އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަހުމަދު އަކްރަމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެޑްރެސްކޮށް އަކްރަމް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ، އީސީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

Ad
rt

އީސީގެ މެމްބަރުކަމުން އަކްރަމް އިސްތިއުފާ ދީފައިމިވަނީ، އަކްރަމް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނިކޮން ނެވެ.

އަކްރަމް ރައީސްއަށް ފޮނުވި ސިޓީ ވަނީ މީސްމީޑިޔާގައި ހިއްސާކުރައްވާފަ އެވެ. އެސިޓީގައި ބުނެފައިވަނީ މަޤާމުން އިސްތިޢުފާ ދިނީ އަކުރަމްގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޮމެޓީން މަޤާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީގެ އިތުބާރުނެތި މިނިވަން މުޢައްސަސާއެއްގެ މެންބަރުކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި އަޅުގަނޑު ނުދެކޭތީ ކަމަށެވެ.

ނަމަވެސް އަޅުގަނޑުގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބަޔެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަޤީޤަތާ ޚިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއްކަމާއި އެމައްސަލާގައި ތުހުމަތުކޮށްފައިވާ އެއްވެސްކަމެއް އަޅުގަނޑުގެ ފަރާތުން ހިނގާފައިނުވާކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ.

އަކްރަމްގެ ސިޓީގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެސިޓީގައި ބުނެފައިވަނީ އެކަން ހިނގާ ދިޔަ ގޮތުގެ ތަފްޞީލް މަޢުލޫމާތު ހެއްކާ އެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުޢައްސަސާތަކާ ބެހޭ ކޮމެޓީއާ ހިއްސާކޮށްފައިވާކަމަށާއި މި ފުރުސަތުގައި ޤައުމަށް ޙިދުމަތްކޮށްދެއްވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ޝުކުރު ދަންނަވާކަމަށެވެ.

އަކްރަމް މަޤާމުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލަތައް، އެ ކޮމިޓީއިން ބެލުމަށް ފަހުއެވެ.

އަކްރަމް އީސީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލަތަކެއް، އެ ކޮމިޓީއަށް ހުށަހެޅީ، އީސީގެ އަންހެން މުވައްޒަފުން ތަކެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އަކްރަމް މަގާމުން ވަކި ކުރަން ނިންމީ، އީސީގެ މުވައްޒަފުން ދިން މައުލޫމާތުގެ އިތުރުން އަކްރަމާއި ކޮމިޝަނުގެ އެހެން މެމްބަރުން ވެސް މަޖިލީހަށް ހާޒިރުކޮށް ދެއްކި ވާހަކަތަކަށް ފަހުގަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް 9 މެމްބަރުންގެ ތެރެއިން 7 މެމްބަރަކު ވަނީ އަކްރަމް މަގާމުން ވަކިކުރަން ވޯޓު ދެއްވައިފަ އެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.