ތިލަދުންމަތީގައި ދަނޑުވެރިކަމުގެ ސިނާޢަތެއް އުފެދިގެންދާނެ ފުރުޞަތު އޮތީ ތަނަވަސްވެފައި ކަމަށާއި، އެ ސަރަޙައްދުގައި އެފަދަ މަސައްކަތެއް ފެށިއްޖެނަމަ، އެ ސަރަޙައްދުގެ އިޤުތިޞާދު ރަނގަޅުވެ، އެ ސަރަޙައްދުގެ މީހުންނަށް ވަޒީފާ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅު ވެއްޖެ އެވެ.

މެންބަރު އިބްރޭ މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

އިބްރޭ ވިދާޅުވީ ތިލަދުންމަތީ ސަރަޙައްދަކީ ރާއްޖޭގެ ނިސްބަތުން އެންމެ ބިން ބޮޑު ގިނަ ރަށްތަކެއް އެކުލެވިގެންވާ ސަރަޙައްދު ކަމަށެވެ. އަދި މި ސަރަޙައްދުގެ ތިން އަތޮޅު ހއ. ހދ. އަދި ށ. އަތޮޅުގެ ހުރިހާ ރަށްތަކަށް ބަލާއިރު ގާތްގަނޑަކަށް 2500 ހެކްޓަރު މި ރަށްތަކުގައި ހުންނަ ކަމަށް އިބްރޭ ވިދާޅުވިއެވެ.

''އެހެންވީމާ، މި ސަރަޙައްދަކީ ދަނޑުވެރިކަން އާލާކުރެވި ތަރައްޤީކުރެވިދާނެ ސަރަޙައްދެއް ކަމުގައި އަޅުގަނޑު ދަންނަވަން. އެގްރިކަލްޗަރ ދާއިރާއިން ހެއްދެން ހުރި ގަސްތަކާއި، މޭވާއާއި ތަރުކާރީ ގިނައިން ހެއްދުން އިތުރުކޮށް، މި ސަރަޙައްދުގައި ދަނޑުވެރިކަމުގެ ސިނާޢަތެއް އުފެދިގެންދާނެ ފުރުޞަތު އޮތީ ތަނަވަސްވެފައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަހަލަ ދަނޑިވަޅެއްގައި، ކޯވިޑު ރޯގާއިން ދުނިޔެ ބަނަވެފައިވާ ދުވަސްވަރެއްގައި، އަދި ރާއްޖޭގެ އިޤުތިޞާދު
މިހާ ދަތި ދަނޑިވަޅެއްގައި މިފަދަ މަސައްކަތްތައް ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް.''

އިބްރޭ ވިދާޅުވި އެވެ.

''އެހެންކަމުން، މި ސަރަޙައްދުގައި މިފަދަ މަސައްކަތެއް ފެށިއްޖެނަމަ، އިޤުތިޞާދު ރަނގަޅުވެ، މި ސަރަޙައްދުގެ މީހުންނަށް ވަޒީފާ އާމްދަނީ އިތުރުވެގެންދާނެ ކަމަށް އަޅުގަނޑު ދެކެން.''

އިބްރޭ އިތުރަށް ވިދާޅު ވިއެވެ.

އިބްރޭ ކުރިއަށް ގެންދެވި ބަހުސްގައި، އޭނާ ނިސްބަތްވެވަޑައިގަންނަވާ ކެލާ ދާއިރާގެ، ކެލާ ތުނޑީގައި ރިސޯޓެއް އެޅުމަށް ކުރެވިފައިވާ އިޢުލާނަށް އިޝާރާތް ކުރަށްވާ ވިދާޅުވީ، އެ މަޝްރޫޢުގެ ސަބަބުން ދާއިރާގެ ގިނަ ރަށްރަށުގައި ވަޒީފާގެ ފުރުޞަތު އިތުރުވެ، މި ތަންތަނުގެ އާމްދަނީ އިތުރުވެ، ފުއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

ހަމައެއާއެކު ކެލާ ދާއިރާގެ ފިއްލަދޫއާއި އެއް އިންވެގެން އޮންނަ ދައްޕަރުގައި ސެކަންޑް ހޯމް ޕްރޮޖެކްޓެއް ހިންގުމުން އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ވަޒީފާގެ ފުރުޞަތު އިތުރުވުމުގެ އިތުރަށް، އެ ސަރަޙައްދުގެ އިޤުތިޞާދު ރަނގަޅުވެ އެ ރަށްރަށުގެ ފުއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ވެސް އިބްރޭ ވިދާޅުވި އެވެ. އަދި އެ ސަރަޙައްދުގެ އުފެއްދުންތެރިކަން އިތުރުވެ، އެ ސަރަޙައްދުގައި ރަނގަޅު އިޤުތިޞާދެއް ފެށިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅު ވިއެވެ.

އިބްރޭ ދެއްކެވި ވާހަކާގައި ތިލަދުންމަތީގެ ތަރައްޤީއާއި ގުޅުން ހުރި އިތުރު ކަންކަމަށް ވެސް ވަނީ އަލި އަޅުއްވާ ލައްވާ ވާހަކަ ދައްކަވާފަ އެވެ. މިގޮތުން 2021 ވަނަ އަހަރުގެ ބަޖެޓުން އުތުރަށް އެންމެ ބޮޑު ހޭދައެއް ކުރަން ހަމަޖެހިފައި ވަނީ ހަނިމާދޫ އިންޓަރނެޝަނަލް އެއާޕޯޓް އިތުރަށް ތަރައްޤީ ކުރުމަށް ކަމަށް އިބްރޭ ފާހަގަ ކުރެއްވިއެވެ. އަދި އެ މަޝްރޫޢުއަކީ އުތުރުގައި ފައްކާކުރެވޭ އެންމެ މުހިންމު އެއް އިޤްތިޞާދީ ވަސީލަތްކަން ފާހަގަ ކުރަށްވާ އޭނާ ވިދާޅުވީ އެ މަޝްރޫޢުގެ ސަބަބުން ތިލަދުންމަތީގެ ފަތުރުވެރިކަމާއި، ދަތުރުފަތުރުގެ ސިނާއަތް ކުރިއަރައި، އިޤްތިޞާދީ އެތައް ހަރަކާތެއްފެށި، ގެސްޓު ހައުސް ވިޔަފާރިއާއި އަދި އެހެން ގެސްޓް ވިޔަފާރިތައް ފުޅާވެ ފެށިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ސިޓީގައި ގާއިމު ކުރެވިފައިވާ ކުޅުދުއްފުށީ އިންޓަރނޭޝަނަލް ޕޯޓާއި ގުޅޭ ގޮތުން ވެސް އިބްރޭ ވާހަކަ ދެއްކެވި އެވެ.

''އިޤުތިޞާދީ ކަންތައްތަކަށް ބަލާއިރު، ކުޅުދުއްފުށީ އިންޓަރނޭޝަނަލް ޕޯޓަކީ އުތުރުގެ މައި ދޮރާށި، އެއް ދޮރާށި، މިއީ އިޤުތިޞާދީ ތަނބުކަމުގައި ވެސް ބެލެވިދާނެ. މި ޕޯޓަށް މިހާރު ވަނީ ކޮޗިންއިން ސީދާ ކާގޯ އެތެރެކުރެވޭނެ ގޮތް ހަމަޖެހިފަ. އެހެންނަމަވެސް ދިމާވާ މައްސަލައަކީ، މި ބަނދަރުގެ ފެންވަރު ދަށްކަމާއި، މި ބަނދަރު ފުރިހަމަނުވާތީވެ ބޭރުގައި ބާއްވައިގެން މުދާ ބޭލުމުގެ މަސައްކަތް؟ މިހެންކަމުން، މުދަލުގެ އަގު ވަނީ އިންތިހާއަށް ބޮޑުވެފަ. އިރާދަކުރެއްވިއްޔާ މި މަޝްރޫޢުގެ ދަށުން، މިއަހަރުގެ މި ބަޖެޓުގެ ދަށުން ކުޅުދުއްފުށީ ސީޕޯޓު ތަރައްޤީކުރެވި، އެ ހިސާބުގެ އިޤުތިޞާދު ހަމައަކަށް އެޅިގެންދާނެ. ހަމަ އެއާއެކު، މުޅި ތިލަންދުންމަތީގެ އިޤްތިޞާދަށް މިކަމުން ހެޔޮ ބަދަލު އަންނާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރަން.''

އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވަނީ އޭނާ ތަމްސީލް ކުރަށްވާ ދާއިރާގެ ރަށްތަކަށް ކަމަށްވާ ކެލާ، ފިއްލަދޫ އަދި ވަށަފަރަށް ބަޖެޓުން ދީފައިވާ ފުރުޞަތުތަކާއި، އެ ރަށްތަކަށް އިތުރަށް ބޭނުންވާ ކަންކަމާއި، ސަބަބުތަކާއި އެކު ފާހަގަ ކުރަށްވާ ވާހަކަ ދައްކަވާފަ އެވެ. އަދި އެރަށްތަކުގެ ރައްޔިތުންގެ އުންމީދު ތަކާއި އެއްގޮތަށް ބަޖެޓުން ފުރުޞަތު ހޯދުމަށް އޭނާ ވަނީ ވަކާލާތު ކުރަށްވާ ވާހަކަ ދައްކަވާފަ އެވެ.