ކޯވިޑް-19 ބަލީގައި ނިޔާވެފައިވާ ދ. މާއެނބޫދޫ، އުމުރުން 60 އަހަރުގެ އާދަމް ނަސީރަށް ދިމާވިގޮތް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ އެހެން މީހަކަށް ދިމާވާން، އޭނާވެސް އަދި އާދަމް ނަސީރުގެ ޢާއިލާވެސް ނޭދޭކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ވިދާޅުވެއްޖެއެވެ.

އާދަމް ނަސީރު ކަނޑިންމަ ރިސޯޓުގައި ވަޒީފާއަދާކުރަން ހުއްޓައި، ބަލިވެ ހާލު ސީރިއަސްވުމާއި ގުޅިގެން ދ. އަތޮޅު ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. އޭނާ އެ ހޮސްޕިޓަލަށް ގެންދިޔައީ އޮކްޓޯބަރު 30 ވަނަ ދުވަހެވެ. އޭނާ ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ނިޔާވިފަހުންނެވެ. އޭނާ ކޯވިޑަށް ޕޮޒިޓިވްތޯބެލުމަށް ނެގި ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ އޭނާ ވަޅުލި ފަހުން އޮކްޓޯބަރު 31 ވަނަ ދުވަހުގެ ވަގުތެއްގައިކަމަށް ދ. އަތޮޅު ހޮސްޕިޓަލުން ވަނީ އެދުވަހު ބުނެފައެވެ.

Ad
rt

ނަސީރުގެ މަރާ ގުޅިގެން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު މަޖިލިސްއަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ނަސީރު ނިޔާވީ ބަލިވެ، ޑޮކްޓަރަށް ދައްކަން ދިޔުމަށް އެދިއެދި އެ ފުރުޞަތު ރިސޯޓު މެނޭޖްމަންޓުން ދިނުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައި ވަނިކޮށް ކަމަށެވެ. އަދި ނަސީރުގެ ކިބައިން ކާތަކެތީގައި ރަހަ ނުލުން ފަދަ ކޯވިޑްގެ އަލާމާތްތައް ފެންނާތީ ކޯވިޑަށް ޓެސްޓް ކުރުމަށް ވެސް އެދިފައިވާ ކަމަށެވެ.

އާމިރު ވިދާޅުވީ މަޖިލީހުން ހުއްދަ ދެއްވައިފިނަމަ ނަސީރު ފަރުވާއަށް އެދި ކުރި އާދޭހާއި ގުޅޭ ހެކިންގެ އޯޑިއޯވެސް މަޖިލިސްގެ ތަޅުމުގައި އިއްވަން ތައްޔާރަށް ހުންނެވިކަމަށެވެ.

ނަސީރުދެން އަނބުރާ ނުގެނެވޭނެކަން ޤަބޫލު ކުރަށްވާ ކަމަށާއި، ނަމަވެސް ޢާއިލާއާއި އޭނާވެސް އެދެނީ އެ ސިނާއަތުގެ ދެވަނަ މީހަކަށް އެފަދަ ގޮތެއް މެދުވެރި ނުވުން ކަމަށް އާމިރު ވިދާޅުވިއެވެ. އެ މައްސަލަ ހުށަހެޅި ސަބަބަކީ އެމައްސަލަބަލައި، ދެންވެސް އެފަދަ ކަމެއް ތަކުރާރުވާންހުރި ދޮރުތައް ބަންދު ކުރުންކަމަށް އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ނަސީރުގެ މަރާއިގުޅިގެން ރަށުގައިހުރި އޭނާގެ ދޮށީ ދަރިފުޅު ދ. އަތޮޅު ޕޮލިހަށް މައްސަލަ ހުށަހެޅުމުން ޕޮލިސް ސްޓޭޝަނުން ފޯނުނެގި އޮފިސަރު މުއާމަލާތް ކުރެއްވީ ނަސީރުގެ ދަރިފުޅު ވަރަށް މާޔޫސްވާ ގޮތަށް ކަމަށެވެ. ''ތިހެން ތިމައްސަލަ ހުށަހެއެއް ނޭޅޭނޭ ބުނުމަށްފަހު ފަހުން ގުޅާފައި ވެރިއަކު އެ މައްސަލަ ބަލަން ވެރިއަކު ހުއްދަދިންކަމަށާއި، އެމައްސަލަ ބަލަން ހުށަހެޅުމަށް ބުނި، ނަމަވެސް އަދި މިއަދާއި ހަމައަށް ވެސް އޭނާގެ ބަޔާން ނަގާފައި ނުވޭ'' އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ އެޗްޕީއޭގެ ފަރާތުން އެމައްސަލަ ފުލުހަށް ހުށަހެޅިކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އަދި އެޗްއާރުސީއެމުންވެސް އެ މައްސަލަ ބައްލަވާކަމަށް މަޢުލޫމާތު ލިބިފައިވާތީ އެކަމާއި އުފާ ކުރަށްވާ ކަމަށެވެ.

ނަސީރުގެ މަރާ ގުޅިގެން މެންބަރު އާމިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގެންފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުންނެވެ.