ހޯރަފުށީގައި ތަރައްޤީކުރަމުން އަންނަ އެއަރޕޯޓު މި އަހަރުގެ ޖުމްހޫރީ ދުވަސް (ނޮވެމްބަރ11) ގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެ ކޮންޕެނީއިން ވިދާޅުވާ ގޮތުގައި، އެއަރޕޯޓުގެ މަސައްކަތްތަށް މިހާރު ދަނީ ކުރިއަށްވުރެ ހަލުވިކޮށެވެ. އަދި ކަނޑައަޅާފައިވާ ތާރީޚަށް، މަސައްކަތްތަށް އެއްކޮށް ނިންމާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
އެމްޓީސީސީގެ ސީއީއޯ، އާދަމް އާޒިމްވެސް ވަނީ މި އެއަރޕޯޓުގެ މަސައްކަތްތަށް ބައްލަވާލެއްވުމަށް ހޯރަފުއްޓަށް ވަޑައިގެންފައެވެ. އަދި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި، ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަށްވެސް އާދަމް އާޒިމް ވަނީ ބައްލަވާލައްވާފައެވެ.
މި އެއަރޕޯޓުގެ ރަންވޭގެ ދިގުމިނުގައި1.2 ކިލޯމީޓަރު ހުންނައިރު، ފުޅާމިނުގައި35 މީޓަރު ހުންނާނެއެވެ. އަދި ބޯޓުތައް ބާއްވާ އޭޕްރަން އަކީ8636 އަކަމީޓަރުގެ ބޮޑު ސަރަހައްދެކެވެ. މީގެ އިތުރުން، ބޯޓުތައް ޕާކު ކުރުމަށް9473 އަކަމީޓަރުގެ ސަރަހައްދަކާއި، ސާރވިސް މަގުތަކުގެ އިތުރުން، އަލިފާނުގެ ހާދިސާއަކަށް ތައްޔާރުވުމުގެ ގޮތުން ފަޔަރ އެންޑް ރެސްކިޔުއަށް ޚާއްސަ މަގުތައްވެސް ވަނީ ހެދުމަށް ނިންމާފައެވެ. އެއަރޕޯޓު ވަށައިގެން720 މީޓަރުގެ ފެންސު ވަނީ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށްޓަކައި ޖަހާފައެވެ.
ހޯރަފުށީގައި އެއަރޕޯޓު ތަރައްޤީ ކުރުމަށް، 842200 އަކަމީޓަރުގެ ސަރަހައްދެއް ވަނީ އެ ރަށުގެ ފަޅުތެރެއިން ހިއްކާފައެވެ. އަދި ސަރުކާރުން ދެކެވަޑައިގަންނަވާ ގޮތުގައި، ހޯރަފުށީގައި އެއަރޕޯޓު އެޅުމާއި އެކު އެ ރަށުގެ އިތުރުން އެ ރަށާއި ކައިރި އަދި އަތޮޅު ތެރޭގެ ރަށްތަކަށްވެސް ގިނަ ފައިދާ ތަކެއް ވާނެއެވެ. އަދި ވެރިރަށް މާލެ އާއި، ރާއްޖޭގެ އުތުރުގެ ރަށްތަކާއި ދެމެދު ދަތުރުފަތުރުގެ ނިޒާމުވެސް އިތުރަށް ހަރުދަނާވެގެން ދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!