މަގާމުން ދުރުކުރުމަށް "ވާންކުރާ ކުރުމަކީ" ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަށް އަމާޒުވާ އެތި ފަހަރެއް ކަމުގައި ނުދެކޭ ކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވައިފި އެވެ.

އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް 24 މެމްބަރުންގެ ސޮޔާ އެކު ވައްދާފައި ވަނިކޮށް އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ މިރޭ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއަށް ސިޓީފުޅެއް ފޮނުއްވައިފައެވެ.

Ad
rt

އެ ސިޓީގައި ރައީސް ސޯލިހާއެކު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިވަގުތު އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށްވާތީ އެކަން އެ ގޮތަށް ކުރައްވާ ކަަމަށް ވިދާޅުވެފައިވެއެވެ.

އަމީންގެ ސިޓީގައި ވިދާޅުވެފައިވަނީ މަގާމުން ދުރުކުރުމަށް "ވާންކުރާ ކުރުމަކީ" އޭނާއަށް އަމާޒުވާ އެތި ފަހަރެއް ކަމުގައި ނުދެކޭ ކަމަށާއި އަދި އަސާސެއް ނެތް ކަންކަމުގައި ސަރުކާރު ބަލިކޮށްލުމަށް އެތަށް ކަމެއް ހިނގަމުންދާ ކަމަށެވެ.

"އަޅުގަނޑު މަގާމުން ދުރުކުރުމަށް ވާންކުރާ ކުރުމަކީ ކޮންމެހެން އަޅުގަނޑަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ނުދެކެމެވެ. އަދި މި ހާލަތާއި ގުޅިގެން މަނިކުފާނާއި ކުރެވުނު މަޝްވަރާއިން ހާލަތު އަޅުގަނޑަށް ވަޒަން ކުރެވުނެވެ. އެހެން ކަމުން މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލުކުރޭތީ، މިއަދުން ފެށިގެން މިނިސްޓަރު އޮފް ހެލްތްގެ މަގާމުން އިސްތިއުފާ ދިފީމެވެ،"

ކުރީގެ ހެލްތް މިނިސްޓަރު އަމީންގެ ސިޓީގައި ބުނެފައިވެ އެވެ.

75 ވެންޓިލޭޓަރުގެ މައްސަލައިގައި "ހޫނުފެނަށް" ވެއްޓިފައި ވަނިކޮށް އަމީން އިސްތިއުފާ ދެއްވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގެ ތަހުގީގު ފެށުމާއެކު، އެކަމަށް ޖާގަ ދެއްވުމަށްޓަކައި އަމިއްލަ އަށް މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެން ހުންނެވިތާ ދެ މަސް ފަހުންނެވެ.

އެ ސިޓީގައި އަމީން އިތުރަށް ވިދާޅުވީ، ރައީސް ސޯލިހުގެ ވެރިކަމުގެ އުންމީދު ގުޅިފައިވަނީ އަންނަން އޮތް އެތައް ޖީލަކާ ކަމަށާއި ނަމަވެސް އެ ކަމަށް ހުރަސްއެޅުމަށް، އުންމީދުތައް ނެތިކޮށްލުމަށް އަދި އެމަނިކުފާނު ބަލިކޮށްލުމަށް ރޭވުންތެރި މަސައްކަތްތައް އަމާޒުވެފައިވާ ކަމަށެވެ. އަދި ހަގީގަތެއް އަދި އަސާސެއް ނެތް ކަންކަމުގެ ވަސްވާހުގައި ސަރުކާރު ބަލިކޮށްލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން، ކޯވިޑްގެ ބަލިމަޑުކަމުން ގައުމާއި ރައްޔިތުން ސަލާމަތް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ތައުރީފް ހައްގު މަސައްކަތެއް ކަމަށާއި އެ މަސައްކަތުގައި އިސްދައުރެއް އަދާކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރެވުނީތީ އެކަމާއި ފަހުރުވެރިވާ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީގެ އެންމެހާ މުވައްޒަފުންނާއި އެންމެހާ ސިއްހީ ޚިދުމަތްތެރިން ކުރައްވަމުން ގެންދަވާ ބުރަ މަސްކަތަށް އަމީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.