މިހާރު ލަވަކިޔުމާއި މިޔުޒިކްގެ ދާއިރާއާއި އެއްކޮށް ދުރަށް ގޮސްފައިވާ ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ދިވެހި އެންމެހާ ރައްޔިތުން ގެ ކިބައި ވަސިއްޔަތެއް ކުރައްވައިފި އެވެ.
މިޔުޒިކާއި ގުޅުވައިގެން މިއަދު ވެސް އަދި އޭނާ ނެތް ދުނިޔެއެއްގައި ވެސް، މިޔުޒިކާއި އަލީ ރަމީޒު އާއި ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުމަކީ އެއްވެސް ހާލެއްގައި އޭނާ ރުހޭ ކަމެއް ނޫންކަން ބަޔާންކޮށް މިއަދު ވަނީ ވަރަސް ދިގު ޕޯސްޓް އެއް އެއިނާގެ ފޭސްބުކް ޕޭޖުގައި ލިއުއްވާފަ އެވެ.
އެ ޕޯސްޓުގައި ބުނެފައިވަނީ މިޔުޒިކާ ދުރުވުމަށް އެންމެހާ ފަރާތްތަކަށް ނަޞޭހަތްތެރިވާކަމަށެވެ. އަދި އޭނާ މިޔުޒިކާ ދުރުވި ސަބަބު ހާމަކޮށް، ބުނެފައިވަނީ މިޔުޒިކާއި ލަވަ ކިޔުމުން ދުރުވީ، ކީރިތި ޤުރުއާންގެ ސައްހަ މަފްހޫމް އެންމެ ބޮޑަށް އެނގިވަޑައިގެން ތިއްބެވި މަތިވެރި ސަހާބީއްނާއި، ތާބިއީންގެ ތަފްސީރު ތަކުގައި ކީރިތި ޤުރުއާންގެ އެއް އާޔަތަށް ވުރެ ގިނަ އާޔަތުން އެކަމަކީ ކަނޑަ އެޅިގެން ހަރާމް ކަމެއް ކަން ބަޔާން ކުރައްވާފައިވުމާއި، މާތް ނަބިއްޔާ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އެތަށް ހަދީޘް ބަސްފުޅު ތަކުއްނާއި، ސަހާބީއްނާއި ތާބިއީންގެ ފަތުވާތަކުގެ އިތުރުން، ސުންނަތް ޖަމާޢަތުގެ މަޝްހޫރު ފިޤްހީ 4 މަޒުބުގައި ވެސް އެކަމަކީ ކަނޑަ އެޅިގެން ހަރާމް ކަމެއް ކަން އިތުބާރު ހުރި އިލްމުވެރިންގެ ބަސްފުޅު ތަކުން ޝައްކެއް ނެތް މިންވަރަށް އެނގި ކަށަވަރު ވުމުން ކަމަށެވެ.
މިފަދަ ނުބައިކަން ބޮޑު ވެގެންވާ ފާފަ އަކާއި ދުރު ކޮށްދެއްވީތީ ތާއަބަދު ﷲ އަށް ހަމްދު ކުރަމެވެ. އަލްހަމްދުﷲ. މިއަދު އަޅުގަނޑަކީ ﷲ އަށް ޓަކައި މިޔުޒިކަށް އިންތިހާ އަށް ނަފްރަތު ކުރާ މީހަކީމެވެ. އަދި އެގޮތުގައި އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައި އަނބި ދަރިން ހެއޮ ގޮތުގައި ތަރުބިއްޔަތު ކުރެވޭތޯ ގަދަ އަޅައި މަސައްކަތް ކުރާ މީހަކީމެވެ.
އަލީ ރަމީޒް ބުނެފައިވެ އެވެ.
އަލީ ރަމީޒް ކިޔާފައިވާ ލަވަތައް ޖެހުމާއި، ޓީވީ އަދި ރޭޑިއޯތަކުން ފޮނުވުމާއި، އޭގެން ވިޔަފާރި ކުރުމާއި، ސޯޝަލްމީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުން ކޮށްގެން ވިޔަފާރި ކުރުމާއި، ސޯޝަލް މީޑިއާގެ އިތުރުން އެހެން އެއްވެސް ވަސީލަތެއްގައި ލަވަތައް ފެތުރުމާއި، މިޔުޒިކީ ހަޔާތުގެ ފޮޓޯތަކާއި ވީޑޮއޯތައް ބޭނުން ނުކުރުމަށް ވެސް އޭނާވަނީ އިލްތިމާސް ކޮށްފައެވެ.
އިތުރަށް ބުނެފައިވަނީ އެތަކެތި ބަޔާންވެދިޔަ ގޮތްގޮތަށް ބޭނުންކުރުމަކީ ވެސް އޭނާއަށްކުރެވޭ ވަރަށް ބޮޑު އުނދަގުލެއްކަމަށާއި އެއީ އޭނާއަށް ދެވޭ އަނިޔާ އެކަމުގައި ފާހަގަކޮށްފައިވެއެވެ.
ވީމާ މިފަދަ އެއްވެސް ކަމެއް ނުކުރުމަށް އެންމެހައި ބޭފުޅުންގެ އަރިހުން އަޅުގަނޑު އާދޭސް ދަންނަވަން، ޖާހިލު ކަމާއި ނޭންގުމުގެ ތެރޭގައި މާޒީގައި ހިންގާފައިވާ މިބާވަތުގެ ކަންކަން ފެތުރުމުގައި ތިމާމެންގެ ނުބައި އަމަލު ތަކުގެ ފަތް ބުރަ ކުރުމުގެ ބަދަލުގައި، ޣާފިލު ކަމުގެ ނިދިން ހޭލައި، މިޔުޒިކު ކުޅުމާއި، މިއުޒިކް އަޑުއެހުން ފަދަ ހުތުރުކަން ބޮޑު ވެގެންވާ ފާފަ ތަކުން ދުރުވެ، ﷲ ގެ މަގަށް ރުޖޫޢަވުމަށް ނަޞޭހަތްތެރިވަން
އަލީ ރަމީޒްގެ ޕޯސްޓް ނިންމާލަމުން ބުނެފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!