ގެސްޓްހައުސް ހިންގާ ރަށްތަކާއި، އެރަށްތަކުން އެހެން ރަށްތަކަށް ކަރަންޓީން ނުވާގޮތަށް ދަތުރުކުރެވޭ 6 ހާލަތެއް ވާކަމަށް، އެމަޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޑރ. ނަޒްލާ ވިދާޅުވީ ގެސްޓްހައުސް ހިންގާ ރަށްތަކުން އެހެން ރަށްތަކަށް 6 ހާލަތެއްގައި ދަތުރުކުރެވޭނެކަމަށެވެ.

Ad
rt

"ދަތުރުކުރެވޭނީ ސިއްޙީ ކަމެއްގައި، އާއިލާގެ މީހަކު ބަލިވެގެން، ބޭންކިންގ ޚިދުމަތަށް، ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުރާ ދަތުރުތައް، ކޯޓުގެ ޚިދުމަތަށް އަދި ސްކޫލަށް ދިޔުމަށް ދެރަށްދެމެދުކުރާ ދަތުރުތަކަށް އެކަނި."

ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ސަބަބުން ބަނދުކުރި ރާއްޖޭގެ ބޯޑަރު ޖުލައި 15 އިން ފެށިގެން ހުޅުވާލި ނަމަވެސް މީހުން ދިރިއުޅޭ ރަށްތަކުގެ ގެސްޓު ހައުސްތަކަށް ފަތުރުވެރިން ގެނަން ހުޅުވާލާފައި ވަނީ މިމަހުގެ 15 އިން ފެށިގެންނެވެ.

މިގޮތުން މީހުން ދިރިއުޅޭ ރަށްތަކުގެ ގެސްޓު ހައުސްތަށް އަލުން ހުޅުވާލާއިރު، ޢަމަލުކުރަންޖެހޭ ޢުސޫލު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވަނީ ޢާއްމުކޮށްފައެވެ. މި އުސޫލްގެ ދަށުން ގެސްޓަހައުސް ހުންނަ ރަށްތަކުން އެހެން ރަށްތަކަށް ދަތުރުކުރާ މީހުން ޢާއްމު އުސޫލުން 14 ދުވަހު ކަރަންޓީނު ވާންޖެހެއެވެ.

މި އުސޫލުގެ ދަށުން ގެސްޓްހައުސްތައް ހިންގަން ފަށާ ރަށްތަކުގައި މާސްއެޅުންވެސް މަޖުބޫރު ވާނެއެވެ. އަދި ރަށުގައި ޚިދުމަތްދިންނަމަވެސް ގެސްޓްހައުސްތަކަށްދާ މީހުން އާއްމުން ދިރިއުޅޭ ގެތަކަށް ވަދެއުޅުމަކީ މަނާ ކަމެކެވެ.

ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު ޓޫރިޒަމް މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ ގޮތުން ރަށެއްގައި ގެސްޓްހައުސް ވިޔަފާރިއަށް ހުޅުވާލެވޭނީ އެރަށެއްގެ އާންމުންގެ ހިޔާލު ހޯދައިގެން، ކައުންސިލުން އެކަމަށް އެއްބަސްވުމުންނެވެ.

އަލުން ގެސްޓުހައުސްތަށް އޮޕަރޭޓްކުރަން ފެށުމުގެ ހުއްދަ ދޫކުރާއިރު، ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުން ޓޫރިޒަމް ނިސްޓްރީން އެންމެ ފުރަތަމަ ދޫކުރާނީ ކޮންޑިޝަނަލް ޕާމިޓެއް ކަމުގައި ނިންމާފައިވާއިރު، ގެސްޓްހައުސް ހުޅުވާ ރަށެއްގައި ގެސްޓުން ކަރަންޓީންކޮށް އަދި އައިސޮލޭޓް ކުރެވޭނެ އިންތިޒާމު ހުންނަން ޖެހެ އެވެ. އަދި ބޭނުން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރެވޭ ގޮތަށް ޓްރާންސްޕޯޓުގެ ހިދުމަތް ހާއްސަކޮށްފައި ވެސް ހުންނަން ޖެހެ އެވެ.

އެރަށެއްގައި ކޯވިޑް ޓާސްކް ފޯހެއް އޮންނަން ޖެހޭއިރު އެ ޓާސްކް ފޯހުގެ ކެޕޭސިޓީ ކަނޑައަޅާނީ އެޗްޕީއޭއިން ނެވެ. ރަށްރަށުގައި ހުންނަ ހޮޓާ/ ކެފޭ އަދި ރެސްޓޯރެންޓު ވެސް އެޗްޕީއޭގެ ގައިޑްލައިންސްއާ އެއްގޮތަށް ހުންނަން ޖެހޭއިރު އެރަށްރަށުގައި ފްލޫ ކްލިނިކެއް ހުރުމާއި، އަދި ހެލްތު ސެންޓަރުގައި އައިސޮލޭޝަން ރޫމެއް ހުންނަން ޖެހެއެވެ.

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު، ތިން މަހަށް ވުރެ ގިނަ ދުވަހަށް ފަހު ބޯޑަރު ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ.

ބޯޑަރު ހުޅުވާލި ނަމަވެސް ޓޫރިސްޓުން ގެންނަ ހުއްދަ ދީފައިވަނީ ރިސޯޓްތަކާއި ސަފާރީތަކަށެވެ. ފުރަތަމަ ގެސްޓްހައުސް ހުޅުވަން ނިންމީ މިދިޔަ މަހުގެ 15 ގަ އެވެ. ނަމަވެސް ކޯވިޑް-19 ގެ ބަލި ފެތުރޭތީ އެ ތާރީިހު ސަރުކާރުން ވަނީ ފަސްކޮށްފަ އެވެ.