ހދ. ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސްގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްޞަ ކޮށްގެން "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގު 2020" ނަމުގައި ކުރިއަށް ގެންދިޔަ ފުޓްސަލް ލީގުގެ ޗެމްޕިއަމްކަން ޓީމް ސީއެސް ވިމެންސްއިން ހޯދައިފިއެވެ.

11 ނޮވެމްބަރ 2020 ވީ ބުދަ ދުވަހުގެ ރޭ ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗު ސީއެސް ވިމެންސް އިން ކާމިޔާބު ކޮށްފައިވަނީ ޓީމް ސަންދިޔާ އާއި ބައްދަލުކޮށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

Ad
rt

މުބާރާތުގެ ފައިނަލް މެޗު ފަސޭހަ ކަމާއިއެކު ސީއެސް ވިމެންސްއިން ކާމިޔާބު ކޮށްފައިވާއިރު، އެ ޓީމުގެ ސާއިދާ މޫސާ، ރާއިދާ މޫސާ އަދި ޝަހުލާ އާދަމް، މި ކޮންމެ ކުޅުންތެރިއަކު ވަނީ އެއް ލަނޑު ޖަހާފައެވެ. އަނެއް ދެ ލަނޑަކީ ޓީމް ސަންދިޔާގެ ކުޅުންތެރިންގެ އަތުން ބައިކޮޅަށް ވަދެފައިވާ ދެ ލަނޑެވެ.

ފައިނަލު މެޗު ނިމުމުން މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ވަނީ އިނާމް ހަވާލު ކޮށްފައެވެ. ފައިނަލު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީއެސް ވިމެންސްގެ ޝަހުލާ އާދަމެވެ.

މުބާރާތުގެ މޮޅު ފަސްކުޅުންތެރިންނަށް ހޮވިފައިވަނީ :

  • ސަލްމާ ހަސަން (ސީއެސް ވިމެންސް)
  • ރާޝިދާ މުސާ (ސަންދިޔާ)
  • ހަނީފާ އަބްދުﷲ (ޒީރު ސްޓާރސް)
  • ޝަހީމާ ހަސަން (ޓާފް ކުއީން)
  • ޝަހުލާ އާދަމް (ސީއެސް ވިމެންސް)

މުބާރާތުގެ ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީއެސް ވިމެންސްގެ ޝަހުލާ އާދަމެވެ. ފެއާޕްލޭ ޓީމަކަށް ޒީރު ސްޓާރސް ހޮވިފައިވާއިރު މުބާރާޓުގެ ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ ޓީމް ސަންދިޔާއެވެ.

ފައިނަލު މެޗު ޝަރަފްވެރި ކޮށްދެއްވީ މުބާރާތުގެ މެއިން ސްޕޮންސާ މަންނާމްގެ ފަރާތުން އައިޝަތު ޤާސިމެވެ.

މިއީ ކުމުންދޫގައި ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ފުޓްސަލް މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ.

ކުމުންދޫ ޔޫތު ސްޕޯޓްސް ޖަމްޢިއްޔާއަކީ 1999 ވަނަ އަހަރު ރަޖިސްޓަރީ ކުރެވިފައިވާ ޖަމްޢިއްޔާއެކެވެ. ނަމަވެސް އެކިއެކި ސަބަބުތަކާއި އެކު 2011 ވަނަ އަހަރުން ފެށިގެން ޖަމްޢިއްޔާގެ ހަރަކާތްތައް ހުއްޓިފައި އޮތުމަށްފަހު އަލުން ރަޖިސްޓަރީގެ ކަންކަން ފުރިހަމަ ކުރުމަށްފަހު، ޖަމްޢިއްޔާގެ ހަރަކާތްތައް ފެށުމުގެ ގޮތުން އެ ޖަމްޢިއްޔާއިން ފުރަތަމަ ހިންގި ހަރަކާތަކީ މި ފުޓްސަލް މުބާރާތެވެ.