ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރި އެއާޕޯޓް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

މިއަދު އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.

Ad
rt

ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޞާލިޙްގެ އިތުރުން، ހޯރަފުށީ ދާއިރާ ރައްޔިތުންގެ މަޖިލިސްގައި ތަމްސީލް ކުރަށްވާ މެންބަރު، އަޙްމަދު ސަލީމާއި، ދައުލަތުގެ ވަޒީރުންނާއި، މަޖިލިސްމެންބަރުންގެ އިތުރުން ސަރުކާރާއި އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބައިވެރިވި އެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މުސާ ވަސީމް "ރާއްޖެޓީވީ" އަށް ވިދާޅުވީ، ހޯރަފުށި އެއާޕޯޓަށް މިމަހުގެ 26 ވަނަ ދުވަހު ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށެވެ. އަދި ޑިސެމްބަރުން ފެށިގެން މާލެ އާއި ހޯރަފުއްޓާ ދެމެދު ހަފްތާއަކު ތިން ދަތުރު ބާއްވަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ދަތުރުގެ އަގުތަކާ ގުޅޭގޮތުން މޫސަ ވިދާޅުވީ، އަގުތައް އުޅޭނީ ހަނިމާދޫ ކުޅުދުއްފުއްޓަށް މޯލްޑިވިއަނުން ދަތުރުކުރަމުންދާ އަގުގައި ކަމަށެވެ.

މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓު މަޝްރޫ އަށް 198 މިލިއަން ރުފިޔާގެ ހޭދަކުރި އެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ހަދައި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާފައި ވެ އެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.

ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.

މިއަދު ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވިގެން ދިޔައިރު، ހަފުތާއެއްހާ ދުވަސްތެރޭ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި އެއާޕޯޓުގެ ސަބަބުން އިހަވަންދިއްޕޮޅުގެ ތަރައްޤީއަށް އިތުރު ފުރުޞަތުތައް ލިބި، ދިރުން ލިބިގެން ދާނެއެވެ. އަދި އެ ސަރަޙައްދުގެ ރައްޔިތުންނަށ ދަތުރު ފަތުރު ކުރުމުގައި ބޮޑު ލުޔަކާއި، ފަސޭހައެއް ލިބިގެން ދާނެއެވެ.