ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރި އެއާޕޯޓް މިއަދު ހުޅުވިގެން ދިޔައިރު، މި އެއާޕޯޓު ވެގެން ދާނީ އިހަވަންދިއްޕޮޅަށް އައު ދިރުމެއް ގެނުވާނޭ އެއާ ޕޯޓަކަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައެވެ. އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް އެ ތާރީޚީ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާކަމަށް ވުމީ، އެ ރައްޔިތުންނަށް ލިބުނު އިތުރު ފަޚުރަކާއި ޝަރަފެކެވެ.
މިއަދު ހޯރަފުށީގައި ހުޅުވިގެންދިޔަ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ހަދައި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާފައި ވެ އެވެ.
އިހަވަންދިއްޕޮޅުގެ ރައްޔިތުން އުފަލަމުންދިޔަ ތަކުލީފަށް ނިމުމެއް
މި އެއާޕޯޓުގެ ސަބަބުން އިހަވަންދިއްޕޮޅުގެ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި އުފުލަމުންދިޔަ ތަކުލީފަށް ބޮޑު ލުޔަކާއި ފަސޭހައެއް ލިބިގެން ދާނެއެވެ. ހޯރަފުއްޓާއި، އެ ސަރަޙައްދުގެ ރައްތަކުގެ ރައްޔިތުން މިހާތަނަށް ވައިގެ ބަނދަރަކަށް ބޭނުންކުރަމުން ދަނީ ހދ. ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރެވެ. ހޯރަފުއްޓަށް ބަލައިލި ނަމަވެސް ސްޕީޑް ލޯންޗެއްގައި ނަމަ އެއީ 45 ވަރަކަށް މިނިޓްގެ ދިގު ދަތުރެކެވެ. ފައިސާގެ ގޮތުން ބަލާނަމަ ދަތުރަކަށް 2000 އެއްހާ ރުފިޔާ ހޭދަ ވެއެވެ. ކަނޑު ގަދަ ނަމަ އަގަށާއި، ދަތުރުގެ ވަގުތަށް ވެސް އިތުރުވުން އާދެއެވެ.
ކަނޑު ގަދަ ދުވަސްތަކުގައި ވެސް އެ ރައްޔިތުންނަށް މީގެ ކުރީން އެހެން ގޮތެއް ނެތެވެ. ނަމަވެސް، މި ލިބިގެން ދިޔަ ފަސޭހައިގެ ސަބަބުން އެ ރައްޔިތުންގެ ހަށިގަނޑަށާއި، ޖީބަށް ލުއިކަންލިބި، ވަގުތު ސަލާމަތްވެ، ހުރިހާ ގޮތަކުންވެސް އެތައް ގުނަ ފަސޭހައެއް ލިބިގެން ދާނެއެވެ.
އިހަވަންދިއްޕޮޅުގެ އިޤްޞާދަށް އައު ދިރުމެއް
އިހަވަންދިއްޕޮޅުގައި މިހާތަނަށް އޮޕަރޭޓް ކުރެވެމުން އަންނަ ޓޫރިސްޓް ރިސޯޓަކީ މަނަފަރު ރިސޯޓެވެ. މީގެ ކުރީން އެ ރިސޯޓުން ހަނިމާދޫއަށް ކުރަން ޖެހޭ 45 މިނެޓްގެ ދިގު ދަތުރު، މި އެއާޕޯޓާއެކު 5 ވަރަކަށް މިނެޓަށް ކުރުވެގެން ދިޔުމީ އެ ރިސޯޓަށްވެސް، އަދި ސަރަޙައްދަށް ޝައުޤުވެރިކަންހުރި އެހެން އިންވެސްޓަރުންނަށް ވެސް ލިބޭނެ ބޮޑު ފަސޭހައެކެވެ.
އެ ސަރަޙައްދަކީ ގިނަ ރީތި ފަޅުރަށްތަކެއް ހުރި، ޚާއްޞަކޮށް އެއާޕޯޓް އޮތް ހޯރަފުށީގެ ފަޅާއި، ހޯރަފުށީގެ ކައިރި ކައިރީ ހުރި ފަތުރުވެރިކަމަށް އިންވެސްޓް ކުރެވޭނެ ފުރުޞަތު ތަކަކީ އިހަވަން ދިއްޕޮޅަށް ''ރަން ބިސްއަޅާ ކުކުޅު ވިހަން'' ހުޅުވުނު ދޮރެކެވެ.
އިހަވަންދިއްޕޮޅަށް ލިބިގެންދިޔަ ވައިގެ ދަތުރު ފަތުރުގެ މި ފަސޭހައާއިއެކު އިންވެސްޓަރުން ''ރާސް'' ލާފައި އެސަރަޙައްދަށް ދާނެކަމާމެދު ޝައްކެއް ނެތެވެ. އިތުރު ރިސޯޓުތަކާއި، ގެސްޓު ހައުސްތައް ކައިރި ކުރިމަގެއްގައި ހެދުމުގެ މަސައްކަތް ފެށި، އޮޕަރޭޝަނަށް އަންނާނެއެވެ. ނަތީޖާއަކަށް ވެގެންދާނީ ސަޙައްދުގައި ވަޒީފާގެ ފުރުޞަތު ތަކާއި، ވިޔަފާރީގެ ދޮރުތައް ހުޅުވި ރައްޔިތުންނަށް ތިޔާގިކަން ލިބުމެވެ. ޖީބުތަކަށް އޭގެ ހެޔޮ އަސަރު ކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!