ހއ. ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި އެއަތޮޅު މާރަންދޫ އިން ބައިވެރިވެއްޖެއެވެ.
މިގޮތުން އިއްޔެ ކުރިއަށްދިޔަ މި ހަރަކާތުގައި ގަސްއިންދުމުގައި ބައިވެރިވެފައި ވަނީ މާރަންދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުންނެވެ.
މި ގަސްއިންދުމުގެ ހަރަކާތާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ އެއަރޕޯރޓް ފެހިކުރުމުގެ 100000 ގަސް އިންދުމުގެ ޕްރޮގްރާމްގައި މާރަންދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
''އެކުވެރި މާރަންދޫ ރައްޔިތުން، މާރަންދޫގެ މުއައްސަސާތައް މި ޕްރޮގްރާމްގައި ބައިވެރި ވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް''
ހޯރަފުށީ ކައުންސިލުން ބުނެފައި ވެއެވެ.
ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި ހޯރަފުށީ ދާއިރާއަށް ނިސްބަތްވާ ތިން ސިއްހީ މަރުކަޒަކު ކަމުގައިވާ ހޯރަފުށީ ސިއްހީ މަރުކަޒާއި، އުލިގަމް ސިއްހީ މަރުކަޒާއި އަދި ތުރާކުނު ސިއްހީ މަރުކަޒުގެ އިތުރުން އެމްއެންޑީއެފުންނާއި، އެމްޓީސީސީއިން ވެސް މީގެ ކުރިން ވަނީ ބައިވެރިވެ ގަސް އިންދާފައެވެ. އަދި މީގެއިތުރުން ވެސް ހޯރަފުށީގެ އެކި ކްލަބް، ޖަމްޢިއްޔާތަކާއި، އެކި ގްރޫޕްތަކާއި އަދި ޢާއިލާތަކުން އަންނަނީ އެރަށު އެއަރޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި ގަސް އިންދަމުންނެވެ.
މިހަރަކާތުގެ ދެ ބައިވެރިއަކު ގަސް އިންދުމަށް ތައްޔާރުވަނީ
21 ޖޫން 2019 ވީދުވަހު ހޯރަފުށީގައި 500 ގަސް މުޑުވައްކުރުމުގެ ޕްރޮގްރާމެއް ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ ފައްޓަވައިދެއްވައިފައެވެ. މި ޕްރޮގްރާމުގެ ތެރެއިން 10،000 ގަސް މުޑުވައް ކުރުމަށް ވަނީ ނިންމާފައި ކަމަށް ހޯރަފުށީ ކައުންސިލުން އެދުވަހު ވަނީ ހާމަ ކޮށްފައިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ "ހޯރަފުށި އެއާޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ" މިޝިއާރުގެ ދަށުންނެވެ.
ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.
ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 93 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ހަލުވިކަމާއިއެކު ތަރައްޤީ ކުރުމުގެ މަސައްކަތްތައް ހިނގަމުންދާ، ހޯރަފުށިގައި ތަރައްޤީކުރާ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި 8635 ކިއުބިކް މީޓަރުގެ އޭޕްރޮން އަދި ޓެކްސީ ވޭއެއް ހަދަން ނިންމާފައިވާއިރު، 9473 ކިއުބިކް މީޓަރުގެ ޕާކިން އޭރިއާއަކާއި 1718 ކިއުބިކް މީޓަރުގެ ފަޔާ އެކްސެސް ރޯޑެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ.
އޭގެ އިތުރުން 842,200 ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރު އޮގަސްޓު މަހު ވަނީ ނިމިފަ އެވެ. ހޯރަފުށީ އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ސަރުކާރުން ސޮއިކޮށްފައިވަނީ 25 މާރިޗު 2019 ވަނަ ދުވަހުއެވެ.
އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!