އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން ކުރިއަށް ގެންދާ "އޭއެފްސީ ބްރެކެޓް ޗެލެންޖް"ގެ ފައިނަލަށް ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ދަތުރުކޮށްފިއެވެ.
ދަގަނޑޭ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލުގައި ވިއެޓްނާމުގެ ގުޔެން ގުއެންޑް ހައިއާ ވާދަކޮށް ކުރިހޯދައިގެންނެވެ. އާންމުންގެ މެދުގައި އޮންލައިނުކޮށް ނެގުނު ވޯޓުގައި ދަގަނޑޭއަށް 54.68 އިންސައްތަ ވޯޓު ލިބުނުއިރު، ގުޔެން ގުއެންޑް ހައިއަށް ލިބުނީ 45.32 އިންސައްތަ ވޯޓެވެ.
މި ކާމިޔާބާއި ގުޅިގެން އަޝްފާގް ވަނީ އޭނާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިކަމުގައި މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
"لحمدلله! އޭއްފްސީ ކަޕް ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލް ބުރުގެ ޕޯލް ކާމިޔާބު ކޮށް، ފައިނަލް ބުރަށް ދަތުރުކުރުމަށް ރެއާދުވާލު ވޯޓު ހޯއްދަވައިދެވުމަށް މަސައްކަތް ކޮށްދެއްވި އެންމެހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން! އަދި ޤައުމަށް ރީތި ނަން ހޯދައި ދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ އަޅުގަނޑުގެ ޤައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނަން! إن شاء الله "
އަޝްފާގުގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވެއެވެ.
ފައިނަލުގެ ދެ ޖާގަ މިހާރު ކަށަވަރުވެފައި ފައިނަލުގައި އަޝްފާގް ވާދަކުރަން ޖެހޭނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައިވާ ހޮންކޮންގްގެ ޗޭން ސިއު ކީ އާއެވެ.
އޭއެފްސީ ކަޕުގައި ޖަހާފައިވާ އެންމެ ރީތި ލަނޑުތަކުގެ މެދުގައި ކުރިއަށްދާ މި ޗެލެންޖުގައި ދަގަނޑޭގެ ލަނޑުތަކުގެ ތެރެއިން ހޮވާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 ން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހައިދިން ރީތި ހިތްގައުމު ސޯލޯ ލަނޑެވެ. އެ ލަނޑު ވަނީ މީގެ ކުރިން އޭއެފްސީން ހޮވި އެންމެ މޮޅު ސޯލޯ ލަނޑަށް ވެސް ހޮވިފައެވެ.
ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމް ތަކުގައި ދަގަނޑޭއަށް ވޯޓު ހޯދައިދިނުމަށް ގިނަ ބަޔަކު އަންނަނީ ކެމްޕެއިންތައް ބާއްވައި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!