ހދ.ނޭކުރެންދޫއަށް ލަފާފުރާ މީހުންނަށް ފެންނާނެހެން، އެ ރަށުގެ ބަނދަރު ސަރަޙައްދުގައި އެ ރަށުގެ ނަން ރަމުޒުކޮށްދޭ މޮނިއުމެއްޓެއް ހެދުމަށް ބޭނުންވާތީ އެ މޮނިއުމަންޓް ޑިޒައިން ކުރުމުގެ ފުރުޞަތު ނޭކުރެންދޫ ކައުންސިލުން އާންމުކޮށް ހުޅުވާލައިފިއެވެ.
މިކަމާއި ގުޅިގެން ނޭކުރެންދޫ ކައުންސިލުން 16 ނޮވެމްބަރ 2020 ވީ ހޯމަ ދުވަހު ކޮށްފައިވާ އިޢުލާނުގައި އެ މޮނިއުމެންޓް ޑިޒައިން ކުރުމުގައި ބަލަން ޖެހޭނޭ ޝަރުތުތަކެއް ވެސް ވަނީ ހިމަނާފައެވެ. އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ
- ހުށަހަޅާ ޑިޒައިނަކީ މީގެ ކުރިން ބޭނުންކުރެވިފައި ނުވަތަ މުބާރާތެއްގައި ބައިވެރިކޮށްފައިވާ ޑިޒައިނެއް ކަމުގައި ނުވުން.
- ހދ.ނޭކުރެންދޫގެ ސަޤާފަތާއި އަދި މިނޫންވެސް ރަށް މަޝްހޫރުވެފައިވާ ކަންކަން ނުވަތަ ކަމެއް ރަމްޒުކޮށްދޭ ޑިޒައިނެއް ކަމުގައިވުން.
- ހުށަހަޅާ ޑިޒައިނަކީ އުފެއްދުންތެރި، އަމިއްލަވަންތަ ޑިޒައިނެއް ކަމުގައިވުން.
- އެހެން މޮނިއުމެންޓެއް އަސްލަކަށް ބަލައިގެން ފަރުމާކުރާނަމަ އެ މޮނިއުމެންޓްގެ ކޮޕީ އާއި ތަފްސީލު ހުށަހެޅުން.
- ނޭކުރެންދޫވަންތަކަން ރަމްޒުކޮށްދިނުން
މީގެއިތުރުން ހުށަހަޅާ މޮނިއުމެންޓްގެ ޑިޒައިންގައި ހދ.ނޭކުރެންދޫ އިނގިރޭސި ބަހުން ލިޔެފައި އޮންނަން ވާނޭކަމަށާއި، އެ އަކުރުތަކުގެ ފޮންޓް "އޭރިއަލް ބޯލްޑް" އަށް ވާންވާނެ ކަމުގައި ބުނެފައިވެއެވެ. އަދި މީގެއިތުރުން މުޅި އަކުރު ތަކުގެ ދިގުމިނުގައި 26 ފޫޓޫ އަދި އަކުރުތަކުގެ ބޯމިނުގައި 4 އިންޗި ހުންނަންވާނޭ ކަމުގައި އެ އިޢުލާނުގައި ބުނެފައިވެއެވެ.
މޮނިއުމެންޓްގައި ބޭނުން ކޮށްފައިވާ ކުލަތަކުގެ މުރާދު އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެ ކަމަށާއި އަދި އަދި އެ ކުލައިގެ ކޯޑު އެނގެން އޮންނަންވާނޭ ކަމަށް ބުނެފައިވާއިރު ހުށަހަޅާ މޮނިއުމެންޓް ނޭކުރެންދޫ އާއި ގުޅޭ ގޮތާއި އޭގެން ހާމަވާ ކަންކަން ލިޔުމަކުން ހުށަހަޅަންވާނޭ ކަމުގައި އެ އިޢުލާނުގައި ވަނީ ބުނެފައެވެ. ބޭނުންނަމަ ކޮންމެ ފަރާތަކަށް ވެސް އެއް ޑިޒައިންއަށް ވުރެ ގިނަ ޑިޒައިންތައް ހުށަހެޅިދާނެއެވެ.
މޮނިއުމެންޓްގެ ޑިޒައިން ހުށަހެޅުމުގެ ސުންގަޑިއަކީ 21 ނޮވެންބަރު 2020 ވާ ހޮނިހިރު ދުވަހުގެ 12:00 އެވެ. މޮނިއުމެންޓްގެ ޑިޒައިން އީމެއިލް ކުރައްވަން ބޭނުންވާ ފަރާތްތަކުން އެ ކައުންސިލުގެ އީމެއިލް neykurendhoo.office@gmail.com އަށް މެއިލް ކުރެއްވުމަށް ނޭކުރެންދޫ ކައުންސިލުން އެދިލައްވާފައިވެއެވެ. އަދި ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، އައި.ޑީ ކާޑު ނަންބަރާއި ކޮޕީ، އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ޑިޒައިންއާއި އެކު އީމެއިލް ކުރަންވާނެ ކަމަށް ބުނެފައިވެއެވެ.
އެއްވަނައަށް ހޮވޭ ޑިޒައިން ކުރާ ފަރާތަށް 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ނޭކުރެންދޫ ކައުންސިލުންވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!