ހެލްތު މިނިސްޓަރު ޢަބްދު ﷲ އަމީންގެ އިތުބާރު އޮތްކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމާފައި ވަނިކޮށް، އޭނާގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވަންދަން ސޮއި ހަމަކޮށް، އެމައްސަލަ މަޖިލީހަށް ވަށްދައިފިއެވެ.
އަމީންގެ އިތުބާރުނެތް ކަމުގެ މައްސަލާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ 24 މެންބަރަކު ވަނީ ސޮއި ކުރަށްވާފައި އެވެ.
މިނިސްޓަރު އަމީންގެ އިތުބާރުނެތް ކަމަށް ބުނެ، މަޖިލީހަށް ވެއްދި މައްސަލާގައި ބުނެފައި ވަނީ މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން ހެލްތް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވައިގެން، ކޯވިޑް-19 ގެ ބަލިމަޑުކަމުގައި ރައްޔިތުންނަށް ދޭންޖެހޭ ޞިއްޙީ ފަރުވާދިނުމަށްޓަކައި ކުރި މަސައްކަތްތަކުގެތެރޭގައި ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުމަށް އޯޑަރުކުރި ވެންޓިލޭޓަރުތަކެއް ގެނައުމުގައި ކޮރަޕްޝަނުގެ ޢަމަލުތަކެއް ހިމެނޭގޮތަށް މިނިސްޓްރީ އޮފް ހެލްތުން ޢަމަލުކޮށްފައިވާކަމަށް ކުރި ތުހުމަތުތަކާ ގުޅޭގޮތުން ކުރެވުނު ތަޙްޤީޤުތަކުން، ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ ޢަމަލު ހިމެނޭކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުންނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ރިޕޯޓުން ސާފުކޮށް އެގެން އޮތްކަމަށާއި، އަދި މިނިސްޓަރު އަބްދުﷲ އަމީން އޭގެ ޒިންމާނަގަން ޖެހޭނެކަމެއްކަމާއި، އަދި މިއީ މިނިސްޓަރ އޮފް ހެލްތް އަލްފާޞިލް އަބްދުﷲ އަމީންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގެ ގެއްލި، މަޖިލީހުގެ އިތުބާރު މިނިސްޓަރު އަމީނުގެ މައްޗަށް ގެއްލިގެންގޮސްފައިވާ ޢަމަލެއް ކަމަށެވެ.
''އަދި މިކަމުގައި ރައްޔިތުންގެ މަޖިލީހުން މިނިސްޓަރ އޮފް ހެލްތް އަލްފާޞިލް އަބްދުﷲ އަމީން އާއި ސުވާލުކުރުމުން، ތެދުނޫން ޢުލޫމާތު މިމަޖިލީހަށް ދީ ދަޢުލަތުގެ އިދާރާއަކަށް ދޮގުމަޢުލޫމާތު ދީފައިވާކަން ސާފުވެފައިވާތީ، މިނިސްޓަރ އޮފް ހެލްތް އަލްފާޞިލް އަބްދުﷲ އަމީން މިނިސްޓަރ ކަމުގައި އިތުރަށް ހުރުމަކީ މިމަޖިލީހުގެ އިތުބާރު އޮތް ކަމަކަށް ނުވާތީ، ޤާނޫނުއަސާސީގެ 101 ވަނަ މައްދާގެ (ހ) ގެ ދަށުން މިނިސްޓަރ އޮފް ހެލްތް އަލްފާޞިލް އަބްދުﷲ އަމީން މިނިސްޓަރކަމުން ވަކިކުރުމަށް ހުށަހަޅަމެވެ.''
އެމައްސަލާގައި ބުނެފައި ވެއެެވެ.
މިނިސްޓަރ އޮފް ހެލްތް އަލްފާޞިލް އަބްދުالله އަމީން މިނިސްޓަރ ކަމުގައި އިތުރަށް ހުރުމަކީ ރައްޔިތުންގެ މަޖިލީހުގެ އިތުބާރު އޮތް ކަމަކަށް ނުވާތީ، ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ(ހ)ގެ ދަށުން ހެލްތް މިނިސްޓަރ އަމީން މިނިސްޓަރކަމުން ވަކިކުރުމަށް ރައްޔަތުންގެ މަޖިލީހަށް ހުށަހަޅައިފިން. pic.twitter.com/Nyq3Iefy54
— Hussain Firushan *️⃣ (@husnfirey) October 20, 2020
ކޯވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގެ އޮޑިޓް ރިޕޯޓާއި ގުޅިގެން އަމިއްލަ ފުޅަށް މަސައްކަތުން އެކަހެރިވެ ވަޑައިގެން ހުންނެވި އަމީނަށް ސަރުކާރު ހިންގާ މައިޕާޓީގެ ޕީޖީ ގްރޫޕްގެ އިތުބާރު އޮތްކަމަށް މިއަދު ކުރިން ވަނީ ނިންމާފައި އެވެ. އެގޮތަށް ނިންމީ އޭނާއަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް އެޕާޓީގެ ޕީޖީ ގްރޫޕުން ނެގި ވޯޓުންނެވެ.
އެކަމަށް ކުރިއަށްދިޔަ އެމްޑީޕީ ޕީޖީގެ ބައްދަލުވުމުގައި ޖުމްލަ 58 މެމްބަރަކު ބައިވެރި އިރު، އަމީނަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 27 މެމްބަރެކެވެ. އިތުބާރު ނެތް ކަމަށް ފާސްވުމަށް 30 ވޯޓު ބޭއްނުންވެ އެވެ.
އެބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އުތުރަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެންބަރަކު ވިދާޅުވީ ޖުމްލަ ގޮތެއްގައި އެމްޑީޕީ ޕީޖީގެ އިތުބާރު އަމީނަށް ނެތްކަމަށެވެ.
''އަޅުގަނޑުމެން ބަލައިލަން ބޭނުންވީ މިކަމުގައި ރައީސް ޞާލިޙް ދެކިވަޑައިގަންނަވާ ގޮތް، ރައީސްގެ ލަފާފުޅެއް މިކަމުގައި އޮތްތޯ އޮތްނަމަ އޮތް ގޮތަކީ ކޮބައިތޯ ނޫނީ ލަފާފުޅެއް ނެތްނަމަ އެކަންވެސް އެނގުނީމައި ކުރިއަށްދާން އެނގޭނީ''
އެ މެންބަރު ވިދާޅުވިއެވެ.
އަމީންގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދިއިރު އެ މައްސަލާގައި ސޮއި ކުރެއްވި މެންބަރުންގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް، އީވާ ޢަބުދުﷲ ވެސް ހިމެނި ވަޑައިގަންނަވައެވެ.
މިނިސްޓަރު އަމީންގެ އިތުބާރުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިއިރު، މިއަދު ވަނީ ކޯވިޑް-19 އާގުޅޭ ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން އެ މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ކުރެވޭވަރަށް ހެކި ނެތިގެން އެ މައްސަލަ އަނބުރާ ފޮނުވާ ލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!