މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީކުރަމުންދާ ހދ. ކުޅުދުއްފުށީ ބަނދަރުގެ 98 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެމްޓީޓީސީން ބުނީ ކުޅުދުއްފުށީ ބަނދަރު ފުޅާކޮށް ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 98 ޕަސެންޓް މިހާރު ނިމިފައި ވާކަމަށެވެ.
މި މަޝްރޫޢުގެ ތެރެއިން ކުރިން ފުންކޮށްފައިވާ ފަޅު، އަލުން ފުންކުރުމުގެ މަސައްކަތުގެ 30 ޕަސެންޓް މަސައްކަތް ވަނީ ނިމިފައިވާ ކަމަށް އެކުންފުނިން ބުނެފައިވާއިރު، މި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ 30 އޮކްޓޯބަރ 2020 ގައި ކަމަށް ވެސް އެމްޓީޓީސީން ބުންޏެވެ.
ކުޅުދުއްފުށީ ބަނދަރު ފުޅާކޮށް ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން، 236،844 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، 24،450 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި އަދި 1000 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް ކުރުމަށް ވަނީ ހަމަ ޖެހިފައި އެވެ.
މީގެއިތުރުން އެއްގަމުތޮށި ހިމެނޭ ސަރަޙައްދުގެ ބިންގަނޑު އެއްވަރު ކުރުމާއި، އެ ސަރަޙައްދުގައި ގައު އެތުރުމާއި އަދި ކާނުގެ މަތިގަނޑު އެޅުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 129،529 މިލިއަން ރުފިޔާގެ މަޝްރޫޢު އެކެވެ. އަދި މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 26 ޑިސެމްބަރ 2018 ގައި އެވެ.
ކޯވިޑްގެ މި ބަލިމަޑުކަމުގެ ސަބަބުން މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ރާއްޖޭން ބޭރުން ގެނައުމުގައި ބައެއްކަހަލަ ދަތިތަކާއި ކުރިމަތިވީ ނަމަވެސް ފަށާފައިވާ އެންމެހާ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!