ތިލަދުންމަތީގައި މަސައްކަތް ކުރަށްވާ މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް އޮފިސަރުން ތަކެއް ދެ ވެލާ ސަލާމަތް ކޮށްފިއެވެ.

ކަސްޓަމްސްގެ އޮފިސަރުންތަކެއް އިއްޔެ ހެނދުނު 8:45 ހާއިރު، މި ދެ ވެލާ ސަލާމަތް ކުރީ ކަނޑު މަތީގައި އޮޔާދާ ބޮޑު ދާގަނޑެއްގައި ތާށިވެފައި ތިއްބައެވެ.

Ad
rt

މި ވެލާ ސަލާމަތް ކުރުމުގައި ބައިވެރިވި ކަސްޓަމްސް އޮފިސަރުންނަކީ ކުޅުދުއްފުށީ ސިޓީގައި އާއި އަދި ހއ. އުލިގަމުގަމުގައި މަސައްކަތް ކުރަށްވާ ކަސްޓަމްސް އޮފިސްރުންނެވެ.

އެ 2 ވެލާ ސަލާމަތް ކުރުމުގައި ބައިވެރިވި ކަސްޓަމްސް އޮފިސްރެއް ''ތިލަދުން'' އަށް ވިދާޅުވީ އެ 2 ވެލާ ކަނޑުމަތިން ފެނުނީ އުލިގަމުން، ކުޅުދުއްފުއްޓަށް ދަތުރު ކުރަނިކޮށް ހދ. ފިނޭ ކައިރި ކަނޑުމަތިން ކަމަށެވެ.

''އަޅުގަނޑުމެން ކުޅުދުއްފުއްޓަށް ދަތުރުކުރަނިކޮށް ފިނޭ ކައިރި ކަނޑުމަތިން ބޮޑު ދާ ގަނޑެއްގައި އޮޅިފައި ތިއްބައި އެ ދެ ވެލާ ފެނުނީ، ވެލާ ކަހަނބަކީ ހިމާޔަތްކޮށްފައިވާ ބާވަތަކަށް ވުމާއެކު، އަނެއްކޮޅުން ރާއްޖޭގެ ކަނޑުތަކުގެ މުހިންމު ދިރުމެއް އެއަކީ، ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެއް އެތަކެތި ހިމާޔަތްކޮށް، ސަލާމަތްކަންތެރިކަން ދިނުމަކީ''

އެ އޮފިސަރު ވިދާޅުވިއެވެ.

އެ އޮފިސަރު ވިދާޅުވީ ކަނޑުގެ އެހެން ދިރުމަކަށް ނުވަތަ އިތުރު ދިރުމަކަށް އިއްޔެ ވެލާތައް ތާށިވެފައި ތިބި ދާގަނޑުން ލިބިދާނެ ގެއްލުމަކަށްޓަކައި، އެ ދާގަނޑުވެސް ކަނޑުން ނަގައިގެން ކުޅުދުއްފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ގެ ދަށުން ކަނޑުގެ މާހައުލުގައި އުޅޭ ވެލަ އާއި ކަހަނބުގެ ހުރިހާ ބާވަތެއް 4 އޭޕްރިލް 2016 ވަނަ ދުވަހުން ފެށިގެން ވަނީ ދާއިމީ ގޮތެއްގައި ހިމާޔަތްކޮށްފައެވެ.

މިހާތަނަށް ރާއްޖޭގެ ކަނޑުތަކުގައި އުޅޭކަމަށް ފާހަގަކުރެވިފައި ވަނީ ފަސް ވައްތަރެއްގެ ވެލާ ކަހަނބެވެ. އެއީ، ވެލާ، ކަހަނބު، ވާވޮށި ވެލާ، ބޯބޮޑު ވެލާ އަދި މުސިންބި އެވެ.