ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރަށްވަމުން ގެންދަވާ އެއާޕޯޓު ހުޅުވާ ދުވަހަށް މަރުޙަބާ ކިޔުމަށް ހޯރަފުށި ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ.

އެރަށުގެ އެއާޕޯޓުގެ މަޝްރޫޢު ފެށުނީއްސުރެ، މިއަދާއި ހަމައަށް ވެސް ހޯރަފުށީގެ ރައްޔިތުންގެ ކިބައިން ފެންނަމުންދާ އެއްބައި ވަންތަކަމާއި، ޖޯޝާއި، ހިތްވަރަށް ކުޑަވެސް ބަދަލެއް ނައިސް މިހާރު ދަނީ އެއާޕޯޓު ހުޅުވާ ދުވަހަށް، މަރުޙަބާ ކިޔުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

Ad
rt

މިމަހުގެ 16ވާ ހޯމަ ދުވަހު ހޯރަފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާނެ ކަމަށް ސަރުކާރުން ވަނީ މިހާރު ބުނެފައެވެ. އަދި 17ވާ އަންގާރަ ދުވަހު އެ އާޕޯޓު ރަސްމީކޮށް ހުޅުވާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

އެހެންކަމުން މިމަހުގެ 17 ވަނަ ދުވަހަށް އެރަށް ތައްޔާރުކޮށް، ޒީނަތްތެރި ކުރުމަށް ހޯރަފުށީ ރައްޔިތުން ދަނީ ހީވާގި މަސައްކަތްތަކެއް ކުރަމުންނެވެ. އެ އާޕޯޓު ސަރުކާރުގެ ޓާގެޓަށް ނިންމުމުގައި ވެސް އެންމެ ބޮޑު ހިތްވަރެއް ދިނީ އެރަށުގެ ރައްޔިތުންނާއި، މުއައްސަސާ ތަކެވެ.

ފޮޓޯ: އިބްރާޙީމް ނިޔާޒު

އެ މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވެސް ވަނީ އެމަސައްކަތް ކުރުމުގައި ހޯރަފުށީ ރައްޔިތުން ދޭ ހިތްވަރާއި، އެހީތެރިކަމާއި އަދި އެއްބައިވަންތަކަށް ފާހަގަ ކުރަށްވާފައެވެ.

ފޮޓޯ: އިބްރާޙީމް ނިޔާޒު

ހޯރަފުށީ އެއާޕޯޓުގެ މަޝްރޫޢުއަކީ އެރަށާއި، ސަރަޙައްދުގެ ތަރައްޤީއަށް ހުޅުވިގެންދާ އައު ދޮރެކެވެ. ރައްޔިތުންނަށް ލިބިދޭނެ ފަސޭހައަކާއި ލުޔެކެވެ. ހޯރަފުއްޓާއި، އެ ސަރަޙައްދުގެ ރައްތަކުގެ ރައްޔިތުން މިހާރު ވައިގެ ބަނދަރަކަށް ބޭނުންކުރަމުން ދަނީ ހދ. ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރެވެ. ހޯރަފުއްޓަށް ބަލައިލި ނަމަވެސް ސްޕީޑް ލޯންޗެއްގައި ނަމަ އެއީ 55 ވަރަކަށް މިނިޓްގެ ދިގު ދަތުރެކެވެ. ފައިސާގެ ގޮތުން ބަލާނަމަ ދަތުރަކަށް 2 ހާހެއް ރުފިޔާ ހޭދަ ވެއެވެ.

ފޮޓޯ: ޢަލީ ފަސީ

އެހެންކަމުން ހޯރަފުށީ އެއާޕޯޓުގެ މަޝްރޫޢުއަކީ ރައްޔިތުން އުފުލަމުން ދިޔަ ތަކުލީފަށް ނިމުން ގެނުވާނެ މަޝްރޫޢު އެކެވެ. ސަރަޙައްދުގެ ފަތުރު ވެރިކަމަށް ވެސް އެ މަޝްރޫޢުގެ ސަބަބުން އާރޯކަން އަންނާނެ ކަމާއިމެދު ސުވާލެއް ނެތެވެ.

ފޮޓޯ: އިބްރާޙީމް ނިޔާޒު

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. އެބިމުގައި ތަރައްޤީކުރި އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއްގެ އިތުރުން 8635 ކިއުބިކް މީޓަރުގެ އޭޕްރޮން އަދި ޓެކްސީ ވޭއެއްގެ އިތުރުން 9473 ކިއުބިކް މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ކިއުބިކް މީޓަރުގެ ފަޔާ އެކްސެސް ރޯޑެއް ވަނީ ހަދާފައެވެ.

ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.