ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ފޭދޫ ސިއްޙީ މަރުކަޒުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ.
އެ ބިދޭސީ މީހާއަކީ މާލެއިން އެރަށަށް ގޮސް، 29 އޮކްޓޯބަރު 2020 ވަނަ ދުވަހު އެރަށުގައި ހޯމް ކަރަންޓީނުވި 15 ބިދޭސީންގެ ތެރެއިން ބިދޭސީއެއް ކަމަށް ވެސް ފޭދޫ ސިއްޙީ މަރުކަޒުން ބުންޏެވެ.
ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވްވިއިރު، އެންމެ ފަހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމު ކުރި މަޢުލޫމާތަށް ބަލާއިރު، އަތޮޅު ތެރޭގެ މީހުން އުޅޭ 9 ރަށެއްގައި ޕޮޒިޓިވް 13 މީހެއް އެކްޓިވް ކޭސްގެ ގޮތުގައި އެބަތިއްބެވެ. އޭގެ ތެރެއިން 11 މީހުންނަކީ ބިދޭސީންނެވެ.
މިއަދު ވަނީ ކޯވިޑް-19 ބަލީގައި ރާއްޖެއިން 42 ވަނަ މީހަކު ނިޔާވެފައެވެ. އެއީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އެންމެ ފަހުން ރާއްޖެއިން ކޯވިޑް ޖެހިގެން މީހަކު މަރުވީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ އުމުރުން 45 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖޭގައި ކޯވިޑް ހަލުވި މިނެއްގައި ޖެހޭ މީހުންގެ ޢަދަދު އިތުރު ވުމަށްފަހު މިހާރު ވަނީ އެބަލި ޖެހޭ މީހުންގެ ޢަދަދު ދަށްވާން ފަށާފައެވެ. ރާއްޖޭގައި ކޯވިޑްގެ އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 843 މީހެކެވެ. އަދި އެބަލިން ވަނީ މިހާތަނަށް 11،262 މީހުން ރަނގަޅު ވެފައެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޖުމްލަ 12،154 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!