ހދ. ނޮޅިވަރަމުގައި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ފަރާތްތައް އިތުރުވަމުންދާތީ އެކަމާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ހިނގާލުމެއް ބާއްވައިފިއެވެ.
30 އޮކްޓޯބަރ 2020 ވީ ހުކުރު ދުވަހު ހަވީރު 16:15 ގައި ފެށި މި ހިނގާލުމުގައި ސަތޭކައާއި ގާތްކުރާ އަދަދަކަށް މީހުންވަނީ ބައިވެރި ވެފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުން ވެސް ހިމެނެއެވެ.
ނޮޅިވަރަމުގެ ޒުވާނުން އިސްނަގައިގެން ބޭއްވި މި ހިނގާލުމުގެ މައިގަނޑު މަޤުޞަދަކީ އެ ރަށުގައި މަސްތުވާތަކެތީގެ ވަބާ ފެތުރެމުންދާތީ އެކަމާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކަން އިތުރު ކުރުމާއި އެކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް އެކަމާއި ދެކޮޅަށް މަސައްކަތް ކުރުމެވެ.
ފޮޓޯ: ނޮޅިވަރަމް ލައިވް
މި ހިނގާލުން އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެއް ކަމުގައިވާ ނަޞްރުﷲ ޚަލީލު "ތިލަދުން" ނޫހަށް މަޢުލޫމާތު ދެމުން ބުނެފައުވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ތަކެތި ބޭނުންކުރާ ޒުވާނުން އެ ރަށުގައި އިތުރުވަމުން އަންނަ ކަމަށާއި، އެކަން ކުރަމުންދަނީ ފާޅުކަން ބޮޑުގޮތެއްގައި ކަމަށެވެ. ނަމަވެސް ހުއްޓުވޭނެ ގޮތެއް ނެތް ކަމަށެވެ. އަދި މަސްތުވާތަކެތީގެ ސަބަބުން ރަށުގައި ތަފާތު ވައްކަންތައް ދުވަހުންދުވަހަށް އިތުރުވެ ރަށުގެ އިޖްތިމާޢީ ފޭރާން އެއްކޮށް ހަލާކުވަމުންދާ ކަމަށެވެ.
ފޮޓޯ: ނޮޅިވަރަމް ލައިވް
ނަޞްރުﷲ އިތުރަށް ބުނެފައިވަނީ މަސްތުވާތަކެއްޗާއި ގުޅޭގޮތުން މި ބޭއްވުނު ހިނގާލުމަކީ މިކަމާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ފެށުން ކަމަށާއި ކުރިއަށް އޮތްތާގައި މިކަމާއި ދެކޮޅަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ރާވަމުންދާ ކަމަށެވެ.
ފޮޓޯ: ނޮޅިވަރަމް ލައިވް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!