މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރިއަށް ގެންދަވާ ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ކައުންސިލްތަކަށް ހުޅުވާލައިފިއެވެ.
ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި، އެގްރިކަލްޗަރ މިނިސްޓްރީއިން މިއަދު ބުނީ ރާއްޖޭގައި ރުކުގެ އައު ޖީލެއް އުފެއްދުމަށްޓަކައި ފެންވަރު ރަނގަޅު ރުކުގެ މުޑުވައް އާލާކުރުމުގެ މަސައްކަތް އެ ނިސްޓްރީން ކުރަމުން ގެންދަވާ ކަމަށެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ ދުރު މުސްތަޤުބަލަށް މުޑުވައް ނެރެވޭ، ރަނގަޅު ފެންވަރުގެ ރުކުގެ ޖީލެއް ރަށްރަށުގައި ތަރައްޤީކުރުން ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ. އަދި މި ޕްރޮގްރާމަށް އަމިއްލަ ފަރާތްތަކުންވެސް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް އެމިނިސްޓްރީއިން ވަނީ ފާހަގަ ކުރަށްވާފައި އެވެ.
މިގޮތުން ''ސިޔާހާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް'' ގެ ފަރާތުން 1500 ރުއް ހަދިޔާކުރުމަށް މިހާރުވަނީ ހަމަޖެހިފައިވާ ކަމަށާއި، މިގޮތުން ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ 'ޗަވައްކަޑު އޮރެންޖެ' ޑްވާފު މުޑުވަށް ކަމަށް އެ މިނިސްޓަރީއިން ބުންޏެވެ. އާންމުކޮށް ޑްވާފް ވެރައިޓީގެ މުޑުވައްތައް ހެދޭނެ ދިގުމިނަކީ 10-15 ފޫޓެވެ.
މިޕްރޮގްރާމްގެ ދަށުން ރުއް އިންދަން ޝަޢުޤުވެރިވެލައްވާ ކައުންސިލްތަކުން، އެކަމަށް އެދޭ އެޕްލިކޭޝަން ފުރިހަމަ ކުރެއްވުމަށްފަހު 12 ނޮވެމްބަރު 2020 ގެ 14:00 ގެ ކުރިން އެ ނިސްޓްރީގެ އީމެއިލް admin@fishagri.gov.mv އަށް ފޮނުއްވުމަށް އެ މިނިސްޓްރީއިން ވަނީ ފުރުޞަތު ހުޅުވާލައިފައެވެ.
އެ މިނިސްޓްރީއިން ބުނީ މިގޮތުން ޝައުގުވެރިވެލައްވާ ކައުންސިލްތަކުގެ ތެރެއިން ހޮވާލެވޭ 15 ކައުންސިލަކަށް ކޮންމެ ރަށަކަށް 100 ރުއް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.
ރުއްތައް ލިބޭ ރަށްތައް ހޮވުމުގައި މިނިސްޓްރީއިން ބަލާ ކަންތައްތަކަށް
- ރަށުގެ ބޮޑުބިން
- ރަށުގެ ރުއްތަކަށް ދިމާވެފައިވާ މައްސަލަތައް އަދި މި މައްސަލަތައް ޙައްލުކުރުމުގެ ގޮތުން ކުރެވިފައިވާ މަސައްކަތްތައް
- ހަދިޔާކުރެވޭ ރުއްތައް ބޭނުންކުރުމުގެ ޕްލޭން އަދި ދުރުމުސްތަޤްބަލަށް އެރުއްތަކުން ފައިދާހޯދަން ރާވާފައިވާ ގޮތް
މިޕްރޮގްރާމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުނަމަ އެގްރިކަލްޗަރ ނިސްޓްރީގެ ނަންބަރ 3339236، 3339261 ގުޅުއްވުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައި އެވެ.
ރުކުގެ އައުޖީލެއް އުފެއްދުމުގެ ޕްރޮގްރާމަކީ ދުނިޔޭގެ ދަނޑުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ހދ. ހަނިމާދޫގައި 15 އޮކްޓޯބަރު 2020 ގައި ފަށާފައިވާ ޕްރޮގްރާމެކެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މ ޕްރޮގްރާމަކީ މިހާރު ރާއްޖޭގައި ހުރި ގިނަ ރުއްތަކަކީ ގާތް ގަނޑަކަށް 40 އަހަރު ވެފައިވާ ރުއްތަކަކަށް ވާތީ ރުކުގެ އައު ޖީލެއް އުފެއްދުމަށްޓަކައި އެގްރިކަލްޗަރ މިނިސްޓްރީއިން ފެއްޓެވި ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!