ހޯރަފުށީ އެއަރޕޯޓް ހުޅުވުން މާދަމާއަށް ފަސްކޮށްފިއެވެ.

އެއަރޕޯޓް ހުޅުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހޯރަފުއްޓަށް ވަޑައިގަންނަވަން ހަމަޖެހިފައިއޮތީ މިއަދު 1 ޖަހާއިރުގައެވެ.

Ad
rt

ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރައީސްގެ މިއަދުގެ ދަތުރުފުޅު ފަސްކުރެއްވީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށެވެ.

މޫސުމާ ބެހޭ އިދާރާ އިން އޮތީ، އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ.

މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓު މަޝްރޫ އަށް 198 މިލިއަން ރުފިޔާގެ ހޭދަކުރި އެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ހަދައި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާފައިވެއެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.

ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.

މިއެއާޕޯޓު ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވަނީ މި ސަރުކާރަށް 2 އަހަރު ފުރޭ ދުވަހާއި ދިމާކޮށް މިމަހުގެ 17 ވަނަ ދުވަހު އެވެ. އެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.