ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމުގައިވާ ޖަރުމަނުގެ ބަޔާން މިޔުނިކް މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗް ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފިއެވެ.

ގުރޫޕް އޭގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ބަޔާން ކާމިޔާބުކުރީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި ބައްދަލުކޮށް 4-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބަޔާންއިން ވަނީ ކޮންމެ ހާފެއްގައި ދެގޯލް ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ގޯލް 28 ވަނަ މިނިޓްގައި ކޯމަން ކާމިޔާބުކޮށްދިންއިރު ދެވަނަ ގޯލް ފެނިގެނދިޔައީ 41 ވަނަ މިނިޓްގައި ގޮރެޒްކާގެ ފަރާތުންނެވެ. ތިންވަން ގޯލް 66 ވަނަ މިނިޓްގައި ޓޮލީސޯ ކާމިޔާބުކޮށްދިންއިރު ފަހުގޯލް ބަޔާނަށް ކާމިޔާބުކޮށްދިނީ ބަޔާންގެ ފުރތަމަ ގޯލްވެސް ކާމިޔާބުކުރި ކޯމަންއެވެ.

Ad
rt

ބަޔާންއިން އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ހޯދި މޮޅާއިއެކު ޗެމްޕިއަންސް ލީގުގައި ބަޔާން ޖެހިޖެހިގެން މޮޅުވެ ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑް މިހާރުވަނީ 12 މެޗަށް އިތުރުކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމް ކަމުގައިވާ ސްޕެއިންގެ ރިއާލް މެޑްރިޑް މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. 13 ފަހަރު ޗެމްޕިއަންސްލީގު ކާމިޔާބުކޮށްފައިވާ ރިއާލް މެޑްރިޑް ބުދަ ދުވަހުގެރޭ ޔޫކްރެއިންގެ ޗެމްޕިއަނުން ކަމުގައިވާ ޝަކްތަރު ޑޮނެސްކް އާއި ދެކޮޅަށް ކުޅެ ބަލިވީ 2-3ގެ ނަތީޖާއަކުންނެވެ. ޝަކްތަރު ޑޮނެސްކްއިން މެޗަށް ނުކުތީ އާމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ 13 ކުޅުންތެރިއެއް ކޮވިޑް-19 އަށް ފައްސިވުމާއިގުޅިގެން ޔުކްރެއިންގައި ބަހައްޓާފައެވެ.

ރިއާލްގެ ދަނޑުގައި ކުޅުނު މެޗްގެ ފުރަތަމަ ހާފްގައި ޝަކްތަރު ޑޮނެސްކްއިން ގާތްގާތުގައި ތިންގޯލް ޖަހާ ވަނީ ރިއާލް ސިއްސުވާލާފައެވެ. ޝަކްތަރު ޑޮނެސްކްގެ ފުރަތަމ ގޯލް މެޗުގެ 29 ވަނަ މިނިޓްގައި މާޓީންސް ކާމިޔާބުކޮށްދިންއިރު ދެވަނަ ގޯލް 33 ވަނަ މިނިޓްގައި ވަނީ ރިއާލްގެ ޑިފެންޑަރ ވާރާން އަތުން ބައިކޮޅަށެވެ. އަދި ޝަކްތަރު ޑޮނެސްކްގެ ތިންވަނަ ގޯލް ސޮލޮމަން މެޗްގެ 42 ވަނަ މިނިޓްގައި ކާޟިޔާބުކޮށް ފުރަތަމަ ހާފް ނިންމާލީ ޝަކްތަރު ޑޮނެސްކް 3 ގޯލްގެ ލީޑަކާއިއެކުއެވެ.

ދެވަނަ ހާފްގައި ރިއާލްއިން ކުޅުން ރަނގަޅުކޮށް ގާތް ގާތުގައި ވަނީ ދެގޯލް ކާމިޔާބުކޮށްފައެވެ. އެގޮތުން މެޗްގެ ރިއާލްގެ ފުރަތަމަ ގޯލް54 ވަނަ މިނިޓްގައި މޮޑްރިޗް ކާމިޔާބުކޮށްދިންއިރު ދެވަނަ ގޯލް އޭގެ ހަމިނިޓްފަހުން ކާމިޔާބުކޮށްދިނީ ވިނީސިއަސް ޖޫނިއަރއެވެ. މެޗްގެ ޢިތުރުވަގުތުގެ ފަހުވަގުތުގައި ރިއާލްގެ މިޑްފީލްޑަރ ވަލްވާޑް ފޮނުވާލި ބޯޅަ ގޯލަށް ވަން ނަމަވެސް ވީއޭއާރު ޗެކްކޮށްވަނީ ވަލްވާޑް ބޯޅަ ގޯލަށް ފޮނުވާލި އިރު ގޯލްކީޕަރ ކުރިމަތީގައި ހުރި ވިނީސިއަސް ބޯޅައަށް ހަރަކާތްކުރީ އޮފްސައިޑްގައި ހުރެކަމަށްވާތީ އޮފްސައިޑްކަމަށް ވަނީ ނިންމާފައެވެ.