ްދިވެހިންނަށް ލިބުނު އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްދީނުގެ އަލިގަދަ ނޫރުން ހިތްތައް އަލިކުރެއްވުން ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުން ފޮނުއްވައި ކުރެއްވި ޓުވީޓެއްގަ އެވެ.
އެ ޓްވީޓްގައި އެމަނިކުފާނު ވަނީ ތާއަބަދަށް މުސްލިމުންކަމުގައި ދެމިތިބުމުގެ ހެޔޮތައުފީޤު ދިވެހި ރައްޔިތުންނަށް ދެއްވުން އެދި ދުޢާ ކުރަށްވާފަ އެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ތަހުނިޔާ ނައިބު ރައީސް ފޮނުއްވިއިރު، ރޭ ރައީސް ޞާލިޙްވެސް ވަނީ މިއަދުގެ ތަޙުނިޔާ ރައްޔިތުންނަށް ފޮނުއްވަވާފަ އެވެ. މިގޮތުން ރައީސް ޞާލިޙް ކުރެއްވި ޓުވީޓްގައި ވަނީ ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ މަސްދަރަކީ އިސްލާމްދީން ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. އަޅަމެންނަށް ލިބުނު އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމްދީނުގެ އަލިގަދަ ނޫރުން އަޅަމެންގެ ހިތްތައް އަލިކުރެއްވުން. ތާއަބަދަށް މުސްލިމުންކަމުގައި ދެމިތިބުމުގެ ހެޔޮތައުފީޤު އަޅަމެންނަށް ދެއްވާށި!
— Faisal Naseem (@FaisalNasym) November 17, 2020
ރާއްޖެ އިސްލާމްވީ ހިޖުރަ އިން 548 ވަނަ އަހަރު ނަމަވެސް، އެ ދުވަސް ރާއްޖޭގައި ފުރަތަމަ ފާހަގަ ކުރަން ފެށީ މުހައްމަދު ފަރީދުގެ ރަސްކަމުގައި ހިޖުރަ އިން 1374 ވަނަ އަހަރު އެވެ. ފަރީދުގެ ރަސްކަމުގައި 14 އަހަރު އެ ދުވަސް ފާހަގަ ކުރުމަށް ފަހު އެކަން ހުއްޓުނެވެ. އޭގެ ފަހުން އަލުން އެ ދުވަސް ފާހަގަ ކުރަން ފެށީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގެ ފަސް ވަނަ އަހަރުގެ ތެރޭގައި 2000 ވަނަ އަހަރު އެވެ.
ރާއްޖެ އިސްލާމްވި ދުވަހަކީ ހިޖުރީގޮތުން ރަބީޢުލް އާޚިރުމަހުގެ 2 ވަނަ ދުވަހެވެ.
މިއަހަރަށް ރާއްޖެ އިސްލާމްވިތާ މީލާދީ ގޮތުން 867 ފުރޭނެ އެވެ. އަދި ހިޖްރީ ގޮތުން 894 އަހަރު ފުރޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!