ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ޖުމްހޫރީ ދުވަހާ ގުޅުވައި މާދަމާ ރައީސް ޤައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރައީސް ޤައުމާ މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޤައުމީ ޓީވީ އާއި ރޭޑިއޯގެ ވަސީލަތްތައް މެދުވެރިކޮށެވެ. ރައީސް ޤައުމާ މުހާތަބު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައެވެ.
ކޮންމެ އަހަރަކު ވެސް ޖުމްހޫރީ ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާ ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން މި އަހަރު ނުބޭއްވުމަށް ސަރުކާރުންވަނީ ނިންމާފައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. މި އަހަރު ފާހަގަ ކުރާ މި އަހަރުގެ ޖުމްހޫރީ ދުވަސް ދިމާ ވަނީ ބުދަ ދުވަހަށެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އަންނަ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކުރިންސުރެ ސަރުކާރުން އޮތީ ހަމަޖައްސާފައެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ދޭން ނިމަވާފައިވާ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުމަށް ފަހުން ވަކި ޖަލްސާ އެއް ބޭއްވުމަށް ސަރުކާރުން މިހާރުވަނީ ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!