ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމުކުރަން 2021 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިސްއަށް ފޮނުވާފައިވާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފި އެވެ.
މިގޮތުން ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމުކުރަން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ވަނީ 320،000 ރުފިޔާ ހިމަނާފަ އެވެ.
ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމު ކުރަން ހިމަނާފައިވާއިރު، ރާއްޖޭގެ ދެ ސަރަހައްދެއްގައި ޖޫނިއަރ ކޮލެޖު ގާއިމުކުރުމަށާއި، ގައުމީ ޔުނިވަރސިޓީގެ ވަސީލަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ދިއްދޫއަށް ތަޢުލީމީ ދާއިރާއިން ވަނީ ޖޫނިއަރ ކޮލެޖެއްގެ އިތުރުން މުޅިން އަލަށް އިތުރު މަޝްރޫޢެއް ހިމަނާފައެވެ. މިގޮތުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އޮފީހާއި، 12 ކްލާސްރޫމް އިމާރާތް ކުރުމަށް ވަނީ 2،600،00 ރުފިޔާ ހިމަނާފަ އެވެ.
މީގެ އިތުރުން ދިއްދޫގައި މުޅިން އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 5،169،784 ރުފިޔާ ވަނީ ހިމަނާފަ އެވެ. އަދި ދިއްދޫ ފެން ހިންދާ ނިޒާމް ޤާއިމުކުރަން 1،000،000 ރުފިޔާ އަދި ވޮލީ ކޯޓެއް ތަރައްޤީ ކުރުމަށް 500،000 ރުފިޔާ ވަނީ ހިމަނާފަ އެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ތައުލީމީ ދާއިރާއަކީ އެއްދާއިރާއަކުން އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ރޭވިފައިވާ އެއް ދާއިރާ އެވެ. މިގޮތުން 105 ރަށެއްގައި މަޝްރޫއުތައް ހިންގުމަށް ރޭވިފައި ވެއެވެ. އަދި ތަޢުލީމީ ދާއިރާއަށް 2021 ވަނަ އަހަރުގެ ބަޖެޓްގައި ވަނީ 4 ބިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ.
2021 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 34,787,720,151 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!