ޒުވާން އުމުރަކީ ކޮންމެ މީހަކު ވެސް ދިރިއުޅުމުގައި ގިނަގުނަ އުންމީދުތަކެއް ކުރާނެ އުމުރެކެވެ. ރަނގަޅު ތަޢުލީމެއް ހޯދުމާއި ރަނގަޅު ވަޒީފާއެއް އަދާކުރުމާއި ކައިވެންޏެއްކޮށް ރަނގަޅު އާއިލާއެއް ބިނާކުރުންފަދަ ގިނަ އުންމީދުތައް އެންމެ ބޮޑަށް ކުރެވިގެންދާ އުމުރަކީ ޒުވާން ކަމުގެ އުމުރެވެ.
މިގޮތުން އުމުރުން 27 އަހަރުގެ ށ.ފޭދޫ، ނާރެސް އަޙްމަދު ސާމީއަކީ މިފަދަ އުންމީދުތަކެއް ކުރަމުންއައި ޒުވާނެކެވެ. ނަމަވެސް ސާމީގެ ދެ ކިޑްނީ ފެއިލްވެ އެ ބައްޔަށް ފަރުވާ ކުރަންޖެހުމުގެ ސަބަބުން ދިރިއުޅުމުގައި ވަނީ ވަރަށް ބޮޑު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ.
ސާމީއަކީ ދެމަފިރިއަކަށް ލިބުނު ދެ ކުދިންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރި ހަމަ އެކަނި ދަރިފުޅެވެ. 2018 ވަނަ އަހަރު އިންޑިޔާއަށް ގޮސް ހެދި މެޑިކަލް ޗެކަޕުން އެނގިގެން ދިޔައީ ސާމީގެ ދެ ކިޑްނީގެ މަސައްކަތް ދަށަށް ގޮސްފައިވާކެމެވެ. ސާމީބުނާގޮތުން އެ ދުވަހުން ފެށިގެން ކިޑްނީ ބަލީގެ ވޭން ތަޙައްމަލު ކުރަންޖެހޭނީ ކިހާ ދުވަހެއް ވަންދެންތޯ ވިސްނަން ފެށުނެވެ. އަދި ޔަޤީންވެގެން ދިޔައީ ކޮންމެވެސް ދުވަހަކުން ކިޑްނީ ޓްރާސްޕްލާންޓު ކުރަންޖެހޭނެ ކަމެވެ. އޭރު ސާމީގެ އުމުރުން އެންމެ 25 އަހަރެވެ.
އެ ދުވަހުން ފެށިގެން ފާއިތުވި ދެ އަހަރު ވެސް ސާމީ އައިސްފައިވަނީ ކިޑްނީ ބަލީގެ ވޭން ތަޙައްމަލު ކުރަމުންނެވެ. ބައްޔަށް ފަރުވާ ކުރަމުން އައި ނަމަވެސް 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ހެދި ޓެސްޓްތަކުން އެނގި ކަށަވަރުވެގެން ގޮސްފައިވަނީ ދެ ކިޑްނީގެ ހާލަތު އިތުރަށް ދަށްވެފައިވާކަމެވެ.
ދެ ކިޑްނީގެ ހާލަތު އިތުރަށް ދަށްވުމާއި ގުޅިގެން ޑޮކްޓަރުން އިރުޝާދު ދެއްވާފައިވަނީ ކޮންމެ ވަގުތަކުގައި ވެސް ޑަޔަލެސިސް ހަދަން ޖެހިދާނެ ކަމަށެވެ. ދެން އޮތް ފަރުވާއަކީ ކިޑްނީ ޓްރާންސްޕްލާންޓް ހެދުންކަމަށެވެ.
މަޔަކާއި ބަފައެއްގެ ހުރި ހަމައެކަނި ދަރިފުޅު ސަލާމަތް ކުރުމަށް ޓަކައި އެ މައިންބަފައިން ކިތަންމެ ބޮޑު ޤުރުބާނީ އެއްވެސް ވާނެއެވެ. އެއީ ފެންނަމުންދާ ހަޤީޤަތެވެ. ސާމީގެ މައިންބަފައިން ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ކިޑްނީ ހަދިޔާ ކުރުމަށް ތައްޔާރަށް ތިބިނަމަވެސް އެކަމަށް ހުރަސް އަޅަމުންދަނީ އެ ކުޑަކުޑަ އާއިލާގެ މާލީ ހާލަތެވެ.
އަޙްމަދު ސާމީއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި، ސާމީ ތިޔަ އެންމެހާ ފަރާތްތަކެއްގެ ކިބައިން އާދޭހާއި އެކު އެދެނީ ވެވެން އޮތް މިންވަރަކުން އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ. ހެޔޮދުޢާ ކޮށްދިނުމަށެވެ.
އަޙްމަދު ސާމީގެ ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް:
ބީއެމްއެލް އެކައުންޓު ނަންބަރު :
7724533055001 MVR އަޙްމަދު ސާމީ
7730000204472 USD އަޙްމަދު ސާމީ
ފޯނު ނަންބަރު:
އަޙްމަދު ސާމީ 9143010
ރަޝާދު ސަޢީދު- ބައްޕަ 7938422
އުމުރުން 27 އަހަރުގެ އަޙްމަދު ސާމީގެ ދިރިއުޅުމަށް ކުރިމަތިވެފައިވަނީ ބަޔާންކުރަންވެސް ދަތި އުނދަގޫ ދުވަސްތަކެކެވެ....
Posted by Help Xarmie on Saturday, October 31, 2020
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!