ހދ. މަކުނުދޫއަށް ވައިގެމަގުން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ އޭނާއާއި، މަކުނުދޫ ރައްޔިތުންގެ ވެސް ވަރަށް ބޮޑު އުންމީދެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ.

ރާޢީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

ރާޢީ ވިދާޅުވީ މަކުނުދޫއަކީ ރިމޯޓް އައިލެންޑެއް ކަމަށާއި، މަކުނުދޫއަށް ވައިގެ މަގުން ދެވޭނެ ގޮތެއް ވުމަކީ އޭނާއާއި، އެ ރަށުގެ ލޮބުވެތި ރައްޔިތުންގެ ވެސް ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

''އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ އެކަމަށް ޙައްލުތަކެއް އެ ބޭފުޅުންނަށް ހޯދަވައިދެއްވާނެ.''

ރާޢީ ވިދާޅުވިއެވެ.

މުޅިރާއްޖޭގެ ސިއްހީ ދާއިރާއަށް ރަނގަޅު ބަޖެޓެއް އަންނަ އަހަރު ކަނޑައެޅި، 5 ސަރަޙައްދެއްގައި ހޮސްޕިޓަލްތައް ތަރައްޤީ ކުރވިގެން ދާއިރު ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަން ފާހަގަ ކުރަށްވާ ރާޢީ ވަނީ އޭނާ ތަމްސީލްކުރަށްވާ މަކުނުދޫ ދާއިރާގެ ތިން ރަށުގެ ސިއްޙީ މަރުކަޒުގެ ހާލަތާއި، ބަޖެޓްގައި އެ މަރުކަޒުތަކަށް ދީފައިވާ މިންވަރާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަށްވާ ވެސް ވާހަކަ ދައްކަވާފައެވެ. މިގޮތުން ރާޢީ ވިދާޅުވީ އެއީ ހިތާމަވެރި މަންޒަރެއް ކަމަށާއި، ނަމަވެސް ކުރިއަށް އޮތް އަހަރު އެ މަރުކަޒުތަކަށް ކުރިއެރުން ލިބޭނެ ކަމަށް އުންމީދުގައި ހުންނެވި ކަމަށެވެ.

ރާޢީ ވިދާޅުވީ ރަށްރަށަށް ވަރަށް މުހިންމު ކަންތައް އެބަހުރިކަމަށާއި، ވެރިރަށް މާލޭގައި ރަށްރަށުގައި ނުހުންނަ ގިނަ ކަންތައްތައް އެބަހުރި ކަމަށެވެ.

''އަޅުގަނޑުމެން ރަށްރަށަށް، ރާއްޖޭގެ ގިނަ ރަށްރަށަށް ފުޓްސަލް ދަނޑުތައް ވެސް، ކުޑަކުދިންގެ ޕާކުތައް ވެސް، އައުޓްޑޯ ޖިމްތައް ވެސް، ކުތުބުޚާނާތައް ވެސް، މި ކަހަލަ ހުރިހާ ކަންތައްތަކެއް މުހިންމު. ސަބަބަކީ، ނެތީމަ. ހަމަ މާލެއަށް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފްލެޓު، ބުރިޖު، މި ހުރިހާ ކަންތައްތަކެއް މުހިންމުވޭ. ހަމަ އެ އުސޫލުން ރަށްރަށަށް ވެސް މުހިންމު.''

ރާޢީ ވިދާޅުވިއެވެ.

ބަޖެޓު ބެލެންސްކޮށް ނެތްކަމަށް ބުނެ ބައެއް މެންބަރުން ވާހަކަފުޅު ދައްކަވާފައިވާތީ، އެކަމަށް އިޝާރާތް ކުރަށްވާ ރާޢީ ވިދާޅުވީ އެއީ އެއް ޓީމެއް ކަމަށާއި، ވަކި ދާއިރާއަކަށް ވަކިގޮތެއް ހަދަންޖެހޭނެ ކަމަކަށް ޤަބޫލު ނުކުރަށްވާ ކަމަށެވެ.

ބަޖެޓް ބަހުސްގައި ދެއްކެވި ވާހަކާގައި ރާޢީ ވަނީ މާކުސް ދޭނަމ،ަ ރައީސް ޞާލިޙްގެ މަސައްކަތްޕުޅަށް އޭނާ ސަތޭކައިން ސަތޭކަ ދެއްވާ ކަމަށް ވިދާޅުވެފަ އެވެ.