ހދ. ނޭކުރެންދޫގައި ގާއިމު ކުރަން ނިންމާފައި ވަނީ ޖަލެއް ނޫންކަމަށާއި، އެއީ މީހުން ބިނާކުރާތަނެއްކަމަށާއި އެހެންކަމުން އަންނަ އަހަރު އެރަށުގައި، ފަންނުވެރިން އުފައްދާ މަރުކަޒެއް ވުޖޫދަށް އަންނަންޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
ރާޢީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.
ރާޢީ ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ނޭކުރެންދޫގައި ފަންނުވެރިން އުފައްދާ މަރުކަޒެއް ގާއިމުވެގެން ދިޔުމަކީ ހަމައެކަނި މަކުނުދޫ ދާއިރާއަށް އޮތް ކަމެއް ނޫން ކަމަށެވެ.
އެއީ އެމް.ޑީ.ޕީގެ ވަޢުދެއްގެ އިތުރުން ސަރުކާރުގެ ވަޢުދެއް ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ ވެރިކަމުގައިއެއީ އެމަނިކުފާނުގެ ވެސް ވަޢުދެއް ކަމަށް ރާޢީ ވިދާޅުވިއެވެ.
''އަޅުގަނޑު ދަންނަވާކަށް ނެތިން، ނޭކުރެންދޫގައި އަޅަނީ ޖަލެކޭ. ނޭކުރެންދޫގައި ޖަލެއް ނޫން އެ އަޅަނީ. ވަރަށް ގިނަ ބޭފުޅުން، ޚާއްޞަކޮށް އަޅުގަނޑުގެ ދާއިރާގެ ބޭފުޅުންނަށް ވެސް ހީވެފައި އޮންނަނީ މިއީ ޖަލެކޭ. ޖަލެއް ނޫން މިއީކީ، މިއަކީ މީހުން ބިނާކުރާ ތަނެއް އިނގޭތޯ. މީހުން އުފައްދާނެ ތަނެއް. މިއަކީ ކުށްވެރިން އުފައްދާ ތަނެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ޖަލު ކޮންމެ ގޮތަކުން ވެސް ބަޖެޓުގެ ތެރެއިން ހަމަޖައްސައިގެން އަދި ނުވިއްޔާ، ޕީ.އެސް.އައި.ޕީގެ ތެރެއަށް ލައިގެން ވެސް އަޅުގަނޑަކަށް ނޭނގެ މިކަން ކިހިނެއް ކަމެއް ކުރާނީކީ. މި ވުޖޫދަށް އަންނަން އެބަޖެހޭ ފެށޭ އަހަރު. މިކަން ވާން އެބަޖެހޭ.''
ރާޢީ ވިދާޅުވިއެވެ.
ދާއިރާތަކަށް އަންނަ އަހަރު ކަނޑައަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން ރާޢީ ވިދާޅުވީ، ދާއިރާއަކަށް ކިތަންމެ ގިނަ ކަންކަންވެސް ބަޖެޓްގައި ހިމެނިދާނެ ކަމަށެވެ.
''އެކަމަކު އަޅުގަނޑަށް މާ މުހިންމު އެ ޖަހާ ކަންތައްތައް ވުން، މި ތަނުގައި އަބަދުވެސް ވަމުންދާ ގޮތް. ވަރަށް ކުރީއްސުރެ އަޅުގަނޑުމެން ކުޑައިރު ވެސް ފެންނަ ކަމެއް، ބަޖެޓުގައި ޖަހަނީ، ޖަހަނީ، ޖަހަނީ. އޭތި ފޯލްވަމުން، ވަމުން، ވަމުން އަބަދުވެސް ގޮސް ބަހައްޓާފައި، އަޅުގަނޑުމެން އުމުރުން 40 އާ ކައިރިކުރަނީ މި އެގޮތަށް ވަމުން. އެހެންވީމާ، އަޅުގަނޑު ބޭނުމެއް ނުވޭ އަޅުގަނޑު ދާއިރާގެ އެގޮތަށް ވާކަށް. ކިތަންމެ ކުޑަ ކަމެއް ޖަހާފައި
އޮތަސް، އަޅުގަނޑު ބޭނުންވަނީ ތަންފީޛުކުރަން.''
ރާޢީ ވިދާޅުވިއެވެ.
ބަޖެޓް ބަހުސްގައި ރާޢީ ވަނީ އަންނަ އަހަރުގެ ބަޖެޓްގައި އެސް.އެމް.އީއަށް ބޮޑު އަދަދެއް ފައިސާ ހިމަނާފައިވާތީ އެކަމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. ސަރުކާރުން ދޫކުރާ އެސް.އެމް.އީ ލޯނަކީ ނުހުއްޓި ރަނގަޅު ގޮތުގައި ހިނގަންޖެހޭނެ ކަމެއް ކަމަށް އޭނާ ވަނީ ބަހުސްގައި ފާހަގަ ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!