ދިވެހިރާއްޖޭގެ 78 ވަނަ ޤައުމީ ދުވަހާއި ގުޅުވައިގެން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ''ބޮޑުތަކުރުފާނު ވާހަކަ: ފޯކުލޯރާއި ދިރާސީ ހަޤީޤަތް'' ނަމުގައި ޚާއްޞަ ދަރެސްއެއް ގެނެސްދީފިއެވެ.

މިއަދު ހަވީރު ޔޫޓިއުބު މެދުވެރިކޮށް ގެނެސްދެއްވި މި ދަރެސް ހުށަހަޅުއްވައި ދެއްވީ އެ މިނިސްޓްރީގެ ރިސަރޗް އެނަލިސްޓް އަޙްމަދު އަލާ އާއި މުޙައްމަދު ނާޖިހު އެވެ.

Ad
rt

އެ ދަރެސް ފަށްޓަވަމުން އަލާ ވިދާޅުވީ އެ ދަރެސްގައި ގެނެސް ދެއްވަނީ ޤައުމީ ދުވަސް އެބޭފުޅަކަށް ޚާއްޞަ ކުރެވިފައިވާ އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމްއާއި ބެހޭގޮތުން ރާއްޖޭގައި ޒަމާނުއްސުރެ ކިޔެމުން އަންނަ ފޯކުލޯރާއި ބެހޭގޮތުން ހޯދާފައިވާ ބައެއް ޢިލްމީ ޙަޤީޤަތްތައް ހާމަކޮށް ދެއްވުމަށް ޓަކައިއެވެ.

މިގޮތުން އަލާ ވިދާޅުވީ ޤައުމީ ދުވަހެއް ފާހަގަ ކުރެވެމުން މިދަނީ ފުށެތިކާލުންގެ އަތްދަށުން ނުވަތަ މިޒަމާނުގެ ބަހުންނަމަ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވި ދުވަހާއި ގުޅުވައިގެން ކަމަށެވެ. މިދުވަސް ފުރަތަމަ ފާހަގަ ކުރެވެން ފެށީ މީގެ ތިންސަތޭކަ ނުވަތަ ހަތަރު ސަތޭކަ އަހަރު ކުރިން ހިނގާފައިވާ މި ހާދިސާއާއި ގުޅުވައިގެން މުޙައްމަދު އަމީންގެ ވެރިކަމުގެ ދުވަސްވަރު ކަމަށް އަލާ ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު ނިސްބަތްވެ ވަޑައިގަންނަވަނީ ރާއްޖޭގެ އުތުރަށްތޯ، ދެކުނަށްތޯ ވެސް ފަހަކަށް އައިސް ސުވާލު އުފަށްދައި އެ ޙަޤީޤަތް އޮޅޭގޮތަށް ވާހަކަ ދައްކަމުންދާ ކަމަށް އަލާގެ ވާހަކާގައި ފާހަގަ ކުރެއްވިއެވެ. އަދި ބޮޑުތަކުރުފާނު ނިސްބަތްވަނީ ރާއްޖޭގެ އުތުރަށްކަން ޢިލްމީ ހޯދުންތައް ކަށަވަރުކޮށްދޭކަން މިސާލުތަކާއިއެކު އަލާ ތަފްޞީލް ކޮށްދެއްވިއެވެ.

''ބައެއް ފަހަރު އަޅުގަނޑުމެންނަށް އަޑުއެބައިވޭ ބޮޑުތަކުރުފާނަކީ ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ ބޭކަލެކޭ. މިކަމުގެ ހުއްޖަތެއްކަމަށް މިހެން ވިދާޅުވާ މީހުން މި ވިދާޅުވަނީ، ތަކުރުފާނުގެ ނަންފުޅުގައި އެ އޮންނަ ތަކުރުފާނު، މިނަން، މިނަމަކީ ދެކުނުގެ މީހުން އައްޑޫ، ހުވަދޫ، ފޯއްމުލަށް، މި ތިން އަތޮޅުގެ ބޭބޭ ފުޅުންނަށް ހަމައެކަނި ޚާއްޞަވެގެންވާ ނަމެކޭ، އެހެން ނަމަވެސް މީވެސް ތާރީޚީގޮތުން މުޅިން ހަމަޖެހޭ ވާހަކައެއް ނޫން.''

އަލާ ވިދާޅުވިއެވެ.

''ބައެއް ބޭފުޅުން ސުވާލު އުފަށްދާ އެއީ ހަޤީޤަތުގައިވެސް އުޅުނު މީހެއްތޯވެސް، ނުވަތަ އެއީ ދިވެހި ކާބަފައިން އުފަށްދާފައިވާ ކެރެކްޓާއެއްތޯ، އަނެއްބަޔަކު އެބަ ވާހަކަ ދައްކާ ބޮޑުތަކުރުފާނަކީ ރަށްރަށަށް އަރައި ކަނޑުފޭރެން އުޅުނު މީހެކޭ ވެސް، މިހެން ގޮސް ތަކުރުފާނުގެ ވާހަކައާއި މެދު ފެންނަމުން ދަނީ އެއީ ވަރަށް ބޮޑު ޚިޔާލެއް ކަމަށް ފޮލާއެއް ކަމަށް ވެގެން އަންނަތަން، މިހެންވާން ޖެހޭ އެންމެ ބޮޑު ސަބަބަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި ކިޔަމުން އަންނަ ބޮޑު ތަކުރުފާނު ފޯކުލޯރު ނުވަތަ ބޮޑުތަކުރުފާނު ވާހަކަ އެއީ އަކުރުން އަކުރަށް ތެދުބަހުން އޮތް އެއްޗެއް ކަމަށް ބައެއް މީހުންނަށް ޤަބޫލު ކުރެވި އަދި އެއަށް އެއީ ދޮގޭ ބުނުމުގެ ގޮތުން ސިކުނޑިއަށް ވިސްނެނީ ބޮޑުތަކުރުފާނު ވާހަކައަކީ ފުލޯކެކޭ.''

އަލާ ވިދާޅުވީ ކަމެއްގެ އަސްލު ހަޤީޤަތް ހާމަވާނީ ލިބިހުރި ހެކިތަކުގެ މައްޗަށް އަމިއްލަ ސިކުނޑިން ވިސްނައި، ބަލައި ހޯދައިގެން ކަމަށެވެ. މިގޮތަށް ބެލުމުން ބޮޑުތަކުރުފާނު ވާހަކައަކީ ހަޤީޤަތްތަކެއް އެކުލެވޭ ހާދިސާއެއްކަން ފެންނާން އޮންނާނެ ކަމަށް އަލާ ވިދާޅުވިއެވެ.

''ކޮންމެ ބައެއްގެ ތެރޭގައި ވެސް އެބައެއްގެ އެގައުމެއްގައި ފޯކުލޯރުތައް ހުރޭ، އެ ފޯކުލޯރުގެ ތެރެއަށް ވަނުމުން ވަރަށް ގިނަ ހަގީގަތްތައް ހާމަވޭ، ފޯކުލޯރު ތަކަކީ ދެ ޒަމާންތައް ގުޅުވައިދޭ ވަރަށް ބޮޑު ފާލަމެއް. މިގޮތުން އެވާހަކައެއް ފުލޯކަކަށް ވާނީ އެ ފޯކުލޯރަކާއި މެދު ސިކުނޑިން ވިސްނައި އެފަދަ ވާހަކަތަކަށް ހޯދާ ބެލުމުން އެއްވެސް ހަގީގަތެއް ނުފެނުނަމަ.''

އަލާ ވިދާޅުވިއެވެ.

ބޮޑުތަކުރުފާނަކީ ރާއްޖޭގެ ދެކުނަށް ނިސްބަތްވާ ބޭފުޅެއްކަމަށް ބައެއް މީހުން ބުނެ ވާހަކަ ފަތުރަނީ ބޮޑުތަކުރުފާނު ނަން ބޭނުން ކުރުމުގައި ''ތަކުރުފާނު'' އޮންނާތީ އެއީ ރާއްޖޭގެ ދެކުނަށް ޚާއްޞަ ނަމެއްކަމަށް ދެކިގެން ކަމަށް އަލާ ވިދާޅުވިއެވެ. ނަމަވެސް ތަކުރުފާނަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ބޭނުންކުރި ނަމެއްކަން ތާރީޚްގެ ފަތްފުށްތައް ހެކިދޭ ކަމަށް އަލާ ވިދާޅުވިއެވެ.

''ތަކުރުފާނު، ބީފާނު، މަނިކުފާނު، ތަކުރު، ދީދީ ފަދަ ނަންނަމަކީ ދިވެހި ނަންނަން ހުރިހާ ހިސާބެއްގައި ވެސް ބޭނުން ކުރި ނަންނަން، ތަކުރުފާނު އެއީ ފިރިހެންގޮތް، އަންހެން ނަމަކީ ފާނު، ތާރީޚުގެ ތެރެއަށް ބަލައިލީމައި ފެންނާނެ، އެހެން ހިސާބުތަކުގައި އެނަންތައް ބޭނުން ކުރިކަން''

އަލާ ވިދާޅުވިއެވެ.

ރާއްޖޭގެ އެހެން ހިސާބުތަކުގައި އެނަންތައް ބޭނުން ކުރުން ހުއްޓާލި ނަމަވެސް ދެކުނުގެ އަތޮޅުތަކުގައި ވަރަށް ފަހަކާއި ޖެހެންދެން އެނަންތައް ބޭނުން ކުރަމުންއައި ކަމަށާއި، އެސަބަބަށްޓަކައި އެނަން ތަކަކީ ހަމައެކަނި ދެކުނުގެ އަތޮޅުތަކަށް ޚާއްޞަވެފައިވާ ނަންތަކެއް ކަމަށް މިހާރުގެ ބައެއް މީހުންނަށް ހީވެފައިވާ ކަމަށް އަލާ ވިދާޅުވިއެވެ.

އެ މަޢުލޫއަށް ވާހަކަ ދައްކަވަމުން ނާޖިހު ވިދާޅުވީ ބޮޑުތަކުރުފާނަކީ އަދި ހުސައިން ޚަތީބު ތަކުރުފާނަކީވެސް އުތީމަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންކަން އެނގޭ ތާރީޚީ ހެކިތައް ފެންނާން ހުރިކަމަށެވެ.

''ބޮޑުތަކުރުފާނުގެ ނަން، ހުސައިން ޚަތީބުތަކުރުފާނުގެ ނަން އެއީ ގައިމު އުތީމުގެ ބޭފުޅުންތަކެއް، މިދެންނެވީ އުތީމުގައި ދިރިއުޅުއްވި ބޭފުޅުން، ދެން އަޅުގަނޑުމެންނަށް މިސާލަކަށް ބައްލަވާ ފެންނަން އެބަހުރިތާ ވަރަށް ގިނަ މަހާނަ ގާތަކުން ރެކޯޑު ފެންނަން. އަޅުގަނޑުމެންނަށް އެބަހުރި ތަފާތުއެކި ފަތްފަތް ކޮޅުތަކުން ރެކޯޑް ފެންނަން އެބަހުރި، އޭގެ އިތުރުން މަލިކުންވެސް ރެކޯޑު ފެންނަން އެބަހުރި، ރެކޯޑޭ މިދެންނެވީ މިއަދާއި ހަމައަށް ވެސް ނަން ކިޔަމުން އައިސްފައި އެބަހުރި''

ނާޖިހު ވިދާޅުވީ އެނަންތައް އެގޮތަށް ބޭނުން ކުރިކަމަށް އުތުރުގެ އަތޮޅުތަކުގެ ބައެއް ރަށްރަށުގެ މީހުންނަށް މިހާރު ނޭނގޭ ކަމަށެވެ. ބައެއް ދަތުރު ތަކުގައި ސުވާލުކޮށްލުމުން ބައެއް އުތުރުގެ ރަށްރަށުން އެހެން ބުނެފައިވާ ކަމަށާއި، ނަމަވެސް އެމީހުންގެ ދަރިފަސްކޮޅަށް ބަލައި މަޢުލޫމާތު ހޯދުމުން އެނަންތައް ބޭނުންކުރިކަން ފެންނާން ހުންނާނެ ކަމަށް ނާޖިހުވިދާޅުވިއެވެ. ނާޖިހު ވިދާޅުވީ އެނަންތައް ކިޔާ ދެކުނުގެ ބައެއް މީހުން އަދިވެސް ދުނިޔޭގައި އެބަތިބި ކަމަށެވެ.

އެ ދަރެސްގައި ވަނީ ޕޯޗުގީޒުން ރާއްޖެއައިތޯ މިހާރު ސުވާލު އުފަށްދަމުން ދާތީ އެކަމަށް ވެސް ތަފްޞީލް ޖަވާބެއް ދެއްވައި ތާރީޚީ ހެއްކާއިއެކު އެކަން ސާބިތުވާކަން ހާމަކޮށް ދެއްވާފައިއެވެ. މިގޮތުން ނާޖިހު ވަނީ ޕޯޗުގީޒުންގެ ތާރީޚީ ހެކިތަކުގެ އަލީގައާއި، ޕޯޗުގީޒު ރަސްގެފާނެއްގެ ފަތްކޮޅަކާއި ހަވާލާ ދެއްވައި ރާއްޖެއަށް ޕޯޗުގީޒުން އައިކަމަށާއި، އައިބޭނުންތަކާއި އެކު ބައެއް ހާދިސާތައް ވެސް ތަފްޞީލް ކޮށް ދެއްދެއްވިއެވެ.

މީގެއިތުރުން ދެ ކޮމަންޑޫ ދޭތެރެއިން ކަޅުއޮށްފުންމި ދަތުރުކުރި ވާހަކައަށް އަލިއަޅުއްވާލަށްވައި އަލާ ވަނީ ވާހަކަ ދައްކަވާފައި އެވެ. އަލާ ވިދާޅުވީ ދެ ކޮމަންޑޫ ދޭތެރެއިން ކުރީންވެސް އެ ހިސާބުގެ މަސްވެރިން ދަތުރުކޮށް އުޅުނު ކަމަށާއި، ކަޅުއޮށްފުންމި އެ ދެރަށް ދޭތެރެއިން ދިޔަ ހާދިސާ އަންގައިދެނީ ބޮޑުތަކުރުފާނަށް ރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު އެނގިވަޑައިގެންފައިވާ ފުރިހަމަކަން ކަމަށާއި، އަދި އެ ތަކުރުފާނުގެ ކުޅަދާނަ ކަން ކަމަށެވެ.

މި ދެރަސްގެ ދެ ބޭފުޅުންވެސް ވަނީ އެ ހާދިސާއާއި ގުޅޭ ތާރީޚީ ޢިލްމީ ގިނަ ކަންކަން ހެކިތަކާއިއެކު ތިލަކޮށް ދެއްވާފަ އެވެ. ބޮޑުތަކުރުފާނުގެ ވާހަކައިގެ އިތުރުން، ޕޯޗުގީޒުންނަށް، އެ ދުވަސްވަރު ރާއްޖެ މުހިންމުވީ ސަބަބުތައް ހެއްކާއިއެކު އެ ދަރެސްގައި ކިޔައި ދެއްވިއެވެ.

ދަރެސް ނިންމާލަށްވަމުން އަލާ ވިދާޅުވީ އެ މަޢުލޫއަށް އެއްކުރެވުނު މަޢުލޫމާތުތައް އެކުލެވޭ ފޮތެއް ވަރަށް އަވަހަށް ޝާޢިއުކުރެވިގެންދާނެ ކަމަށެވެ.