ކަނޑޫފަލާއި، ކަނޑޫގަސްތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހދ. ނޭކުރެންދޫ ސްކޫލްގެ މުދައްރިސުންނަށް ޚާއްޞަކޮށްގެން ''ކަނޑޫފާ ކްލާސް'' ކުރިއަށް ގެންގޮސްފިއެވެ.
ނޭކުރެންދޫ ސްކޫލްގެ މުދައްރިސުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވުނު މި ކަނޑޫފާ ކްލާހަކީ، ރާއްޖޭގާއި ފުޅާ ދާއިރާއެއްގައި ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކޮށް، މަސައްކަތް ކުރާ ހަރަކާތެއް ކަމަށްވާ ''ސޭވް މޯލްޑިވްސް'' ގެ ފަރާތުން، ނޭކުރެންދޫ ކައުންސިލާއި ގުޅިގެން ނޭކުރެންދޫގައި ކުރިއަށް ގެންދާ ސިލްސިލާ ކަނޑޫފާ ކްލާސްތަކުގެ ތެރެއިން ކްލާހެކެވެ.
އޮންލައިންކޮށް ކުރިއަށް ގެންދެވުނު މި ކްލާހުގައި ނޭކުރެންދޫ ސްކޫލްގެ ދިވެހި އަދި ބިދޭސީ ޓީޗަރުންގެ ތެރެއިން 18 ޓީޗަރަކު ވަނީ ބައިވެރިވެ މަޢުލޫމާތު ހޯދާފައި އެވެ. މީގެ އިތުރުން ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ކުޅުދުއްފުށީގެ ހަރަކާތެއް ކަމަށްވާ ''ބިލީފް''އިންނާއި، ސޭވް މޯލްޑިވްސް ހަރަކާތާއިއެކު މަސައްކަތްކުރާ ބައެއް ދަރުމަވެރީންވެސް މި ކްލާހުގައި ބައިވެރިވިއެވެ.
މި ކްލާހުގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ފޯރުކޮށް ދެވުނީ ކަނޑޫފާ، ކުޅި، ފާ އަދި ޗަސްބިންތަކާއި ގުޅޭ ގޮތުން ކަމަށް ''ސޭވް މޯލްޑިވްސް'' ހަރަކާތުގެ ފަރާތުން އާދަމް އިޝާމް ''ތިލަދުން''އަށް ބުންޏެވެ.
މީގެ އިތުރުން ކަނޑޫފަލުގެ މުހިންމު ކަމާއި، ކަނޑޫފާ ރައްކާތެރިކޮށް، ހިމާޔަތް ކުރުމަށް މުދައްރިސުންނަށް އަދާ ކުރެވިދާނެ ދައުރާއި ގުޅޭގޮތުން މި ކްލާހުގައި މަޢުލޫމާތު ދެވިފައިވާ ކަމަށް އިޝާމް ބުންޏެވެ.
''މިކްލާހުގައި ވާނީ މުދައްރިސުންނަށް ކަނޑޫފަލުގެ ސަލާމަތަށް އަދާކުރެވިދާނެ ދައުރާއި ގުޅޭ މަޢުލޫމާތު ވެސް ފޯރުކޮށްދެވިފައި، ދަރިވަރުންނަށާއި، ބެލެނިވެރިންނަށް މިކަމާއި ގުޅޭ ރަނގަޅު މަޢުލޫމާތު ފޯރުކޮށް ދިނުމުގައި މުދައްރިސުންގެ ދައުރު ވަރަށް ބޮޑު'' އިޝާމް ބުންޏެވެ.
އިޝާމް ބުނީ މިހާރުވެސް ރާއްޖޭގެ 11 ކަނޑޫފަލެއް މަރުވަމުންދާ ކަމުގެ ރިޕޯޓު ލިބިފައި ވުމާއިއެކު، ކަނޑޫފާތަކާއި ގުޅޭ ހޭލުންތެރިކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
''ސޭވް މޯލްޑިވްސް'' ހަރަކާތުން މީގެ ކުރީން ވެސް ވަނީ ނޭކުރެންދޫ ސްކޫލްގެ ދަރިވަރުންނަށް ކަނޑޫފާ ކްލާސްތަކެއް ބާއްވާފައި އެވެ. އަދި ވަރަށް އަވަހަށް އެ ސްކޫލްގެ ބެލެނިވެރިންނަށް ވެސް މި ކްލާސް ބާއްވާނެ ކަމަށް އިޝާމް ބުންޏެވެ.
ރާއްޖޭގެ އެންމެ ބިޔަ ކަނޑޫފާ، ނޭކުރެންދޫ ކަނޑޫފަލުން ދިހަ ހާހަށްވުރެ ގިނަ ކަނޑޫ ގަސްތައް މަރުވެއްޖެކަން ހާމަކޮށް އެރަށުގެ ކައުންސިލުން އެ ރަށުގެ ކަނޑޫފާ ސަލާމަތް ކުރުމުގެ މަސައްކަތް ފެށީ މިއަހަރުގެ ޖޫން މަހު ތެރޭގައިއެވެ. މިއަހަރުގެ މާޗް މަހުން ފެށިގެން ހަލުވިމިނެއްގައި އެރަށުގެ ކަނޑޫފަލުން ކަނޑޫ ގަސްތައް މަރުވަމުން ދާކަމަށް އެ ކައުންސިލުން ހާމަ ކުރިއެވެ. އެޔާއިއެކު ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ސޭވް މޯލްޑިވްސްއިން ވަނީ އެކަމުގައި ބައިވެރިވެ މަސައްކަތް ފަށާފައި އެވެ.
މިގޮތުން ސޭވް މޯލްޑިވްސް އިސްވެއޮވެ، އެރަށުގެ ކައުންސިލާއި ގުޅިގެން ވަނީ ޖުލައި މަސްތެރޭގައި ނޭކުރެންދޫ ކަނޑޫފާ ސަލާމަތްކުރުމަށް ދިރާސާއެއް ވެސް ފަށައިފައެވެ. ކޮމަންވެލްތުގެ ހިއުމަން އިކޮލޮޖީ ކައުންސިލުން ފަންޑުކޮށްގެން ފެށި އެ ދިރާސާއަކީ އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ)އާއި، މެގްރޫވް ދިރާސާ ކުރާ ބައިނަލްއަގުވާމީ ޖައްމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)އާއި ގުޅިގެން ސޭވް މޯލްޑިވްސްގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ ދިރާސާއެކެވެ. އަދި ފަހުން ދިވެހި ސަރުކާރުންވެސް ވަނީ އެކަމާއިގުޅޭ ދިރާސާއެއް ކުރަށްވައިފައެވެ.
މިފަހުން ކަނޑޫފާ ނެތި ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާކަމަށް ހާމަވި ގިނަ ކަނޑޫފާތައް ހުރި ރަށްތައް ނިސްބަތްވަނީ ރާއްޖޭގެ އުތުރަށެވެ. އެރަށްތަކުގެ ތެރޭގައި ހއ. އުލިގަމު، ހއ. ކެލާ، ހދ. ނޭކުރެންދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ށ. ފޭދޫ، ށ. ފަރުކޮޅު ހިމެނެއެވެ.
މީގެ އިތުރުން ''ސޭވް މޯލްޑިވްސް'' ހަރަކާތުން، އެ ހަރަކާތަށް ކަނޑޫފާތައް މަރުވަމުންދާ ކަމަށް ރިޕޯޓުލިބިފައިވާ ރަށްތަކުގެ ތެރޭގައި އިސްވެ ދެންނެވުނު ރަށްތަކުގެ އިތުރުން ހދ. ކުޅުދުއްފުށި، ށ. ގޮއިދޫ އަދި ނ. ކެނދިކުޅުދޫ ހިމެނޭ ކަމަށް ހާމަކޮށްފައިވެއެެވެ. މި ލިސްޓަށް އެންމެފަހުން އިތުރުވެފައި ވަނީ ގދ. ހޯނޑެއްދޫ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!