ނަރުދޫ ދަނޑުވެރިން، ހިތްވަރާއިއެކު ދަނޑުހެއްދުމުގައި

photo_2020-10-16_22-29-46

ށ. ނަރުދޫއަކީ އުތުރުގެ ރަށްތަކުގެ ތެރެއިން އެއްގޮތަށް ވުރެ ގިނަ ގޮތް ގޮތުން ނަމޫނާއަކަށް ބެލުން ރަނގަޅު ރަށެއްކަން ވޭތުވި ދުވަސްތަކުގައި އެރަށުގެ ރައްޔިތުން ވަނީ ސާބިތު ކޮށްދީފައި އެވެ.

ދުނިޔެ ތަޖުރިބާ ކުރަމުން މިދާ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރެއިން ރާއްޖޭގެ އަތޮޅަކުން އެންމެ ގިނަ މީހުން އެއްފަހަރާހެން އެންމެ ފުރަތަމަ ޕޮޒިޓިވްވި ރަށަކީ ނަރުދޫއެވެ. ރާއްޖެއަށް ކޯވިޑްގެ ބަލިމަޑުކަން ފެތުރެންފެށި ދުވަސްވަރު، މުޅިންއަލަށް ރާއްޖޭގެ ރަށަކުން ކުރާންޖެހުނު ތަޖުރިބާގައި ބިރާއި، ސިހުމާއި ކަންބޮޑުވުމުގެ ތެރެއިން އެ ހާލަތުން އަރައިގަތުމަށް ނަރުދޫން ދެއްކި ކެތްތެރިކަމާއި، އެކުވެރި ކަމާއި ދެއްކި ހިތް ވަރަކީ އޭގެ ފަހުން މިހާލަތު ތަޖުރިބާ ކުރާން ޖެހުނު ރަށްރަށަށް ފެނުނު ރިވެތި ނަމޫނާ އެކެވެ.

މިފަހަރު މިއޮތީ ނަރުދޫގެ އެހެން ވާހަކައެކެވެ. ދުނިޔޭގެ ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރެވެމުން ދާއިރު ދައްކާލަން މިއުޅެނީ ނަރުދޫގެ ހިތްވަރުގަދަ ދަނޑުވެރިންގެ ވާހަކައެވެ.

ނަރުދޫގެ ދަނޑެއް، ފޮޓޯ: ށ. ނަރުދޫ ފޭސްބުކް ޕޭޖް

މިހާރުވެސް ދަނޑުތައް ހުރީ ފައްކާކޮށްފައި

ނަރުދޫ ދަނޑުވެރިންގެ ހިންމަތުން ނަރުދޫގެ ދަނޑުތައް މިހާރު ވެސް އޮތީ މޭވާއާއި، ތަރުކާރީއާއި މިނޫންވެސް ބާވަތް ތަކުން ފައްކާވެފައި އެވެ. އެރަށުގެ ދަނޑުތައް ހެއްދުމުގައި އެރަށުގެ ދަނޑުވެރިން ދެގޮތެއްނުވެ ފޫގަޅައިގެން ތިބިއިރު މިދިޔަ ހަފުތާފައި އެރަށުގެ ކިއުކަންބާ ވަނީ މާލޭ ބާޒާރަށް ވިއްކަން ފޮނުވާފައި އެވެ. ހަފުތާއެއްހާ ދުވަސްތެރޭގައި ބަޓާނާވެސް ކެނޑޭވަރަށް ހައްދާފައިވާއިރު، ކަރާވެސް މަހެއްހާ ދުވަސް ތެރޭގައި ލިބެން ހުންނާނެއެވެ.

ނަރުދޫއަކީ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުންދާ ރަށެކެވެ. އެރަށުގެ ދަނޑުވެރިން އާންމުގޮތެއްގައި ހައްދާ ބާވަތްތަކުގެ ތެރޭގައި ފަތްކެޔޮ، ކަރާ، ކިއުކަންބާ، ބަޓާނާ، ބަރަބޯ، ބަށި، ތޮޅި މިރުސް، ގިތެޔޮ މިރުސް، ޗިޗަންޑާ، ފާގަ އަދި ރާނބާފަތް ހިމެނެއެވެ.

އެރަށަކީ ގިނަ ޢަދަދަކަށް ފަތްކެޔޮ ހައްދާ ރަށަކަށް ވުމުގެ އިތުރުން، އެ ރަށުގައި ގިނަ ޢަދަދެއްގެ ރާނބާ ފަތް ގަސްވެސް ހުރީ ހައްދާފައި އެވެ. ކުރުނބާ ހޯދާލަން ބެލިއަސް ނަރުދޫން ކުރުނބާވެސް ލިބޭނެއެވެ.

ނަރުދޫގެ މިރުސް ދަނޑެއް، ފޮޓޯ: ށ. ނަރުދޫ ފޭސްބުކް ޕޭޖް

ނަރުދޫ ދަނޑުވެރިއެއްގެ ބަސް، ކާމިޔާބީއަކީ އެނގިގެން މަސައްކަތް ކުރުން

ނަރުދޫގައި ކުރެވެމުންދާ ދަނޑުވެރިކަމާއި ގުޅޭގޮތުން 30 އަހަރަށްވުރެ ގިނަ ދުވަހު އެމައްސަކަތުގައި ހޭދަކޮށްފައިވާ އެރަށު ގޯލްޑަން ލީޒް، އިސްމާއީލް ނަސީރު ''ތިލަދުން''އަށް ބުނީ އެރަށުގެ ދަނޑުވެރިންގެ ކާމިޔާބީއަކީ އެމަސައްކަތް އެނގިގެން ކުރުން ކަމަށެވެ.

''އަޅުގަނޑުމެން މިމަސައްކަތް ކުރަމުން މިދަނީ މިކަމުގެ މަޢުލޫމާތު ހޯދައި އެ މަޢުލޫމާތުތައް ބޭނުންކޮށްގެން، ހަމަ ތިބެފައި މިކަން ކޮށްލަނީއެއް ނޫން، މިކަމާއި ގުޅޭ ތަމްރީނު ހޯދައި، މަޢުލޫމާތު އެއްކޮށްގެން މިމަސައްކަތުގައި އުޅެނީ''

އިސްމާޢީލް ނަސީރު ބުންޏެވެ.

އިސްމާޢީލް ބުނީ ގަސްތަކަށް ބަލި ޖެހުނީމައި ޖަހަން ޖެހެނީ ކޮން ބޭހެއް ކަމާއި، ދެން ކަން ކުރާންވީ މަގު އެރަށުގެ ދަނޑުވެރިންނަށް ސާފުވެފައި އޮންނަ ކަމަށެވެ.

''ކާމިޔާބު ދަނޑުވެރިކަމެއް ކުރުމަށް ކޮންމެހެންވެސް ދަނޑުވެރިކަމާއިބެހޭ މަޢުލޫމާތު ހޯދައި، ދަސްކުރުން މުހިންމު''

އިސްމާޢީލް ބުންޏެވެ.

އިސްމާޢީލް، އޭނާގެ ދަނޑުގައި

އޮތީ ހަމައަގު ނުލިބުމުގެ ހިތްދަތިކަން

ނަރުދޫގެ ދަނޑުވެރިން ކުރާ މަސައްކަތާއި ގާތަށްވެސް އެ މަސައްކަތުގެ ހަމަ އަގު ނުލިބުނު ނަމަވެސް އެ ދަނޑުވެރިން ޤަބޫލު ކުރާގޮތުގައި މި މަސައްކަތަކީ ރާއްޖޭގައި ދޫނުކޮށް އާލާ ކުރަންޖެހޭ މަސައްކަތެކެވެ. ކޯވިޑްގެ ހާލަތުގައިވެސް ފެނި ދަސްވި އެއްކަމަކީ އެޔެވެ.

އެ ދަނޑުވެރިން ބުނާގޮތުގައި އެ ދަނޑުވެރިން ހައްދާ ބާވަތްތަކަށް ހަމައަގު ލިބުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެތަކެތީގެ އަގުގެ ކޮންޓްރޯލް ސަޕްލައިކުރާ މީހުންގެ އަތުގައި އޮތުން ކަމަށެވެ. ނަރުދޫ ދަނޑުވެރިން ހައްދާ ބާވަތްތައް އާންމު ގޮތެއްގައި ވިއްކަނީ މާލޭ ބާޒާރަށާއި، ރިސޯޓު ތަކަށެވެ.

މިގޮތަށް ވިއްކާއިރު އެތަކެތި އާންމުގޮތެއްގައި މާލެ ފޮނުވަނީ ރަށާއި، މާލެއާއި ދެމެދު ދަތުރުކުރާ ބޯޓުގައި އެވެ. ރަށުން ބޯޓު ފުރާ ފަހުންވެސް ތަކެތީގެ އަގަށް ބަދަލުއައިސްފިކަމަށް ސަޕްލައިކުރާ މީހުން އަންގާ ކަމަށް ނަރުދޫ ދަނޑުވެރިންގެ ތެރެއިން މަޢުލޫމާތު ހިއްސާކުރި ދަނޑުވެރިން ބުންޏެވެ.

ނަރުދޫގެ ދަނޑެއް

ކައުންސިލްގެ އެހީތެރިކަން ވަރަށްބޮޑު

ނަރުދޫގެ ދަނޑުވެރިންނަށް ނަރުދޫ ކައުންސިލްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދަނީ ދެމުންނެވެ. ކޯވިޑާއި ގުޅިގެން އެރަށުގެ ދެ ފަތްކެޔޮ ދަނޑެއް ފިޔަވައި ހުރިހާ ދަނޑުބިންތަކެއްގެ ކުލި ކައުންސިލުން ވަނީ މަޢާފުވެސް ކޮށްދީފައި އެވެ.

ވޭތުވި ދުވަސްތަކުގެ ތެރޭގައި 3 ތަމްރީނު ޕްރޮގްރާމެއް ވެސް ނަރުދޫ ކައުންސިލުން ވަނީ ނަރުދޫ ދަނޑުވެރިންނަށް ހިންގައި ދީފައިއެވެ.

ނަރުދޫ ކައުންސިލްގެ އޮފިޝަލަކު ''ތިލަދުން'' އަށް މަޢުލޫމާތު ހިއްސާކުރަށްވަމުން ވިދާޅުވީ އެރަށުން ދަނޑުވެރިކަމަށް 4،25،392 (ހަތަރު ލައްކަ، ފަންސަވީސް ހާސް، ތިންސަތޭކަ ނުވަދިހަ ދެ) އަކަފޫޓުގެ ބިން މިހާތަނަށް ދޫކުރެވިފައިވާ ކަމަށެވެ.

ނަރުދޫ ކައުންސިލުން ދަނީ އެރަށުގެ ދަނޑުވެރިންގެ އުފެއްދުންތެރިކަމުގެ މިންވަރުވެސް ދެނެގަނެ، ނިކަން ރަނގަޅަށް ހިސާބުތައް ވެސް ބަލަހައްޓަމުންނެވެ. މިގޮތުން މަހެއްގެ މައްޗަށް އެވްރެޖްކޮށް އެރަށުން 4،200 ކިލޯ ފަތްކެޔޮ ބާޒާރަށް ފޮނުވޭ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

މީގެއިތުރުން އަހަރެއްގައި ކަރާ ހައްދާ 3 ދުވަސްވަރެއް އަންނައިރު، އެއިން ކޮންމެ ދުވަސްވަރެއްގައި ވެސް އެވްރެޖްކޮށް 7،500-10،000 ކިލޯ ކަރާ ބާޒާރަށް ފޮނުވޭ ކަމަށާއި، އަދި މަހެއްގެ މައްޗަށް އެވްރެޖްކޮށް 4،500 ކިލޯ ކިއުކަންބާ، 1،500 ކިލޯ ބަޓާނާ ބަރަބޯ، 1،000 ކިލޯ ބަރަބޯ، 300 ކިލޯ ޗިޗަންޑާ، 200 ކިލޯ ބަށި، 16،000 ރާނބާ ފަތް އަދި 8،000 ކުރުނބާ ބާޒާ ނެރެވޭ ކަމަށް އެރަށު ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

ނަރުދޫގެ ދަނޑެއް، ފޮޓޯ: ށ. ނަރުދޫ ފޭސްބުކް ޕޭޖް

''އެގްރޯ ނޭޝަނަލް ކޯޕަރޭޝަން' އިން ނަރުދޫ ދަނޑުވެރިންނަށް އުފާވެރި ޚަބަރެއް

ނަރުދޫއަކީ ދިވެހި ސަރުކާރުން ދަނޑު ވެރިކުގެ ސިނާއަތް ކުރިއެރުވުމަށް އުފަށްދާފައިވާ ކުންފުނި '' އެގްރޯ ނޭޝަނަލް ކޯޕަރޭޝަން'' އިން ހުނިޖަހާލައި ނަގާފައިވާ 42 ރަށް ތެރޭގައި ހިމެނޭ ރަށެކެވެ. އެކުންފުނިން ވަނީ މިމަހުގެ 13 ވަނަ ދުވަހު ނަރުދޫ ދަނޑުވެރިންނާއި އަދި ކައުންސިލާއިއެކު އޮންލައިންކޮށް ބައްދަލުވުމެއް ބާއްވާފައި އެވެ.

އެބައްދަލުވުމުގައި އެކުންފުނިން ވަނީ ނަރުދޫގެ ދަނޑުވެރިންތެރެއިން އެކުންފުންޏާއިއެކު މަސައްކަތްކުރަން އެއްބަސްވުން ގާއިމުކުރާ ދަނޑުވެރިން އުފައްދާ، ހައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ބާޒާރަށް ގެންގޮސްދީ، ވިއްކައި ދޭނެކަމަށް ބުނެފައެވެ.

އެކަން ކުރާނީ ނަރުދޫގެ ދަނޑުވެރިންވެސް އެއްބަސްވާ ގޮތެއްގެ މަތީން ކަމަށްވާތީ، އެކަމަކީ ނަރުދޫގެ ދަނޑުވެރިންނަށް މިހާރު ދިމާވަމުންދާ ހަމަ އަގު ނުލިބޭ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމުގެ ފެހި ސިގްނަލެއް ކަމަށް ނަރުދޫ ދަނޑުވެރިން ދެކެއެވެ.

މީގެއިތުރުން އެކުންފުންޏާއިއެކު މަސައްކަތްކުރާން އެއްބަސްވާ ދަނޑުވެރިންނަށް، ފަށައިގަތުމުގައި ބޭހާއި ތަކެތީގެ އެހީތެރިކަން ލިބޭނެ ކަމަށާއި، އަދި ދާއިމީ ގޮތެއްގައި ލުއިފަސޭހަކަމާއިއެކު ހެޔޮއަގެއްގައި ތަކެއްޗާއި، ގަސްކާނާ ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެފައިވުމީ ނަރުދޫގެ ދަނޑުވެރިން ކުރާ މަސައްކަތަށް އިތުރަށް ހިތްވަރު ލިބިގެން ދިޔަ ކަންކަމެވެ.

ދަނޑުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދަށް ނުހަނު ބޭނުންތެރި ސިނާއަތެކެވެ. ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ވެސް ފައްކާކޮށް، ނަގަހެއްޓުން ވަރަށް މުހިންމު ސިނާއަތެކެވެ. ކޯވިޑުން ބުނެދިން އެތައް މާނަފުން ވާހަކަތަކުން ވެސް މި ހަޤީޤަތް ލޯމައްޗަށް ފެނި ކުލަވެއްޖެއެވެ. މި ސިނާއަތަކީ ޤައުމަށް އެންމެ މުހިންމު އެއްސިނާއަތުގައި ކަމުގައި ދެކި ސިނާއަތުގައި ކޮނޑުއަޅައިގެން ތިބި ކޮންމެ ދަނޑުވެރިއަކީ މި ޤައުމުގެ ފަޚުރެއްކަން ގައިމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *