2021 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2020 ނޮވެންބަރު 09 އިން 23 ގެ ނިޔަލަށް ހުޅުވާލައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2020 ނޮވެންބަރު 09 އިން 2020 ނޮވެންބަރު 23 ވަނަ ދުވަހުގެ ނިޔަލަށް އެ ޑިޕާޓްމަންޓުން ކުރިއަށް ގެންދާނެ ކަމަށެވެ.
ޑީޕީއީ އިން ބުނީ ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށް، އެ ޑިޕާޓްމަންޓުގެ ކައުންޓަރުން ކަމަށެވެ.
ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން ހުށަހަޅުއްވަން އެ ޢިއުލާންގައި ބުނެފައި ވެއެވެ. އަދި އެޕްލިކޭޝަން ފޯމާއި ފީޝީޓު އެ ޑިޕާޓްމަންޓުންނާއި އެ ޑިޕާޓްމަންޓުގެ ވެބްސައިޓު www.dpe.edu.mv އިން ވެސް ލިބެން ހުންނާނެ ކަމަށް ޑީޕީއީ އިން ބުންޏެވެ.
އަންނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އިމްތިޙާނުގެ އެޕްލިކޭޝަން ފޯމާއި ފައިސާ ބަލައިގަންނާނީ ހަމައެކަނި މި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންގެ ކައުންޓަރުން ކަމަށް ވެސް އެ އިޢުލާންގައި ބުނެފަ ވެއެވެ.
ކޯވިޑް-19ގެ ހާލަތުގެ ސަބަބުން ޖީސީއީ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު މިއަހަރު ނުބާއްވާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ނިންމާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!