ހއ. ހޯރަފުށީ އެއަރޕޯޓް ހުޅުވުން ބުރާސްފަތި ދުވަހަށް ފަސްކޮށްފި އެވެ.
ހޯރަފުށީ ކައުންސިލުން ބުނީ މިއަދު އެއަރޕޯޓް ހުޅުވަން ތައްޔާރުވެފައިވާ ރަސްމިއްޔާތު ލަސްކޮށްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.
މިރަސްމިއްޔާތު މާދަމާގެ ވަގުތެއްގައި ބޭއްވުމަށް މިއަދު މެންދުރު ވަނީ ނިންމަވާފަ އެވެ. ނަމަވެސް މާދަމާގެ މޫސުން ރަނގަޅުވާނެކަމަށް ނުފެންނާތީ އެއަރޕޯޓް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުކަމަށް ކައުންސިލުން ވިދާޅުވި އެވެ.
އެއަރޕޯޓް ހުޅުވުމަށްޓަކައި ރައީސް ހޯރަފުއްޓަށް ވަޑައިގަންނަވަން ހަމަޖެހިފައިއޮތީ މިއަދު 1 ޖަހާއިރުގައެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން ރައީސް ސޯލިހު މިހާރު އެރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 19 ވަނަ ދުވަހުގެ މެދުރުފަހު އެކެއް ޖަހާއިރު އެވެ. އަދި އެއާޕޯޓް ހުޅުވުމުގެ ރަސްމިއްުޔާތު އޮންނާނީ އެދުވަހުގެ ހަވީރު 4 ޖަހާއިރު އެވެ.
ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު މެންދުރު ވިދާޅުވެފައި ވަނީ ރައީސްގެ މިއަދުގެ ދަތުރުފުޅު ފަސްކުރެއްވީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށެވެ.
މޫސުމާ ބެހޭ އިދާރާ އިން އޮތީ، އުތުރުގެ އަތޮޅުތަކަށް މިއަދު ޔެލޯ އެލާޓް ނެރެފަ އެވެ.
މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓު މަޝްރޫ އަށް 198 މިލިއަން ރުފިޔާގެ ހޭދަކުރި އެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ހަދައި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާފައިވެއެވެ.
އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.
ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!