ކޯވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވިދާޅުވީ ނިޔާވެފައިވަނީ 80 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މި މީހާ ނިޔާވެފައިވަނީ މިއަދު 03:50 ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. މިއީ މި ބަލީގައި ރާއްޖެއިން މިމަހު ނިޔާވި ތިން ވަނަ މީހާއެވެ.

Ad
rt

އިއްޔެ ހެނދުނުވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފަ އެވެ.

މިއަދު ނިޔާވި މީހާއާއިއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 37 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 30 ދިވެހިންނާއި 7 ބިދޭސީންނެވެ.

ކޯވިޑް ބަލީގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނީ މިއަހަރުގެ މާރޗްމަހުގެ 7 ވަނަ ދުވަހުއެވެ. މިހާތަނަށް ރާއްޖެއިން 11178 މިހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މިވަގުތުވެސް ބައްޔަށް ފަރުވާހޯދަމުންދާ 1038 މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 43 މީހުންނަށްދަނީ ފަރުވާދެމުންނެވެ.