ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ޓޫރިޒަމުން ބީލަމަށް ހުޅުވާލައިފި އެވެ.
ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ހުޅުވާލާފައި ވަނީ، އެ ސަރަޙައްދުގެ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދުގައި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހު 13:00 ގައި ވާޗުއަލްކޮށް، ޒޫމް މެދުވެރިކޮށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވެ މައުލޫމާތު ސާފު ކުރަން ދައުވަތު އަރުވާ ކަމަށެވެ.
ބީލަން ހުށެހެޅުމުގެ ސުންގަޑިއަކީ އަންނަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.
ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ޓޫރިޒަމް މިނިސްޓްރީއިން ހުޅުވާލިއިރު، ކެލާ ތުނޑީގައި ތަރައްޤީކުރާ ރިސޯޓުގެ އިތުރުން ރަށުގެ ޓޫރިޒަމް ޒޯނުން ފަތުރުވެރިކަމަށް 5000 އަކަފޫޓުގެ 12 ބިމާއި، 10000 އަކަފޫޓުގެ 2 ބިން ދޫކުރުމަށް ޕްލޭން ކޮށްފައި ވާކަމަށް ކެލާ ތަމްސީލް ކުރަށްވާ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވިދާޅުވެފައެވެ.
ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓާ އެންމެ 10 މޭލު ދުރުގައި އޮންނަ ކެލާ އަކީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ، ބޮޑުމިނުގައި 213 ހެކްޓަރު ހުންނަ ރަށެކެވެ. އެރަށުގައި މިހާރުވެސް ފަސް ގެސްޓްހައުސް އެއް ހިންގައެވެ.
ކެލާއަށް ވަނީ، މޯލްޑިވްސް ޓްރެވަލް އެވޯޑް 2017 ގެ ގެސްޓް ހައުސް އެޑިޝަންގެ "ލީޑިންގ ބީޗް އައިލަންޑް އެވޯޑު" ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!