ހދ.އަތޮޅު ކައުންސިލުން އިސްނަގައިގެން ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ބަނދަރު ޒީނަތްތެރިކުރުމުގެ މަޤުޞަދުގައި އެ ރަށްރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ބަނދަރުގައި ހެދުމަށް ހިންގޭ ޕްރޮގްރާމްގެ ތެރެއިން އެ އަތޮޅު ނޮޅިވަރަމާއި ނޮޅިވަރަމްފަރުގެ ބަނދަރުގައި ހެދުމަށް ބޭނުންވާ މޮނިއުމެންޓް ޑިޒައިންކުރުމުގެ ފުރުޞަތު އެ ރަށްރަށުގެ ކައުންސިލުތަކުން ހުޅުވައިލައިފިއެވެ.
މިކަމާއި ގުޅިގެން ނޮޅިވަރަމް ކައުންސިލުން 18 ނޮވެމްބަރ 2020 ވީ ބުދަ ދުވަހު ކޮށްފައިވާ އިޢުލާނުގައި އެ މޮނިއުމެންޓް ޑިޒައިން ކުރުމުގައި ބަލަން ޖެހޭނޭ ޝަރުތުތަކެއް ވެސް ވަނީ ހިމަނާފައެވެ. އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ
- ހުށަހަޅާ ޑިޒައިނަކީ މީގެ ކުރިން ބޭނުންކުރެވިފައި ނުވަތަ މުބާރާތެއްގައި ބައިވެރިކޮށްފައިވާ ޑިޒައިނެއް ކަމުގައި ނުވުން.
- ނޮޅިވަރަމްގެ ސަޤާފަތާއި އަދި މިނޫންވެސް ރަށް މަޝްހޫރުވެފައިވާ ކަންކަން ނުވަތަ ކަމެއް ރަމްޒުކޮށްދޭ ޑިޒައިނެއް ކަމުގައިވުން.
- ހުށަހަޅާ ޑިޒައިނަކީ އުފެއްދުންތެރި، އަމިއްލަވަންތަ ޑިޒައިނެއް ކަމުގައިވުން.
- އެހެން މޮނިއުމެންޓެއް އަސްލަކަށް ބަލައިގެން ފަރުމާކުރާނަމަ އެ މޮނިއުމެންޓްގެ ކޮޕީ އާއި ތަފްސީލު ހުށަހެޅުން.
- ނޮޅިވަރަމު ވަންތަކަން ރަމްޒުކޮށްދިނުން
މީގެއިތުރުން ހުށަހަޅާ މޮނިއުމެންޓްގެ ޑިޒައިންގައި ހދ.ނޮޅިވަރަމް އިނގިރޭސި ބަހުން ލިޔެފައި އޮންނަން ވާނޭކަމަށާއި، އެ އަކުރުތަކުގެ ފޮންޓް ބަލައިލަން ރީތި ކިޔާލަން ފަސޭހަ ފޮންޓަކަށް ވާންވާނެ ކަމުގައި އެ އިޢުލާނުގައި ބުނެފައިވެއެވެ. އަދި މީގެއިތުރުން މުޅި އަކުރު ތަކުގެ ދިގުމިނުގައި 10.2 ފޫޓޫ އަދި އަކުރުތަކުގެ ބޯމިނުގައި 2 އިންޗި ހުންނަންވާނޭ ކަމުގައި ބުނެފައިވެއެވެ.
މޮނިއުމެންޓްގައި ބޭނުން ކޮށްފައިވާ ކުލަތަކުގެ މުރާދު އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެ ކަމަށާއި އަދި އަދި އެ ކުލައިގެ ކޯޑު އެނގެން އޮންނަންވާނޭ ކަމަށް ބުނެފައިވާއިރު ހުށަހަޅާ މޮނިއުމެންޓް ނޮޅިވަރަމާއި ގުޅޭ ގޮތާއި އޭގެން ހާމަވާ ކަންކަން ލިޔުމަކުން ހުށަހަޅަންވާނޭ ކަމުގައި އެ އިޢުލާނުގައި ވަނީ ބުނެފައެވެ. ބޭނުންނަމަ ކޮންމެ ފަރާތަކަށް ވެސް އެއް ޑިޒައިންއަށް ވުރެ ގިނަ ޑިޒައިންތައް ހުށަހެޅިދާނެއެވެ.
މޮނިއުމެންޓްގެ ޑިޒައިން ހުށަހެޅުމުގެ ސުންގަޑިއަކީ 23 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ 12:00 އެވެ. މޮނިއުމެންޓްގެ ޑިޒައިން އީމެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން އެ ކައުންސިލުގެ އީމެއިލްnolhivarancouncil@gmail.com އަށް މެއިލް ކުރެއްވުމަށް ނޮޅިވަރަމު ކައުންސިލުން އެދިލައްވާފައިވެއެވެ. އަދި ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، އައި.ޑީ ކާޑު ނަންބަރާއި ކޮޕީ، އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ޑިޒައިންއާއި އެކު އީމެއިލް ކުރަންވާނެ ކަމަށް ބުނެފައިވެއެވެ.
އެއްވަނައަށް ހޮވޭ ޑިޒައިން ކުރާ ފަރާތަށް 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ނޮޅިވަރަމު ކައުންސިލުންވަނީ ނިންމާފައެވެ.
ނޮޅިވަރަންފަރު ބަނދަރުގައި ހެދުމަށް ބޭނުންވާ މޮނިއުމެންޓު ޑިޒައިން ކުރުމުގެ ފުރުޞަތު އެ ކައުންސިލުން ވެސް ވަނީ 18 ނޮވެމްބަރ 2020 ގައި އާންމުކޮށް ހުޅުވައިލާފައެވެ. އެ އެމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 11:00 އަށް އެ ކައުންސިލު އިދާރާއަށް ދުރުވެ އަންދާސީ ހިސާބު (ނަން ބޯޑުގެ ކުރެހުމާއި އެކު) ހުށަހެޅުމަށް އެ ކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!