މަސްތުވާތަކެއްޗާއިއެކު ހދ. ކުރިނބީއިން ޒުވާނަކާއި އިތުރު 4 ރަށަކުން ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ކުރިނބީގައި ހިންގި އޮޕަރޭޝަނަކީ އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވަނީ މި ނޮވެމްބަރ 14 ވަނަ ދުވަހު އެވެ.

Ad
rt

ކުރިނބީ ބަނދަރުމަތިން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އޭނާގެ އަތުގައި ހުރި ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު އިތުރު 5 މީހަކުވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ އޮޕަރޭޝަންތައް ހިންގާފައިވަނީ އައްޑޫސިޓީ ހުޅުމީދޫ، ތ. ވޭމަންޑޫ، ނ. ޅޮހީގެ އިތުރުން ނ. މާފަރުގައެވެ.

މާފަރުގައި ހިންގި އޮޕަރޭޝަނަކީ މާލެއިން މާފަރަށް ދަތުރުކުރަމުންދާ ކަނޑު ބޯޓަކުން އަންނަ މީހެއްގެ ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުންވަނީ ބުނެފަ އެވެ. މާފަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

ފުލުހުން ބުނެފައިވަނީ، ޅޮހީގައި ހިންގި އޮޕަރޭޝަނަކީ ޅ. ހިންނަވަރުން ފުރައިގެންދާ ޑިންގީއަކުން ޅޮއްސަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. މަނަދޫގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 21 އަހަރުގެ މީހަކާއި 36 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށެވެ.. މި ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެރަށު ބަނދަރާ ޑިންގީ ގާތްކުރި ވަގުތު ފުލުހުން ޑިންގީއަށް އަރައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 9 ރަބަރު ޕެކެޓާއި ކަރުދާސްކޮޅެއް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ވޭމަންޑޫގައި ހިންގި އޮޕަރޭޝަނަކީ ރަށުތެރެ ޕެޓްރޯލުކުރަން އުޅުނު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށާއި އެ އޮޕަރޭޝަނުގައި 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ. އެ އޮޕަރޭޝަނުގައި މި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް ފެނިފައިވާކަމަށާއި މި މައްސަލާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ތިން ދުވަހުގެ މުއްދަތު ވަނީ ދީފަ އެވެ.

ހުޅުމީދޫގައި ހިންގި އޮޕަރޭޝަނަކީވެސް ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔަ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު މަގުމަތިން 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިއަކާއި 1.5 ލީޓަރުގެ ފުޅިއެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ފުލުހުން ބުނީ މި 6 މީހުންގެ މައްސަލަތައް ތަހުގީގު ކުރަން ފަށާފައިވާކަމަށެވެ.