15 އަހަރަށް ފަހުގައި ކޭއާރުއެޗް އަށް އިންކިއުބޭޓަރެއް ލިބިއްޖެ

45CFDF38-B001-4A4E-9709-BB828D9282CF

15 އަހަރަށް ފަހުގައި ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް އިންކިއުބޭޓަރެއް ލިބިއްޖެ އެވެ.

ކޭއާރުއެޗް އިން ބުނީ، އެންއައިސީޔޫއަށް ގެނެވުނު ކުރިއެރުމުގެ ސަބަބުން ދުވަސް ނުފުރާ ވިހަން ޖެހޭ ހާލަތްތަކުގައި މާލެ ދާން ޖެހޭ ދިއުން މަދުވެ، އެފަދަ ކުދިންނަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށެވެ.

އެހޮސްޕިޓަލުން އިތުރަށް ބުނެފައިވަނީ، ދުވަސް ނުފުރާ ވިހަން ޖެހުމުން ނުވަތަ ހޮސްޕިޓަލަށް އޮންނަ އިތުބާރު ކުޑަވުމުގެ ސަބަބުން ވިހަން ދާ މީހުންގެ ނިސްބަތް އުޅެނީ ވަރަށް މަތީގައި ކަމަށެވެ.

އިއްޔެ އަޅުގަނޑުމެން ދުނިޔޭގެ ދުވަސް ނުފުރާ ވިހާ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރިއިރު، އުފާ ކުރަން ޖެހޭ ކަމަކީ ގާތްގަނޑަކަށް 15 އަހަރަށް ފަހުގައި އަޅުގަނޑުމެންގެ ހޮސްޕިޓަލަށް އިންކިއުބޭޓަރެއް ލިބިފައިވާ ކަން.

ކޭއާރުއެޗްގެ ފޭސްބުކް ޕޭޖުގައި ފޮޓޯތައް ހިއްސާ ކުރަމުން ބުނެފައިވެއެވެ.

ކޭއާރުއެޗްގެ މެނޭޖަރ މެނޭޖަރ އަޙްމަދު ދާއޫދު "ތިލަދުން" އަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ މިއަހަރު ތެރޭގައި މިޚިދުމަތް އެހޮސްޕިޓަލުން ލިބެން ނެތުމުގެ ސަބަބުން 20 ވަރަކަށް ކުދިން މާލެއަށް ފޮނުވާލަން ޖެހިފައިވާކަމަށެވެ.

ސީޕެޕް މެޝިން އަދި އިތުރު ފޮޓޯތެރަޕީ މެޝިންތައް މިވަގުތަށް ބޭނުންވޭ ހިދުމަތް އިތުރަށް ފުޅާ ކުރަން

އަޙްމަދު ދާއޫދު ވިދާޅުވި އެވެ.

އަޙްމަދު ދާއޫދު އިތުރަށް ވިދާޅުވީ މީގެ ކުރިންވެސް އެހޮސްޕިޓަލުގައި އިންކިއުބޭޓަރ އެއް ހުންނަކަމަށާއި ނަމަވެސް އަބަދުވެސް ތަފާތު މައްސަލަތަކާއިހެދި ބޭނުން ނުކުރެވޭކަމަށެވެ. ހޮސްޕިޓަލުގެ ހިންގުމާއި ހަވާލުވިއިރުވެސް އެއިންކިއުބޭޓަރ ހުރީ ބޭނުންނުކުރެވިގެން އެއްކައިރި ކުރެވިފައިކަމަށެވެ. ހޮސްޕިޓަލުގެ މުވައްޒަފުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާގޮތުގައި މިޚިދުމަތް އެކަށީގެންވާގޮތެއްގައި ނުދެވޭތާ 15 ވަރަކަށް އަހަރު ވެދާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މި އަހަރުގެ ތެރޭގައި އެންއައިސީޔޫއަށް ޒަމާނީ ފެންވަރުގެ 3 ބޭބީ ވާމާސް އަދި 2 ނިއޮނަޓަލް ވެންޓިލޭޓާސް ވެސް ލިބިފައިވާކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

އަތޮޅުތެރޭގެ ހޮސްޕިޓަލްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން ކޭއާރުއެޗަށް ދާދިފަހުން ވަނީ ގިނަ އަދަދެއްގެ މެޝިނަރީޒް ފޮނުވާފަ އެވެ.

ފަހަކަށް އައިސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އަންނަނީ ބޮޑެތި ކާމިޔާބީތައް ހޯދަމުން ނެވެ. އެގޮތުން އިއްޔެ އެހޮސްޕިޓަލުން ބުނެފައިވަނީ، ލޮލުގައި އުފެދިފައިވާ މަސްކޮޅު ކެހުމުގެ ސާޖަރީއެއް، ފުރަތަމަ ފަހަރަށް އެހޮސްޕިޓަލުގައި ކޮށްފައިވާކަމަށެވެ. އެހޮސްޕިޓަލުގެ ލޮލުގެ ޑިޕާޓްމަންޓަށް އަލަށް ލިބުނު އާލާތްތަކާއެކު ލޮލުގައި އުފެދިފައިވާ މަސްކޮޅެއް ކެހުމަށް ފަހު، ލޮލުގެ އެހެން ސަރަހައްދަކުން ގުރާފްޓް ނަގައި ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުންވެސް، މިމަހުގެ 10 ވަނަ ދުވަހުވެސްވަނީ ފައިގެ ކަކުލުން ތިރީގެ ބޮޑު އޮޕަރޭޝަނެއްކޮށްފަ އެވެ. މި އޮޕަރޭޝަންގައި ފިބިޔުލާ ކަށިގަނޑު ވަނީ އޮޕަރޭޝަންކޮށްފައެވެ. އެ ހޮސްޕިޓަލުގެ އޯރތޮޕީޑިކް ޓީމް އަދި އޮޕަރޭޝަން ޓީމުން ވަނީ ފިބިޔުލާ އޮޕަރޭޝަންކޮށް ސިންޑެސްމޯސިސް ހަދާފައެވެ. ސިންޑެސްމޯސިސްއަކީ ޓިބިއާ އަދި ފިބިޔުލާ ފަދަ ދެ ކަށި ހަށިގަނޑުގެ ޓިޝޫއިން ގުޅާލުމެވެ.

މީގެ އިތުރުމްވެސް މިއަހަރުގެ ޖޫން މަހު ވަނީ އެހޮސްޕިޓަލުން ކުރި އޮޕަރޭޝަނެއްގައި ކާމިޔާބުކަމާއިއެކު ބޮޑު ސިސްޓްއެއް ނަގާފަ އެވެ. އަދި މޭ މަހުގެ ފަހުކޮޅު އެހޮސްޕިޓަލުގެ އެންއައިސީޔޫގައި 28 ހަފްތާގެ ކުއްޖަކަށް ފަރުވާދީ ވަނީ ސަލާމަތްކޮށްފަ އެވެ. މިއީ މިހާތަނަށް އެންމެ ހަގުކޮށް އެހޮސްޕިޓަލުގައި ވިހެއުމަށް ފަހު ވެންޓިލޭޓަރުގައި ފަރުވާ ދެވުނު ކުއްޖާކަން ފާހަގަ ކޮށްލެވެ އެވެ. އާންމު ގޮތެއްގައި ދުވަސް ނުފުރާ ވިހަން ޖެހިއްޖެ ނަމަ ގިނަ މީހުން ދަތުރު ކުރަނީ މާލެއަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދާ މައި ހޮސްޕިޓަލެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި