ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގެ ތެރޭގައި ބިދޭސީއަންހެނަކު ރޭޕް ކުރިކަމަށް ބައެއް މީހުން އަޑު ފެތުރިނަމަވެސް އެމައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައި މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ކަމަށާއި، އެއީ ރޭޕްކުރުމެއް ނޫންކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ހޮނިހިރު ދުވަހުގެ ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ''އަހާށޭ ބުނާނަން'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

މިނިސްޓަރު ވިދާޅުވީ އެމައްސަލާގައި ހަޤީގަތުގައި ހިނގާފައިވަނީ އާންމު ތަނެއްގައި މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށެވެ. އެއީ ރޭޕްކުރުމެއް ނޫންކަމަށާއި، އެކަމުގައި މީޑިއާ އާއި އާންމުގެ ތެރޭގައި ދެކެވެނީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފުރަތަމަ އެ އަންމީހާ ދޫކޮށްލުމުގައި ޕްރޮސީޖާއިން ބޭރުން ބައެއް ކަންކަން ހިނގާފައި އެބަހުރި ކަމަށެވެ.

އެވާހަކަ ފެތުރެން ފެށުމުން ވަރަށް ބޮޑު ރޭޕް ކޭސްއެއް ހިނގާފައި އޮތް ކަމަށް ޚުދު މިނިސްޓަރު އިމްރާނަށް ވެސް ތަސައްވުރު ކުރެވިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

''އެކަމު އެމައްސަލަ ގޮސް ރަނގަޅަށް ކައިރިން ބަލާލީމަ މިކަހަލަ ތާކު އަޅުގަނޑަށް ސީދާ ފަސޭހައެއް ނޫން އެ ހިނގާފަ އޮތް ކަންތައް ނުވަތަ އެ އިބާރާތް ބުނާކަށްވެސް. އެހެންނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ ޢާންމު ޕަބްލިކް ތަނެއްގަވެސް ހުރަފަވެސް ބައެއްގެ ތެރޭގަވެސް ހުރެފަވެސް މީހަކަށް ކޮށްލެވޭނެ ކަމެއް ކުރި ވާހަކަ މިދެންނެވީ. އަދި ކުރީމަ ކުރިކަންވެސް ނޭގޭނެވެސް ކަމެކޭ ހިނގާފަ މިއޮތީ."

މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އެމައްސަލާގައި އާންމުގެ ތެރޭގައި ދެކެވޭކަހަލަ ބޮޑު ރޭޕް ކޭސްއެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހަގީގަތަކީ ވެސް އެއީ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިމައްސަލާގައި ތުހުމަތުކުރެވޭ މީހުންނާއިމެދު ފުލުހުން ފުރަތަމަ އަމަލުކުރި ގޮތުގައި އުސޫލާއި ޚިލާފް ކަންކަން ހިނގާފައިވާކަމަށް ތުހުމަތުކުރުމުގެ ފުރުޞަތު އޮތްކަމަށް ވެސް މިނިސްޓަރު ވަނީ އެ ޕްރޮގްރާމްގައި ވިދާޅުވެފައި އެވެ.

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރިކަމަށް ފުލުހުންނަށް މައްސަލައެއް ހުށައެޅުމާއި ގުޅިގެން، ޖޫން 28 ވަނަ ދުވަހު ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ 2020 ޖޫން 25 ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް (27އ) ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށްވަނީ ހުށަހެޅިފައިކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ 26 ވަނަ ދުވަހުގެ ފަތިހު 5:00 އެހައިކަންހާއިރު ހުޅުމާލެ، ލަކުޑި ޖެޓީ އެދުގައި އެ އަންހެންމީހާ އާއި އިތުރު 2 ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މަޢުލޫމާތު އޮޅުންފިލުވުމުންކަމަށް ބުނެފައިވެއެވެ.

ފުލުހުންގެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ އެސަރަހައްދުގައި އެމީހުން ތިއްބާ ފުލުހުން ގޮސް މަޢުލޫމާތު އޮޅުންފިލުވުމުން އެ އަންހެންމީހާގެ ފަރާތުން ފުލުހުންނަށް މަޢުލޫމާތު ދީފައިވަނީ، 2020 ޖޫން 25 ވަނަ ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދަޢުވަތަކަށް، މިމައްސަލާގައި ތުހުމަތުކުރެވޭ 2 މީހުންނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި ޖިންސީ ގޯނާކުރިކަމަށާއި، އެމީހުންގެ އަމަލުތައް ހުރި ގޮތުން އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވުމުގެ ގޮތުން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެނެސް ޖެޓީއަށް ބޭލީކަމަށެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 39 އަހަރުގެ 2 މީހުން ބަންދުން ދޫކޮށްލާފައިވަނީ އެވަގުތާ ހަމައަށް ލިބިފައިހުރި މަޢުލޫމާތު ތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީއެވެ.

ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެމައްސަލަ ފެންމަތި ވުމުން އާންމުގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އެމައްސަލައާއި ގުޅިގެން އެ އަންހެން މީހާގެ އިންޓަރވިއުއެއް ކަމަށް ބުނެ އޮންލައިން ނޫހަކުން ގެނެސްދިން ރިޕޯޓު އެ އަންހެން މީހާ ވަނީ ދޮގުކޮށް، އެހެން ނޫހަކާއި ވާހަކަ ވެސް ދައްކާފައި އެވެ. އެ މައްސަލާގައި އެ އަންހެން މީހާއާއި ހަވާލާދީ ޚަބަރު އާންމުކުރި ނޫހުން ފަހުން ވަނީ މީހަކު އޮޅުވާލައިގެން އެ ނޫހަށް ދިން މަޢުލޫމާތެއް ކަމަށް ބުނެފައެވެ.

އެކަމުގައި އެ އަންހެން މީހާގެ ވާހަކަ ބަދަލުވި ކަމަށާއި، އެކަން ހިނގާ ދިޔަގޮތާއި މެދު ގިނަ ބަޔަކީ ވަނީ ސުވާލު އުފަށްދާފައި ވެސް މެއެވެ.