އަންނަ އަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީކޮށް ހދ. ކުޅުދުއްފުށި ސިޓީގައި ފާހަގަކުރުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރ ޔާސިރު ޢަބްދުއްލަޠީފް އެދިވަޑައިގެންފި އެވެ.

ޔާސިރު ޢަބްދުއްލަޠީފް އެދިވަޑައިގަތީ މިއަދު ޒުވާނުންގެ ދުވަހުގެ ތަޙުނިޔާ އަރިސްކުރުމަށް ކުރެއްވި ޓުވީޓެއްގަ އެވެ.

Ad
rt

2021 ވަނަ އަހަރުގެ މިދުވަސް ރަސްމީކޮށް ކުޅުދުއްފުށި ސިޓީގައި ފާހަގަ ކުރުމަކީ އަޅުގަނޑުމެންގެ ނުހަނުބޮޑު އެދުމެއްކަމުގައި ދަންނަވަން

ޒުވާނުންގެ ދުވަހުގެ ތަޙުނިޔާ އަރިސްކުރަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ޓެގްރައްވާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޔާސިރު ވަނީ ޒުވާނުންގެ ވަޒީރަށާއި އަދި ރާއްޖޭގެ އެންމެހާ ޒުވާނުންނަށް މިދުވަހުގެ ތަޙްނިޔާ އަރިސްކުރައްވާފަ އެވެ.

މިއަހަރުންފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވަނީ މިދިޔަ އަހަރު އެވެ.

މިގޮތަށް ކަނޑައެޅުއްވީ، ޒުވާނުންގެ ދުވަސް ފާހަގަކުރައްވާނެ ތާރީޚެއް ކަނޑައެޅުމާ ގުޅޭގޮތުން މިދިޔަ އަހަރު ވަޒީރުންގެ މަޖިލީހުގައި ޑިސެމްބަރ 19 ވަނަ ދުވަހު ޖަލްސާގައި މެންބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށްފަހުގައެވެ.

22 އޮކްޓޯބަރަކީ މީގެ 12 އަހަރު ކުރިން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިހާބުތަކުގައްޔާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ޙައްޤާއި، އިންތިހާބުތަކުގައި، އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގައި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީހީ ދުވަހެވެ..

މީގެކުރިން ޒުވާނުންގެ ދުވަސް ފާހަގަކުރައްވަމުން ގެންދެވި ތާރީހު، އެކިފަހަރުމަތިން ވަނީ ބަދަލުކުރައްވާފައެވެ. މިގޮތުން، އެންމެ ފުރަތަމަ ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކުރައްވާފައިވަނީ 1 މާރިޗު 1992 ގައެވެ. އޭގެފަހުން ދުނިޔޭގެ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް އެއީ ރާއްޖޭގެ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރައްވަމުން ގެންދެވިއެވެ. އަދި ފަހުން މި ދުވަސް ފާހަގަކުރައްވަމުން ގެންދަވާފައިވަނީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.