ރާއްޖޭގެ ތަރައްޤީއަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މީހުން ބިނާކުރުން ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ''ފަށާއިރު'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ވޭތުވެދިޔަ 2 އަހަރުތެރޭ ކުރެވުނު އެންމެ ހިތްޕުޅުހަމަޖެހިވަޑައިގަތް އެއްކަމަކީ ހިލޭ ޑިގްރޭއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމާއި، މަތީ ތަޢުލީމަށް ހުޅުވާލެވުނު ފުރުޞަތުތައް ކަމަށެވެ.

Ad
rt

ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ މީހުން ބިނާކުރުން ކަމަށެވެ. މިގޮތުން މިވަގުތުވެސް ރާއްޖެއިން ބޭރުގައި 250 ސްކޯލަޝިޕްއަށް ދަރިވަރުން އުނގެނެމުންދާ ކަމަށް ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަޤާމްތަކަށް ދިވެހިން ތަމްރީނުކޮށް، އެ މަޤާމުތައް ދިވެހިންނަށް ހޯދައި ދެއްވުން ކަމަށެވެ. ރާއްޖޭގައި ވަޒީފާ އެބަހުރިކަމަށާއި، ނަމަވެސް އެ ވަޒީފާތަކާއި އެއްވަރަށް ތަމްރީނުވެފައިވާ، އުނގެނިފައިވާ ދިވެހިން މަދުކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ކުރަށްވަމުން ގެންދަވާ މަސައްކަތަކީ އެ ވަޒީފާތައް ދިވެހިންނަށް ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެ މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް 3 ނުވަތަ 4 އަހަރުގެ ތެރޭގައި ފެނިގެން ދާނެ ކަމަށެވެ.