ގައްލަންދޫ ކަނޑުގެ ބިޔަ ރާޅުތައް ހުރަސްކޮށް އިހަވަންދިއްޕޮޅުން މާލެ ދިއުމަށް ކުރިމަތިވި ތަކުލީފަށް މިވަނީ އެންމެ 2 އަހަރުން ހައްލު ހޯދައިދީފައިކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާޒް(ސިއްޕެ) ވިދާޅުވެއްޖެ އެވެ.

އިއްޔެ ރަސްމީކޮން ހުޅުވިގެން ދިޔަ ހއ. ހޯރަފުށީ ޑޮމެސްޓިކް އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ވީޑިއޯއެއް ހިއްސާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ސީދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ) ގެ ސަރުކާރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފައްޓަވާ، ނިންމަވާ، ހުޅުއްވައިދެއްވި އެއަރޕޯޓެއް ކަމަށެވެ.

Ad
rt

ސިއްޕެ މިހެން ވިދާޅުވެފައިވާއިރު. ހޯރަފުށީގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފެއްޓެވި މަސައްކަތެއް ކަމަށާއި މި ސަރުކާރުން އާ އެއްވެސް ކަމެއް ނުކުރާ ކަމަށް އިދިކޮޅު ކޯލިޝަނުންވަނީ ބުނެފައެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި އިދިކޮޅު ހިންގެވުމާ ހަވާލުވެ ހުންނެވި އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ހޯރަފުށީގައި އެއާޕޯޓް އެޅިގެން ދިޔައީ ރައީސް ޔާމީންގެ ދުރު ވިސްނުންފުޅާއެކު ކަމަށާއި އެކަމަށް ރައީސް ޔާމީނަށް ސާބަސް ދެއްވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ ހޯރަފުށީގައި ގާއިމުކޮށްފައިވާ އެއާޕޯޓަކީ މި ސަރުކާރުން އެޅި އެއާޕޯޓެކޭ ބުނި ނަމަވެސް އެކަން ގަބޫލު ނުކުރާނެ ކަމަށެވެ. އެ އެއާޕޯޓް އަޅަން ބަޖެޓް ހަމަޖައްސައި ބިން ހިއްކަން މަހާ ޖައްރާފު ފޮނުވީ ރައީސް ޔާމީން ކަމަށް ވިދާޅުވިއެވެ.

"މިއަދު ކިތަންމެ ވަރަކަށް އެއީ ތިމަންނާމެންގެ އެއާޕޯޓެކޭ ބުންޏަސް އެކަމެއް ގަބޫލެއް ނުކުރާނަން. ރައީސް ޔާމީން ވިދާޅުވީ އިރާދަކުރެއްވިއްޔާ މުސްތަގުބަލުގައި މި ހޯރަފުއްޓަށް ޖައްސާނީކީ ހޯރައެއް ނޫނޭ މި ހޯރަފުށި ފަޅުތެރެއަށް ޖައްސާނީ މަތިންދާބޯޓޭ. ބަޖެޓު ހޯއްދެވީ ރައީސް ޔާމީން. މަހާޖައްރާފު ގެންގޮސް ހިއްކަންވެގެން އެތާ ބޭއްވީ ރައީސް ޔާމީން. އެއީ ރައީސް ޔާމީންގެ އެއާޕޯޓެއް. މި ސަރުކާރަކަށް އާ އެއްކަމެއްވެސް ނުކުރެވޭ،"

އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ ހޯރަފުށީގައި އެޅިގެންދިޔަ އެއާޕޯޓް ހިދުމަތް އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ލިބިގެންދާތީ، ރައީސް ޔާމީންގެ ނަންފުޅުގައި މަރުހަބާ ދަންނަވައިފައެވެ.

އިއްޔެ އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.

މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓު މަޝްރޫ އަށް 198 މިލިއަން ރުފިޔާގެ ހޭދަކުރި އެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ހަދައި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާފައި ވެ އެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.

ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.