ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައި ވޯކްވޭ ހެދުމަށް ބޭނުންވާ ގަލުގެ ތެރެއިން 14 ހާހަށްވުރެ ގިނަ ގާ އެ ސްކޫލަށް އުފުލުމުގައި އެ ސްކޫލްގެ އަނެހެން ބެލެނިވެރިން ނަމޫނާ މަސައްކަތެއްކޮށް، ގަދަ ހިތްވަރެއް ދައްކުވައި ދީފިއެވެ.

އިއްޔެ ހެނދުނު ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށް މި ގާތައް އުފުލާފައިވަނީ ދިއްދޫގައި އެގާތަށް އަޅާފައި ހުރި ސަރަޙައްދުން ޕިކަޕް ތަކުގަ އެވެ.

Ad
rt

މި މަސައްކަތުގައި ބައިވެރިވި ބެލެނިވެރިންގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ އަންހެން ބެލެނިވެރިންނެވެ. ބެލެނިވެރިންގެ އިތުރުން އެ ސްކޫލްގެ މުވައްޒަފުންނާއި، މުދައްރިސުންވެސް މި މަސައްކަތުގައި ބައިވެރިވެފައި ވެއެވެ.

އެ ގާތަށް ހުރި ސައިޓުން ޕިކަޕްތަކަށް ގާތަށް ބަރުކޮށް، އަދި ސްކޫލަށް އެ ގާތަށް ގެންގޮސް ހުސްކުރުމުގައި ގަދަ ހިތްވަރާއިއެކު އެމަސައްކަތް ކުރުމުގައި އެންމެ ކުރީގައި ތިއްބެވީ އެ ސްކޫލްގެ އަންހެން ބެލެނިވެރިންނެވެ. އެ މަސައްކަތުގައި ބެލެނިވެރިންނާއި، ސްކޫލްގެ މުވައްޒަފުން އަދި މުދައްރިސުންގެ ތެރެއިން ޖުމްލަ 135 މީހުން ބައިވެރިވިއިރު، އޭގެ ތެރެއިން ބެލެނިވެރިންގެ ޢަދަދަކީ 80 އެވެ.

ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އަންހެން ބެލެނިވެރިން ގާ އުފުލުމުގެ މަސައްކަތަށް ތައްޔާރުވެގެން، ފޮޓޯ: ދިއްދޫ އޮންލައިން

މި މަސައްކަތާއި ގުޅިގެން، މިމަސައްކަތުގައި އިސްކޮށް އުޅުއްވި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލީޑިން ޓީޗަރު މުޙައްމަދު ޝަރީފް ''ތިލަދުން'' އަށް ވިދާޅުވީ ސަރުކާރުން އެ ސްކޫލްގެ ވޯކުވޭގެ މަސައްކަތަށް ހަދިޔާ ކުރަށްވާފައިވާ އެ ގާތަށް އުފުލުމުގެ މަސައްކަތް އިއްޔެ ހެނދުނު 6:30 އިން 10:30 ކުރިއަށް ދިޔަ ކަމަށެވެ.

''އަޅުގަނޑު ފާހަގަކޮށްލަން މި މަސައްކަތުގައި ބައިވެރިވި މި ސްކޫލްގެ އަންހެން ބެލެނިވެރިންގެ މިންނަތާއި ހިތްވަރު، ޕިކަޕްތަކަށް ގާ އަރުވާ ބޭލުމުގައި އެންމެ ހިތްވަރު ކުރެއްވީ އަންހެން ބެލެނިވެރިން''

ޝަރީފް ވިދާޅުވިއެވެ.

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަންހެން ބެލެނިވެރިން އިއްޔެ ޕިކަޕަކަށް ގާ އަރުވަނީ

ޝަރީފް ވިދާޅުވީ މި އެ ގާތަކުގެ ޢަދަދު 14 ހާހަށްވުރެ އިތުރުވާނެ ކަމަށެވެ. އަދި އެ ގާތަކަކީ އެ ސްކޫލްގެ ވޯކުވޭ ހެދުމަށް ބޭނުންވާނެ ގަލުގެ ތެރެއިން މިންވަރެއްކަން ވެސް ޝަރީފް ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ އެކަން ހާސިލްވަން ދެން އެމަސައްކަތުގައި އެ ސްކޫލާއި ބެލެނިވެރިން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. އަދި އެސްކޫލްގެ ކާމިޔާބުގެ ސިއްރަކީ ބެލެނިވެރިންނާއި، ސްކޫލްގެ ބަދަހި ގުޅުންކަން ވެސް ޝަރީފް ވަނީ ފާހަގަ ކުރަށްވާފަ އެވެ.