2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މަސްވެރިކަމުގެ ސިނާއަތަށް ރަނގަޅު ބަޖެޓެއް ހިމަނާފައިވީ ނަމަވެސް، އުތުރުގެ މަސްވެރިކަން ތަރައްޤީކޮށް ފުޅާކުރަން ހިމަނާފައި ނުވާތީ، ބަޖެޓްގައި އުތުރުގެ މަސްވެރިކަންނަށް އޮތީ ކޮންކަމެއްތޯ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސީރު އަބުދުއްލަޠީފް ސުވާލު އުފައްދަވައިފިއެވެ.
2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ، ބަޖެޓުގައި މަސްވެރިކަމަށް އެތައް ކަމެއް ހިމަނާފައިވާ ކަމަށެވެ. މިގޮތުން މިފްކޯ ތަރައްޤީކުރުމާއި، އެހެން ވަސީލަތްތައް ތަރައްޤީކުރުމަށް ހިމަނާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އުތުރަށް އެ ބަޖެޓުން އެކަށޭނަ ޖާގަ މަސްވެރިކަމުގެ ދާއިރާއިން ދީފައި ނުވުމުން ހިތާމަ ކުރަށްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
''އުތުރުގެ މަސްވެރިންނަށް އޮތީ ކޮންކަމެއްތޯ އަޅުގަނޑު ހަމަ ސުވާލުކޮށްލަން ބޭނުންވަނީ އިއްޒަތްތެރި ރައީސް. މި ވަގުތު ވެސް ދިވެހިރާއްޖޭގެ މަސްވެރިކަން އެންމެ ރަނގަޅު އެއް ހިސާބަކީ އެއީ. ހަމަ އެއާއެކީގައި އެއްވެސް ގޮތެއް ނެތް އަޅުގަނޑުމެންގެ މަސްވެރިންނަށް އެ މަސައްކަތުގައި ކުރިއަށްދާކަން.''
ޔާސިރު ވިދާޅުވިއެވެ.
އޭނާ ޕާސަނަލީ މަސްވެރިކަމާބެހޭ ވުޒާރާގެ މިނިސްޓަރު، ޒަހާ ވަހީދުއާއި ބައްދަލުކުރެއްވި ކަމަށާއި، ''ކީއްވެގެންތޯއޭ ތި ބޭފުޅުން މަސްވެރިކަމުގެ ތެރެއަށް ނުވަންނަނީ، އެހެން މަސްވެރިކަމެއްގެ ތެރެއަށް ނުވަންނަނީ؟'' މިނިސްޓަރު ވިދާޅުވި ކަމަށް ޔާސިރު ވިދާޅުވިއެވެ.
''އަޅުގަނޑު ދެންނެވިން އެ ފުރުޞަތު ނެތް ވާހަކަ. އެ ފުރުޞަތު އަޅުގަނޑުމެންނަށް ގާއިމުކޮށްދެއްވާށޭ! އަޅުގަނޑު އެދެން މި ބަޖެޓުގެ ތެރެއިން އަޅުގަނޑުމެން މިކަމަށް ޓަކައި ހަމަ ލޯނެއް ނަގައިގެން، ސަޢޫދީ ފަންޑުން ލޯނެއް ނަގައިގެން މަސައްކަތްކުރެވޭނެ ގޮތަށް އުތުރުގައި ވެސް މަސް ކިރޭނެ ގޮތެއް، ދާއިމީކޮށް މަސް ކިރޭނެ ގޮތެއް ގާއިމުކޮށްދެއްވުމަށް. އަދި އެކަން ވާނެ ކަމަށް ވެސް އަޅުގަނޑުމެން ހަމަ އެކުގައި އުއްމީދުކުރަން.''
ޔާސިރު ވިދާޅުވިއެވެ.
ބަޖެޓް ބަހުސްގައި ޔާސިރު ވަނީ މިއަހަރު ހދ. އަތޮޅުގައި ޓޫރިޒަމްގެ އެއްވެސް މަސައްކަތެއް ކުރިއަށްދާތަން ނުފެންނަ ކަމަށްވެސް ފާހަގަ ކުރަށްވާފައެވެ. މިގޮތުން ދެއްކެވި ވާހަކާގައި އޭނާ ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އަންނަ އަހަރު ތަރައްޤީކުރެވޭނެކަމުގެ ފޮނި އުއްމީދުތައް ކުރެވޭއިރު، މި ހިނގަމުންދާ އަހަރު އަހަރު ތެރޭވެސް ހދ. އަތޮޅުގައި ޓޫރިޒަމްގެ އެއްވެސް މަސައްކަތެއް ފެށުނުތަން ނުފެނުނު ކަމަށެވެ.
''އަޅުގަނޑަށް ވަރަށް ސާފުކޮށް އެބަ އެނގޭ ހދ. އަތޮޅުގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ގާއިމުކުރި ކަމުގައި ވިޔަސް، އެތާ ބެޑްސް ނެތިއްޔާ އެއިން ކުރެވޭނެ މަންފާއެއް ނޯންނާނެ. މި ވަގުތު އަޅުގަނޑުމެން އެބަޖެހޭ އެއަރޕޯޓެއް ތަރައްޤީކޮށް ނިމެންވާއިރަށް އެއަށް ބެނުންވާވަރަށް އެނދު އެތަނުގައި ތަރައްޤީކުރަން،''
ޔާސިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފަތުރުވެރިކަމަށް ދިވެހިރާއްޖޭގެ ރަށްތައް ދޭއިރުގައި އެރަށްތައް ލިބޭގޮތަށް އޮންނަންވާނީ ދިވެހީންނަށް ކަމަށެވެ. އަދި އެންމެ ބޮޑު އިކުއިޒިޝަނަށް ރަށްތައް ދިނުމުން، ދުނިޔޭގެ ބޮޑުސިންގާ މުއްސަނދިން އެރަށްތައް ނަގައި، އިންވެސްޓުކުރުމުން އެރަށްތަކުން ލިބެންވާ ފައިދާ ކުޑަވާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ޔާސިރުވަނީ ކޯވިޑްގެ ހާލަތުގައި މި ސަރުކާރުން ގެންގުޅުއްވި ސިޔާސަތުތަކަށް ތަޢުރީފް ކުރަށްވާވެސް ވާހަކަ ދައްކަވާފައެވެ. މިގޮތުން ކޯވިޑްގެ ތަދުމަޑުކަމާއިއެކުވެސް ސަރުކާރާއި، ސަރުކާރު ކުންފުނިތަކުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރުމާއި، ކާޑުގެ އަގު ބޮޑު ނުކުރުމާއި، ކަރަންޓާއި ފެނުގެ ބިލުތަކަށް ދެވުނު އެހީތަކާއި، ބޭސް ފަރުވާއަށް ދެވުނު މަދަދުތަކާއި، އާމްދަނީއަށް އަސަރު ކުރިމީހުންނަށް ދެވޭ އިންކަމް ސަޕޯޓް އެލަވަންސާއި، ވިޔަފާރިތައް ނަގަހައްޓަން ދެވެމުންދާ ލޯނުތައް އޭނާ ވަނީ ފާހަގަ ކުރަށްވާފަ އެވެ.
އަން އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓްގެ ބަހުސް މިހާރު ނިމިފައިވާއިރު، ބަޖެޓް ރިޕޯޓަށް ތަޅުމުގައި ބަހުސްކޮށް މާދަމާ ވޯޓަށް އަހާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ. ބަޖެޓް ބަހުސްގައި ބައިވެރިވެ ވަޑައިގަތީ މަޖިލީހުގެ 87 މެންބަރުން ތެރެއިން 69 މެންބަރެކެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގެ ޖުމްލައަކީ 37.79 ބިލިއަން ރުފިޔާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!