ހދ. ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތުން ނަގާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އެ ސިޓީއަށް އަންގައިފިއެވެ.
ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތުން ނަގާފައި ވަނީ މިރޭ 19:12 ގައި އެވެ. އެ ސިޓީ މޮނިޓަރިން ހާލަތަށް ގެނައީ 17 އޮކްޓޯބަރ ު2020 ވަނަ ދުވަހުގެ ރޭ 22:35 ގައި އެވެ.
(އެޗްޕީއޭ) އިން އެ ސިޓީ މޮނިޓަރިން ހާލަތުން ނެގިކަން އަންގައި ފޮނުވި ލިއުމުގައި ބުނެފައި ވަނީ، އެ ސިޓީ މޮނިޓަރިން ހާލަތުން ނެގީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޤާނޫނު ނަންބަރު 7/2012 (ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތުމުން ކަމަށެވެ.
ކުޅުދުއްފުށީގައި ކޮންމެވެސް ވަރަކަށް ލޯކަލް ޓްރާންސްމިޝަނެއް ހިނގާފައިވާ ކަމަށް ބެލެވޭ ކަމަށް އެޗްއޯއީސީން ކުރިން ވަނީ ބުނެފައި އެވެ.
24 ސެޕްޓެމްބަރު 2020 ގައި ތިލަދުންމަށްޗަށް ދަތުރު ކުރި 18 ފުލުހެއްގެ ދަތުރާއި ގުޅިގެން ފުރަތަމަ ކޯވިޑަށް ޕޮޒިޓިވްވީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހެކެވެ. މިމަހުގެ 5 ވަނަ ދުވަހު އޭނާ ޕޮޒިޓިވް ވުމާއި ގުޅިގެން އެ ކުޅުދުއްފުށި ހިމެނޭހެން، އެ ފުލުސްމީހާ ދަތުރުކުރި 6 ރަށެއް މޮނިޓަރިންގ ހާލަތަށް ވެސް ގެނައެވެ.
އެ ސިޓީ މޮނިޓަރިންއަށްލައި، މިވޭތުވި ދިހަ ދުވަސްތެރޭގައި ކުޅުދުއްފުށީގައި ކޯވިޑް-19 ފެތުރޭތޯ ބެލުމަށް 380 ރޭންޑަމް ސާމްޕަލް ނެގިފައިވާ ކަމަށާއި، އެ ހުރިހާ ސާމްޕަލްތަކެއްވެސް ނެގެޓިވް ވެފައިވާކަމަށް އެޗްއީއޯސީން ވަނީ ބުނެފައި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!