮތުން ބީލަން ހުށަހަޅާ ފަރާތުގެ މާލީ ޤާބިލުކަން ޔަޤީންކޮށްދީ ހުށަހަޅާ ލިޔުންތަކަށް ބަލައި އެބަޔަށް 30 މާކްސް، މަޝްރޫޢު ހިންގުމުގެ ޤާބިލްކަމަށްބަލައި 40 މާކްސް، އަދި މަސައްކަތް ނިންމުމަށް ހުށަހަޅާ މުއްދަތަށް 10 މާކްސް ދިނުމަށް ހަމަޖެހިފައިވާއިރު، ރަށުގައި ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓު އުފެއްދުމަށް ހުށަހަޅާ އަދަދަށް 20 މާކްސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!